ބޭރު ފައިސާއާ ބެހޭ ގާނޫނުގައިވާ ކެޓަގަރީ "އޭ" ގެ ތަންތަނުން (ރިސޯޓުތަކުން) ޖުމްލަ ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަން ލާޒިމްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އިސްލާހެއް އަންނަނީ ތައްޔާރުކުރަމުންނެވެ.
މިފަދަ އިސްލާހެއްގެ ވާހަކަ ދެކެވެވުން އަންނައިރު، ރާއްޖޭގައި ޑޮލަރުގެ ޑިމާންޑް ބޮޑުވެގެން އުޅެނީ ސަރުކާރުތަކުން ފިޔަވަޅު އެޅުމަށް ފަސް ޖެހޭތީ ކަމަށް ކުރީގެ ގަވަރުނަރު އަލީ ހާޝިމް މިފަހުން ވަނީ ވިދާޅުވެފަ އެވެ.
"ސީއެންއެމް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަލީ ހާޝިމް ވިދާޅުވީ ގައުމުތަކުގައި އެތަންތަނުގައި މާލީ މުއާމަލާތް ކުރާނެ ވަކި ފައިސާއެއް ކަނޑައަޅާފައި ހުންނަ ކަމަށާއި އެ ފައިސާއަކީ އާންމުކޮށް އެގައުމެއްގެ ފައިސާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ފައިސާއަކީ ދިވެހި ރުފިޔާ ކަމުގައި ވިޔަސް ދިވެހި ރުފިޔާގެ ބޭނުން ކުރަން ލާޒިމް ކުރަން ސަރުކާރުތަކުން ފަސް ޖެހޭ ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަތީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކެއްގެ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށްދާ ކަމަށް ބުނެ އެވެ.
މެންބަރު މައުރޫފް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވަނީ، މިހާރު ކަނޑައަޅާފައިވާ ބޮލަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން އޮންނަ އުސޫލު ބަދަލުކޮށް، ޖުމްލަ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނު އިސްލާހުކުރަން ސަރުކާރުން ނިންމުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށާއި އިގުތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމެއް ކަމަށެވެ.
އަދި ޑޮލަރު މާރުކުރުމުގެ މުއްދަތު ތިން މަހުން އެއް މަހަށް ކުރުކުރުމާއި، ބޭންކުތަކަށް މާރުނުކުރާ ފައިސާ ހޭދަކުރާ ގޮތް ބެލޭނެ އުސޫލުތަކެއް ހަދަން އުޅޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ހާމަކުރައްވާފައިވާކަން ވެސް މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ.
މީގެއިތުރުން، ރާއްޖޭގެ 146 ރިސޯޓު ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވެސް އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ ކުރެވޭނެ އަދި ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް ބުނެފައިވާކަން މައްސަލައިގައި ބަޔާންކޮށްފައިވެ އެވެ.
މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ސަރުކާރަށް ގޮވާލާފައިވަނީ ސަރުކާރުގެ އެ ނިންމުންތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިނުވަނީސް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އިންސާފުވެރި ހައްލެއް ހޯދުމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރަައީސް އަހުމަދު ސަލީމް ވަނީ ބޭރު ފައިސާއާބެހޭ ގާނޫނަށް ގެންނަ އިސްލާހު ގެނައުމުގެ ބިލް، މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސް މިއަދުގެ ޖަލްސާގައި އޮތްކަން ފާހަގަކުރައްވާ މައުރޫފްގެ ކުއްލި މައްސަލަ ހުށަހެޅެން ނެތް ކަމަށް ވިދާޅުވެފަ އެވެ.
އެމްއެމްއޭގެ މިއަދުގެ ނިންމުމާ ގުޅިގެން މަޓީން ނެރުނު ބަޔާނެއްގައި ވަނީ، ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި ކުއްލި ބައްދަލުވުމަކަށް މަޓީގެ އެގްޒެކެޓިވް ބޯޑު އިއްޔެ ރައީސް އޮފީހަށް ހާޒިރުކުރި ކަމަށެވެ. އަދި، ގާނޫނާ ހިލާފު މުއާމަލާތްތަކެއްގެ ތެރެއިން ބޭރު ފައިސާގެ ކަޅު ބާޒާރު ހިންގުމަށާއި ޑޮލަރުގެ އަގު ބޮޑު ކުރުމުގައި ބައެއް ރިސޯޓު އޮޕަރޭޓަރުން ބައިވެރިވާ ކަމަށް ތަހުގީގުތަކުން ހާމަވި ކަމަށް، އެ ބައްދަލުވުމުގައި އެންގި ކަމަށް މަޓީން ބުންޏެވެ.
އެ ޖަމިއްޔާއިން 146 ރިސޯޓެއް ތަމްސީލުކުރާއިރު އެއީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑަށް އިންވެސްޓްކުރާ، ބޭރު ފައިސާ ހޯދައިދޭ އަދި މާރުކުރާ ވިޔަފާރިތައްކަން މަޓީން ވަނީ ހަނދާންކޮށްދީފަ އެވެ. އަދި ގައުމުގެ ބޭރު ފައިސާގެ ހާލަތު ހިމެނޭހެން، ގައުމީ އިގްތިސާދީ މުހިންމު ކަންކަމުގައި އެ ސިނާއަތުން އަބަދުވެސް ސަރުކާރާއެކު އިހުލާސްތެރިކަމާއެކު މަސައްކަތްކޮށްފައިވާނެކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;