އިކޮނޮމިކް މިނިސްޓްރީން ބުނީ މިނިސްޓްރީ އާއި ޗައިނާ އެމްބަސީ ގުޅިގެން އިންތިޒާމުކުރި އެ ހަރަކާތަކީ ރާއްޖޭގައި އިލެކްޓްރިކް އޭވިއޭޝަން ބޭނުން ކުރެވިދާނެ ދާއިރާތައް ދެނެގަތުމުގެ ފުރުސަތު ކަމާބެހޭ އިދާރާތަކަށާއި ވިޔަފާރިތަކަށް ފަހިކޮށް ދިނުމަށް ކުރިއަށްގެން ދިޔަ ކަމެއް ކަމަށެވެ.
މިކަން ހަރަކާތުގައި އިކޮނޮމިކް މިނިސްޓްރީ އާއި ޗައިނާ އެމްބަސީއާ އެކު އެމްއެންޑީއެފް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ފުލުހުންގެ ހިދުމަތުން ބައިވެރިވި އެވެ. އަދި އެކަން ކުރިއަށް ގެންދިޔައީ ހުޅުމާލޭ ފޭސް 1 ގެ ޗެނަލް ސަރަހައްދުގައި ހެނދުނު 9:00 ގަަ އެވެ.
އީވީޓޯލް (އިލެކްޓްރިކް ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިން) އަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އަންނަމުންދާ އެންމެ ޒަމާނީ އިންގިލާބީ ބަދަލެވެ.
އާންމުކޮށް ބޭނުންކުރާ ހެލިކޮޕްޓަރެއް ފަދައިން ސީދާ މައްޗަށް އެރޭ އަދި ތިރިކުރެވޭ ގޮތަށް މުޅިންވެސް ކަރަންޓު ބޭނުންކޮށްގެން ދުއްވާ މި އުޅަނދަކީ ޖައްވަށް ވިހަގޭސް ބޭރުކުރުން ސުމަކަށް ތިރިކޮށްދޭ އުޅަނދެކެވެ.
ރާއްޖެ ފަދަ ގައުމަކަށް، މިފަދަ ޒަމާނީ އުޅަނދުތަކަކީ އިމަޖެންސީ ހާލަތްތަކުގައި މީހުން އުފުލުމަށާއި އަވަސް ދަތުރުފަތުރަށް ހުޅުވިގެންދާ ވަރަށް އުންމީދީ ދޮރެއް ކަން ފާހަގަކުރެވެ އެވެ.