ads
މަބްރޫކް އަޒީޒް--
އެންމެ އަވަހަށް ވެސް ސްކޫލުތައް ހުޅުވާނީ ޗުއްޓީއަށް ފަހު: މަބްރޫކް
ރާއްޖޭގެ ސްކޫލުތައް ދެން އެންމެ އަވަހަށް ވެސް ހުޅުވޭނީ ކުރިއަށް އޮތް ސްކޫލު ބަންދު ނިމުމުން ކަމަށް ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

މާޗު މަހުގެ ތެރޭގައި ސަރުކާރު ބަންދުކުރުމާއެކު ސްކޫލުތައް އޮތީ ބަންދުވެފަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް ސްކޫލުތައް ބަންދުކޮށްފައި އޮތްއިރު އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން މިމަހުގެ 21 ވަނަ ދުވަހު ވަނީ ފުރަތަމަ ޓާމުގެ ކިޔެވުން ނިމިފަ އެވެ. 

އަދި މެއި 31 އިން ފެށިގެން ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މިޑް ޓާމް ބްރޭކްގެ ގޮތުގައި ކަނޑައަޅާފައިވާއިރު ދެ ވަނަ ޓާމުގެ ކިޔެވުން ފެށޭނެ ކަމަށް އެކަޑަމިކް ކަލަންޑަރުގައި ވަނީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ސްކޫލު އެންމެ އަވަހަށް ހުޅުވުނަސް ހުޅުވޭނީ ކުރިއަށް އޮތް ސްކޫލު ބަންދު ނިމުމުން ކަމަށެވެ. އަދި ކިޔައިދޭން ފަށާނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި މަޝްވަރާ ކުރުމަށް ފަހު ކަމަށާއި އެ މަޝްވަރާތައް އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދާކަން ފާހަގަކުރައްވަ އެވެ. 

ރާއްޖޭގެ ސްކޫލުތަކުގެ ކިޔެވުން ހުއްޓިފައިވާއިރު ގްރޭޑް ދިހައެއްގެ ދަރިވަރުންނަށް އެކަށީގެންވާ މިންވަރަށް ޖީސީއީ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނަށް ތައްޔާރުވާން ވަގުތު ލިބިފައި ނުވާތީ އިމްތިހާނުތައް ވެސް ވަނީ ފަސްކޮށްފަ އެވެ. 

މިހާރު ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދެމުން އަންނަނީ ގޫގުލް ކްލާސްރޫމް މެދުވެރިކޮށެވެ. އެގޮތުން ބެލެނިވެރިންގެ މެދުގައި ހެދިފައިވާ ވައިބާ ގްރޫޕަށް ކިޔަވައިދޭނެ ގަޑިތައް ހިއްސާކުރަމުން އަންނައިރު ދަރިވަރުން ފިލާވަޅުތައް ބަރާބަރަށް ނިންމާތޯ ބަލަމުންދަނީ ވެސް އެފަދަ ވަސީލަތެއް މެދުވެރިކޮށެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލްކުރެވިފައިވާ މިދަނޑިވަޅުގައި ސަރުކާރުން ވަނީ ލޮކްޑައުނަށް ލުޔެއްދިނުމަށް ވެސް ނިންމާފަ އެވެ. އޭގެ ދަށުން ސަރުކާރުގެ އޮފީސްތަކާއި ބަލި ނެތް ރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު ދޭނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް