ads
އިންޓަރނޭޝަނަލް އޮލިމްޕިކްސް ކޮމިޓީގެ ރައީސް ތޯމަސް ބާކް
އޮލިމްޕިކްސް ކެންސަލް ކުރަން ޖެހިދާނެ
އަންނަ އަހަރުގެ ޖުލައިއަށް ފަސްކޮށްފައިވާ ޓޯކިޔޯ އޮލިމްޕިކްސް ކެންސަލް ކުރަން ޖެހުމަކީ އެކަށީގެންވާކަމެއް ކަމަށް އިންޓަރނޭޝަނަލް އޮލިމްޕިކްސް ކޮމިޓީގެ ރައީސް ތޯމަސް ބާކް ވިދާޅުވެއްޖެއެވެ. ތޯމަސް ބާކް މިހެން ވިދާޅުވީ ބީބީސީ ސްޕޯޓްސްއާ ވާހަކަ ދައްކަވަމުންނެވެ.

މި އަހަރުގެ ޖުލައި މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ އޮލިމްޕިކްސް ވަނީ އަންނަ އަހަރުގެ ޖުލައި އަށް ފަސްކޮށްފަ އެވެ. އޮލިމްޕިކްސް ފަސްކުރީ ދުނިޔޭގައި ހަލުއި ކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ގޭމްސް ބޭއްވޭނެ ގޮތެއް ނެތުމުންނެވެ. އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް ބާކް ވިދާޅުވީ، މިހާރު ފަސްކޮށްފައިވާ ތާވަލާއި އެއްގޮތަށް ނުބޭއްވިއްޖެ ނަމަ ދެން ޖެހޭނީ ޓޯކިޔޯ އޮލިމްޕިކްސް ކެންސަލް ކުރަން ކަމަށެވެ.

ޖަޕާނުންވެސް ބުނެފައިވާހެން، މިހާރު އަލުން މި ކަނޑައެޅި ތާރީޚުގައި އެއްވެސް ސަބަބަކާ ހުރެ ނުބޭއްވިއްޖެ ނަމަ ދެން ޖެހޭނީ ކެންސަލްކުރަން. ދުނިޔޭގެ ހުރިހާ ކުޅިވަރު ކަލަންޑަރެއް އިރުއިރުކޮޅާ ބަދަލުކުރުން އެއީ ކުރެވޭނެ ކަމެއް ނޫން. އަންނަ އަހަރަށް ކަނޑައަޅާފައި މިހާރު އެއޮތް ތާރީޚުގައި ނުބޭއްވިއްޖެ ނަމަ ދެން ކެންސަލް ކުރުން ނޫން ގޮތެއް ނެތް.

އަންނަ އަހަރުގެ ޖުލައި މަހަށް އޮލިމްޕިކްސް ފަސްކޮށްފައިވާއިރު، ސިއްޙީ ތަޖުރިބާކާރުން ބުނަމުން އަންނަނީ އެ މުއްދަތުގައިވެސް އޮލިމްޕިކްސް ބޭއްވުމަކީ ނާދިރުކަމެއް ކަމަށެވެ. ސިއްހީ ތަރުރިބާކާރުންގެ ވާހަކައަކީ އޮލިމްޕިކްސް ބޭއްވޭނީ ކޮރޯނާއަށް ވެކްސިނެއް ހޯދިގެން ކަމަށެވެ. އެހެންނަމަވެސް ޓޯކިޔޯ ގޭމްސްގެ ޗީފްވެސްވަނީ ދެން އިތުރަށް ފަސް ނުކުރެވޭނެ ކަމަށާއި މިހާރު ކަނޑައަޅާފައިވާ ތާރީޚުގައި ނުބޭއްވޭނަމަ ދެން ޖެހޭނީ ކެންސަލް ކުރަން ކަމަށް ވިދާޅުވެފައެވެ.  

ހަތަރު އަހަރުން ހަތަރު އަހަރުން ބާއްވާ އޮލިމްޕިކްސްއަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދެވެ. ޓޯކިޔޯ އޮލިމްޕިކްސްގައި ތެއްތިރީސް ކުޅިވަރަކުން ތިން ސަތޭކައަށްވުރެ ގިނަ އިވެންޓް އޮންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް