މަޖިލީހުން ހޮވާ މީހާ ވަކި ކުރުމުގައި މަޖިލީހުން ގޮތް ނިންމުމުން، އެއީ އެންމެ ފަހުގެ ގޮތް ކަމަށް ކަނޑައެޅި އެނިންމުން ތަންފީޒުވާ އުސޫލުން ރައްޔިތުންގެ ތާއިދާއެކު އަންނަ މީހާ ވެސް އޭނާގެ މަގާމުން ވަކި ވާން ޖެހޭނެ އުސޫލަކީ ރައްޔިތުންގެ ތާއީދު ނެތް ހާލަތު އުފަންވެ އެކަން ސާބިތު ވެއްޖެ ނަމަ އެ މީހާގެ މަގާމު ވެސް ގެއްލުމެވެ.
މި އިންސާފުވެރި ބަދަލު އަންނަންޖެހޭ މައިގަނޑު އެންމެ ބޮޑު ބަދަލަކީ ހިންގުމުގެ އިސް މީހާގެ މަގާމަށް އޭނާ އަންނަނީ އެ މަގާމު ހޯދުމުގެ ތެރޭގައި ދައްކާ ވާހަކަތަކުގެ މައްޗަށް އުފަންވާ ނުވަތަ އޭނާއަށް އޮތް ތާއިދެއްގެ ސަބަބުން ކަމަށް ވާތީ އެވެ. އެ ގޮތައް ހިނގާކަންކަމަށް "ސޯޝަލް ކޮންޓްރެކްޓް" އޭ ކިޔާ އުޅެ އެވެ. އެ ފަދަ އެއްޗެއް އުފަންވެގެން މަގާމެއް ލިބޭ ނަމަ އެ އެއްޗެއް އުފަންވި ސަބަބު ނެތް ހާލަތެއް މެދުވެރި ވެއްޖެ ނަމަ އުފަންވި ކަމަކުން ލިބުނު އެއްޗެއް އޮތް ނަމަ އެ އެއްޗެއް ގެއްލެން ޖެހެން ވާނީ ލިބުނު މަގުން ނެވެ.
އެއީ އިންތިހާބީ މަގާމެއްގައި ހުރި މީހެއް ނަމަ ރައްޔިތުންގެ ވޯޓުން "ހޮވި" މީހާ ރައްޔިތުންގެ ވޯޓުން "ބޭރު" ކުރުމެވެ. އެޕާޓްމަންޓެއް ހިފަނީ މަހު ކުޔަށް ވަކި އަދަދެއް ދައްކަން އެއްބަސް ވެގެން ކަމަށްވެފައި އެ ފައިސާ ނުދައްކާނަމަ "ކޮންޓްރެކްޓް" ބާތިލްވާ އުސޫލުން އަދި ވަކިން ހާއްސަކޮށް މުޅި ރައްޔިތުންނާއި ދައުލަތުގެ މަސްލަހަތުގައި ވެވޭ "ސޯޝަލް ކޮންޓްރެކްޓް" ތަކާއި ހިލާފުވުމުން އެމީހެއް ޒިންމާއިން ދުރުކުރެވިގެން ނޫނީ ފާއިތުވި 18 އަހަރުން ލިބުނު ގެއްލުންތަކުން އަރައިގަނެވޭނެ ކޮޅުމައްޗެއް ނުފެނެ އެވެ.
މަގާމު ހޯދުމަށް ދައްކާ ވާހަކަތަކާއެއް ގޮތައް ކަންކަން ކުރާނެ ކަމަށް ބަލައިގެން ދޭ ވޯޓަކުން ލިބޭ މަގާމުގައި ދެމި ހުރެވެން ޖެހޭނީ ދެއްކި ވާހަކަ އާ އެއްގޮތަށް އަމަލުކޮށް އަދި ދައްކާ ވާހަކަ ވެސް އެ ގޮތުގައި ހުންނަ ހާލަތުގަ އެވެ. ވައުދާއި ހުވާކޮށް، އަހުދާއި ހިލާފުވުމުން "އަދަބު" ލިބޭނެ ހިންގުމުގެ އޮނގަޑެއް ލިބިގެން ނޫނީ އަހަރުން އަހަރަށް ދައުލަތަށް މި ލިބެމުންދާ ގެއްލުން ތަކުން ސަލާމަތް ކުރެވޭނެ މަގެއް ނުފެނެ އެވެ.
މިއީ ހަގީގަތެއް ކަމަށް ނުދެކޭ ނަމަ، މަގާމު ލިބުމަށް އުފަން ކުރުވާ ސަބަބުތަކުގައި އިތުރު ސިފަ އާއި ޝަރުތުތައް ނުހިމަނާ ދޫކޮށްލައިގެން ތިބުމަކީ ދުނިޔެވީ އިންސާފުވެރި ހަމައެއް ކަމަށް ބަލާ ނަމަ އެ ބެލުމުގައި އިންސާފުވެރިކަން ހުންނާނެ ހެއްޔެވެ.؟
ގާނޫނު އަސާސީގެ މާއްދާ 4 ގައި އެ ބުނާ މަސްދަރަކީ ރައްޔިތުން ކަމަށް ވާއިރު، އެ މަސްދަރުގައި ހިމެނޭ "ބޮޑު ބާރު" - ރައީސުލްޖުމްހޫރިއްޔާ ވެސް ފަންކުޝަނަލް ވަނީ އިންތިހާބެއްގެ ތެރެއިން ކަން ސާފުވާއިރު ރައީސުލްޖުމްހޫރިއްޔާ ހިމެނޭހެން ޖެނެރަލް އިލެކްޝަނަކުން އުފަންވާ ސަރުކާރަކާއި މަޖިލީސް މެންބަރުން "ވަކިކުރުމުގައި" ރައްޔިތުންގެ ކިހާ ބޮޑު ތަމްސީލެއް ހަގީގަތުގައި އޮވޭ ތޯ މީ މިއަދު އުފަންދަން ޖެހިފަ އޮތް އިތުރު ސުވާލެއް ނޫން ހެއްޔެވެ؟
މުޅި ރާއްޖޭގެ ހިންގުމުގެ ނިޒާމް ރަނގަޅުވާން އޮތީ ކުރިއަށް އޮތް 10 އަހަރު ނަމަވެސް އިންތިހާބުގައި ވާދަ ނުކުރާ މީހުން އިސްވެތިބެ އިސްލާހީ ހަރަކާތެއް ފަށާ ރާއްޖޭގެ ހިންގުމުގެ އޮނިގަނޑު ދިރާސާކޮށް ގާނޫނޫ އަސާސީ އަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ގެންނެވެ.
އެގޮތުން ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް ގެނެވިދާނެ ބައެއް އިސްލާހުތައް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ.
ހިންގުމުގެ އޮނިގަނޑެއް އެކަށައަޅައި، ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ޔަގީން ކުރުމަށް ގާނޫނު އަސާސީގައި ހިމެނުމަށް ގޮވާލާ މައިގަނޑު އެއް ކަންކަމަކީ "ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނިންމުންތައް ރިވައިޒް ކުރަން އެންގުމުގެ ދުސްތޫރީ ބާރުވެރިކަން ރައްޔިތުންނަށް ހޯދުން"
ހުށަހެޅުން:
ނަތީޖާ:
އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.
މި މި ފަދަ ބަދަލު ތަކެއް އަވަސް މުސްތަގުބަލެއްގައި ރާއްޖެ އަށް ނުގެނެވިއްޖެ ނަމަ، ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލަށް އޮތް ބޮޑު ނުރައްކަލުގެ ރަނގަބީލުގެ އަޑު މިހާރު ވެސް ރަށު ތެރެއިން އަންނަނީ އިވެމުން ނެވެ. ވޯޓުން ހޮވިގެން ސަރުކާރު ހިންގަން ހަވާލުވާ މީހުން/މީހާ ވޯޓުން ބޭރުކުރުމުގެ ބާރު ރައްޔިތުންނަށް ނުލިބިދާ ކޮންމެ ދުވަހަކީ ގައުމުގެ މުސްތަގުބަލު "ސިޔާސީ ވަގުންގެ" އަޅުވެތިކަމުގެ ތެރެއަށް ހުށަހެޅިގެންދާ ފަނާކުރުވަނިވި އަމަލަކަށް ނުވާނެ ބާވަ އެވެ.؟
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;