އެކި އެކި ޖަމިއްޔާތަކަށް ސަރުކާރުން ދޫކޮށްފައިވާ ބިންތަކުން ހާއްސަކޮށް ނޭޝަނަލް ޗެމްބާ އޮފް ކޮމާސް އަށް ދޫކޮށްފައިވާ ބިމުން ފައިދާއެއް ހޯދާތަން ނުފެންނަ ކަމަށް އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގް ވިދާޅުވެއްޖެ އެވެ.

Advertisement
ފިރާގް ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެމްއެންސީސީއައި) އަދި މަޓީ ފަދަ ޖަމިއްޔާތަކަށް ސަރުކާރުން ދޫކޮށްފައި ހުރި ދޫކުރީ އަމިއްލަ އޮފީސް ކޮމްޕްލެކްސް ތަރައްގީ ކުރުމަށްކަމުގައި އެވެ.
ފިރާގް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި އެއީ މިހާރު އެމްއެންސީސީއައި ދާއިމީ މައި މަރުކަޒަކަށް ވެގެން ޗެމްބަރަށް ދެމެހެއްޓެނިވި އާމްދަނީއެއް ލިބޭނެ ތަނެއް ތަރައްގީ ކުރެވިގެން ދިއުމަށް ލިބިގެން ދިޔަ ފުރުސަތެއް ނަމަވެސް އަދި އަދަށް ދާން ވެސް މި ތަސައްވުރު ހަގީގަތަކަށް ވެގެންދާތަން ފެނިގެން ނުދާ ކަމުގައި އެވެ.
"ހަމައެއާއެކު މަޓީއަށް ވެސް ބިން ދޫކުރެވި، އެ ޖަމިއްޔާތަކުގެ މައި އޮފީސް ކާމިޔާބުކަމާއެކު ގާއިމްކޮށް ހިންގަމުން އަންނަ ކަމަށް ވެސް ފާހަގަ ކޮށްލަންޖެހޭ މިކަމުން އުފެދޭ މުހިންމު ސުވާލަކީ، ފުޅާ ވިޔަފާރި މުޖުތަމައު ތަމްސީލުކުރާ ޗެމްބަރަށް ވެސް އެކަން ހާސިލް ނުކުރެވުނީ ކީއްވެގެން ތޯ؟" އެ ޕޯސްޓުގައި ފިރާގް ވިދާޅުވި އެވެ
ބިމުގެ ހާލަތާއި، ތަރައްގީގެ ޕްލޭންތަކާއި، ކުރިއަށް އޮތް އަޕްޑޭޓެއް ލިބުން ވެސް ވިޔަފާރިވެރިންނަށް ހައްގު ކަމަށް ދެކޭ ކަމަށް އޭނާ އެ ޕޯސްޓުގައި ވަނީ ވިދާޅުވެފައި އެވެ. ހަރުދަނާ ޗެމްބަރަކަށް ބޭނުންވަނީ އެ ޗެމްބަރެއްގެ މެމްބަރުންނާއި ގައުމުގެ އަމިއްލަ ވިޔަފާރި ދާއިރާއަށް ރަނގަޅަށް ހިދުމަތް ދިނުމަށްޓަކައި ހަރުދަނާ އަދި ދެމެހެއްޓެނިވި ޖަމިއްޔާއެއް ކަމަށް ފިރާގް ފާހަގަ ކުރެއްވި އެވެ.
އެމްއެންސީސީއައިގެ ތާރީހީ ރިޕޯޓްތަކުގައި ވެސް ފާހަގަކޮށްފައިވާ ގޮތުގައި މި މަޝްރޫއަށް ފައިސާ ހޯދަމުންދާ ކަމެއް ނުވަތަ ނޫން ކަމެއް އަދި ބިން ފަޅުކޮށް އޮވެ ކުރިއެރުން ނުލިބުމަކީ އާންމުންނަށް ސާފުވާންޖެހޭ މައްސަލައެއް ކަމަށް ދެކޭ ކަމަށް ފިރާގް ވަނީ ފާހަގަ ކުރައްވާފައި އެވެ.
މީގެ 32 އަހަރު ކުރިން އުފެއްދި މޯލްޑިވްސް ނޭޝަނަލް ޗެމްބާ އޮފް ކޮމާސްއަކީ ވިޔަފާރީގެ އެކި އެކި މައްސަލަތަކުގައި ވިޔަފާރިވެރިން ތަމްސީލު ކުރަމުން ދިޔަ ޖަމިއްޔާއެކެވެ. ނަމަވެސް މެދުއިރުމަތީގެ ހަމަނުޖެހުމިުގެ މި ނާޒުކް ހާލަތުގައި އެ ޖަމިއްޔާގެ އަޑު އެއްވެސް ވަރަކަށް ނީވެ އެވެ. ސަރުކާރުން އެކުލަވައިލާ އެކި އެކި ސިޔާސަތުތައް ބައްޓަން ކުރުމުގައި
ޗެމްބާ އޮފް ކޮމާސް ނެތުމުން ވަރަށް ބޮޑު ނިކަމެތިކަމެއް ލިބޭ ކަމަށް ވިޔަފާރިވެރިން އަންނަނީ ބުނަމުން ނެވެ.