ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކާނިވަލުގައި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ވިޔަފާރިކުރުމާއި އާއިލީ ގުޅުން ބަދަހިކުރެވޭނެ ތަފާތު ހަރަކާތްތައް ކުރިއަށްދާނެއެވެ.
ނޮވެންބަރު 11 އިން 14 ގެ ނިޔަލަށް ބާއްވާ މި ކާނިވާ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައިއެވެ. ކާނިވާ ކުރިއަށްދާ ސަރަހައްދުގައި އެކި ބާވަތްތަކުގެ މުދަލާއި ކާބޯތަކެތި ވިއްކާ ގިނަ އަދަދެއްގެ ވިޔަފާރި ސްޓޯލްތަކުގެ އިތުރުން، ހުރިހާ އުމުރުފުރައަކާ ވެސް ގުޅޭ މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރުތައް ވަނީ އިންތިޒާމުކޮށްފަވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މި އަހަރުގެ ކާނިވަލުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ސްވައިޕް ވޮލެޓް ބޭނުންކޮށްގެން ފައިސާ ދައްކާ ފަރާތްތަކަށް ހިންގާ ހާއްސަ ޕްރޮމޯޝަނެވެ. މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލްގެ ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މިގޮތުން ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކުގެ ތެރޭގައި 5 މެކްބުކް ނިއޯ އަދި 2 ބެޓެރި ސައިކަލު ހިމެނެއެވެ.
ކާނިވާގައި ބައިވެރިވާ ސްޓޯލްތަކުން ސްވައިޕް ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް މި ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ނޮވެންބަރު 11 ވަނަ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ނޮވެންބަރު 14 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށެވެ.