ވޯލްޑް ބޭންކުން ނެރުނު "ޑިމޮގްރަފިކް ޗޭންޖް އިން ސައުތު އޭޝިއާ" ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދެކުނު އޭޝިއާގެ ގިނަ ގައުމުތައް "މުސްކުޅި ވަނީ މުއްސަނދިވުމުގެ ކުރިން" ނެވެ. އޭގެ މާނައަކީ ދުނިޔޭގެ އެހެން ގައުމުތައް މިފަދަ އާބާދީގެ ބަދަލަކާ ކުރިމަތިލީއިރު ހުރި އާމްދަނީގެ އަށްވުރެ ދަށް ފެންވަރެއްގައި މި ސަރަހައްދުގެ ގައުމުތަކުން އެ މަރުހަލާ ނިންމާލަން ޖެހުމެވެ. ނަމަވެސް، އާބާދީ ދުވަސްވީ އާބާދީއަކަށް ބަދަލުވާއިރު، އެހެން ތަރައްގީވަމުން އަންނަ ގައުމުތަކުން މިކަމާ ކުރިމަތިލީ އާމްދަނީގެ އަށް ވުރެ ރަނގަޅު ފެންވަރެއްގައި އެ މަރުހަލާއަށް ވާސިލުވާނެ ކަމަށް ލަފާކުރެވޭ ހަމައެކަނި ދެކުނު އޭޝިއާގެ ގައުމަކީ ރާއްޖެ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މިއީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފައިދާއެއްގެ ގޮތުގައި ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އާބާދީ މުސްކުޅިވުމާ ގުޅިގެން ކުރިމަތިވާ ހަރަދުތައް ބެލެހެއްޓުމުގެ ގާބިލުކަން އަވަށްޓެރި އެހެން ގައުމުތަކަށްވުރެ ރާއްޖެއަށް ބޮޑުވާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް ޕެންޝަން ދިނުމާއި، ދިގުމުއްދަތަށް ބަލަހައްޓަންޖެހޭ ބަލިތަކަށް ފަރުވާ ދިނުމުގެ ހަރަދުތަކާއި، އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ހަރަދުތައް ހިމެނެއެވެ.
ބޫޓާން ފިޔަވައި ދެކުނު އޭޝިއާގެ ހުރިހާ ގައުމެއްގައި ވެސް ޕެންޝަން ސްކީމަކަށް ފައިސާ ނުދައްކާ ދުވަސްވީ މީހުންނަށް ދައުލަތުގެ ޓެކުހުން ޚަރަދުކުރާ އަސާސީ ޕެންޝަނެއް ދެމުން އަންނައިރު، ރާއްޖޭގައި މިކަން ތަންފީޒުކުރަނީ "އޯލްޑް އޭޖް ބޭސިކް ޕެންޝަން" ގެ ނަމުގައެވެ. ރިޕޯޓުގައި ބުނެފައިވަނީ، މިހާރު ރާއްޖެ ފަދަ ގައުމުތަކަށް އޮތް އެންމެ މުހިންމު މަސައްކަތަކީ ގައުމުގެ އިގްތިސޯދީ ހާލަތާ އެކަށޭނަ ގޮތެއްގައި މި ޕެންޝަން ލިބޭ މިންގަނޑުތަކާއި، އިނާޔަތްތަކުގެ މިންވަރާއި، އެކަމަށް ހިނގާ ޚަރަދުތައް އަލުން މުރާޖައާކޮށް ބައްޓަންކުރުން ކަމަށެވެ.
ރާއްޖެއަށް މި ފުރުސަތު އޮތް ނަމަވެސް، މުޅި ސަރަހައްދަށް ބަލާއިރު އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތައް އަދިވެސް އޮތީ ދަށު ފެންވަރެއްގައެވެ. އެގޮތުން ދެކުނު އޭޝިއާގައި އުމުރުން ދުވަސްވީ މީހުންގެ ތެރެއިން އެއްވެސް ބާވަތެއްގެ ޕެންޝަނެއް ލިބެނީ އެންމެ 10 އިންސައްތަ މީހުންނަށެވެ. އަދި މަސައްކަތްކުރާ އުމުރުގެ މީހުންގެ ތެރެއިން ސަރުކާރުން ކަނޑައަޅާފައިވާ ޕެންޝަން ސްކީމަކަށް ފައިސާ ޖަމާކުރަނީ އެންމެ 17 އިންސައްތަ މީހުންނެވެ. ވަޒީފާ އަދާކުރާ މީހުންގެ 88 އިންސައްތައަކީ ރަސްމީ ވަޒީފާތަކުގައި އުޅޭ މީހުންނެވެ. މީގެ އިތުރުން ސަރަހައްދީ ގައުމުތަކުގެ ޓެކްސް އާމްދަނީ ޖީޑީޕީގެ ނިސްބަތުން އެވްރެޖުކޮށް އުޅެނީ 12 އިންސައްތައަށްވުރެ ދަށުގައި ކަމަށާއި، ނަމަވެސް ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް މަދުވެގެން 15 އިންސައްތަ ބޭނުންވާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
އާބާދީގެ މި ބަދަލުން ލިބޭ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށްޓަކައި ވޯލްޑް ބޭންކުން ވަނީ މުހިންމު ހަތަރު އިރުޝާދެއް ދީފައެވެ. އޭގެ ތެރޭގައި މަސައްކަތްކުރާ އާބާދީ އިތުރުވަމުންދާ މި ދަނޑިވަޅުގައި ރަނގަޅު އާމްދަނީ ލިބޭ ވަޒީފާތައް އުފެއްދުމާއި، އާބާދީ މުސްކުޅިވުމުގެ ކުރިން ސިއްހީ، ޕެންޝަން އަދި ދިގުމުއްދަތުގެ ފަރުވާގެ ނިޒާމުތައް ބިނާކުރުން ހިމެނެއެވެ. އަދި މިހާރުވެސް ދުވަސްވީ އާބާދީ އޮތް ތަންތަނުގައި އެކަން ހަރުދަނާކޮށް މެނޭޖްކުރުމާއެކު، ކުޑަކުދިންގެ ކާނާއަށާއި، އިޖުތިމާޢީ ރައްކާތެރިކަމަށާއި، ޓެކްސް އިދާރާތައް ހަރުދަނާކުރުމަށް އިންވެސްޓްކުރުން ހިމެނެއެވެ.
ވޯލްޑް ބޭންކުން ފާހަގަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް 10 އަހަރަކީ އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދިކަން ހޯދުމަށް ރާއްޖެއަށް ލިބޭ އެންމެ ނާޒުކު އަދި އެންމެ މުހިންމު ދަނޑިވަޅެވެ.