ads
ބަންކަރިން ފެށުމަށް ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވާހަކަ ދައްކަވަނީ
ބަންކަރިން ވިޔަފާރީގެ އާމްދަނީ އަހަރުން އަހަރަށް އިތުރުވަމުން އެބަދޭ: ޝިމާދު
އެސްޓީއޯއިން ފެށި ބަންކަރިން ވިޔަފާރީގެ އާމްދަނީ އަހަރުން އަހަރަށް އެތައް ގުނައަކުން އިތުރުވަމުން އަންނަ ކަމަށާއި އެއީ ރަނގަޅު ވިޔަފާރިއެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ޝިމާދު އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝިމާދު ވިދާޅުވީ، 2024 ވަނަ އަހަރު ބަންކަރިން ވިޔަފާރި ފަށައި، އާ އުފެއްދުމެއް ކަމަށްވާ ވީއެލްއެސްއެފް ވިއްކަން ފެށުމަކީ އެސްޓީއޯއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެގޮތުން އެ މަސައްކަތް ފެށިތާ ފުރަތަމަ ދެތިން މަހު ގާތްގަނޑަކަށް 2.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު، ޖެހިގެން އައި 2025 ވަނަ އަހަރު އެ އަދަދު ވަނީ 18 މިލިއަން ޑޮލަރަށް އަރައިފަ އެވެ. އަދި މިއަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް އެ ވިޔަފާރިން 70 މިލިއަން ޑޮލަރަށް ވުރެ އިތުރަށް އާމްދަނީ ލިބިފައިވާ ކަމަށް އޭނާ ހާމަކުރެއްވި އެވެ.

"މިދިޔަ 2025 ގައި 18 މިލިއަން ޑޮލަރު. އެހެންވީމާ ވަރަށް ބޮޑު ކުރިއެރުމެއް އެއީ. ދެން މިއަހަރު މިހާތަނަށް އޮކްޓޯބަރާ ހަމައަށް އަޅުގަނޑުމެންނަށް މި ވިޔަފާރިން ގާތްގަނޑަކަށް 70 މިލިއަން ޑޮލަރަށް ވުރެ އިތުރަށް އާމްދަނީ ލިބިއްޖެ. އެހެންވީމާ މިދަނީ ވަރަށް ބޮޑު އެކްސްޕޯނެންޝަލް ގްރޯތަކަށް،" ޝިމާދު ވިދާޅުވި އެވެ.

ޝިމާދު ފާހަގަކުރެއްވި ގޮތުގައި އެސްޓީއޯއިން މި ވިޔަފާރި ތައާރަފް ނުކުރިނަމަ އެ ހުރިހާ ފައިސާއަކީ ގައުމުން ބޭރަށް ދާނެ ފައިސާ އެވެ. އަދި ރާއްޖޭގެ ސަރަހައްދުގައި އެ ބާވަތުގެ ތެޔޮ އެޅުމާއި ބަންކަރިންގެ އެހެނިހެން ހިދުމަތްތަކުގެ ފައިދާ ވެސް ނަގާނީ ބޭރުގެ ފަރާތްތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، މިހާރު މި މަސައްކަތް ކުރިއަށްދަނީ "ޑެމޮންސްޓްރޭޝަނެއް"ގެ ފެންވަރުގައި ބޯޓުތައް ބޭނުންކޮށްގެން ކަމަށާއި، މި ވިޔަފާރި އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އެއްގަމުގައި ތެޔޮ ރައްކާކުރާނެ ވަސީލަތްތައް ބޭނުންވާ ކަމަށް ޝިމާދު ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ އިހަވަންދިއްޕޮޅު ފަދަ ސަރަހައްދުތަކުގައި ތެޔޮ ރައްކާކުރާނެ ޖާގަ ގާއިމްކުރުމަކީ މުހިންމު ކަމެއް ކަމަށާއި، މިހާތަނަށް ލިބިފައިވާ އާމްދަނީގެ އަދަދުތަކުން މިއީ އިތުރަށް ކުރިއަށް ގެންދަން ހިތްވަރު ލިބޭ ފަދަ ފައިދާހުރި ވިޔަފާރިއެއްކަން ސާބިތުވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް