ads
ރައީސް ނަޝީދު މަޖިލީހުގައި -- ފޮޓޯ / މަޖިލިސް
ރައީސް ނަޝީދުގެ ރި ޓުވީޓު: އިންސާފަށް އެޅުނީ ހުރަސް!
ކުރީގެ ރައީސް އަބްދުﷲ ޔާމިނުގެ 61 އެއް ވަނަ އުފަން ދުވަހާއި ކުރިމަތިލެއްވިއިރު އެ މަނިކުފާނު އޮތީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލުގައެވެ.

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެމަނިކުފާނު ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފައެވެ. 

މި ދަނޅިވަޅުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލަމުން ގެންދިޔައީ ރައީސް ޔާމިން މިނިވަން ކުރުމަށެވެ. މިނިވަން ކުރަންވީ ސާފު ސީދާ ސަބަބެއް އެ ކޯލިޝަނަށް ނުބުނެވެއެވެ. 

ކޯވިޑު 19 ގެ ބިރުވެރިކަން ކުރިމަތި ވުމުން ރައީސް ޔާމިންގެ ސަޕޯޓަރުން އެދެނީ އެމަނިކުފާނު މިނިވަން ކުރުމަށެވެ. ރޯދަ މަސް އައުމުން ވެސް އެދެނީ އެ ހަމަ އެ އެދުމެވެ. އުފަން ދުވަސް އައުމުން ވެސް އެދެނީ އެ އެ ދުމެވެ. އީދު އަޔަސް އެދޭނީ ހަމަ އެ އެދުމެވެ. 

ރައީސް ޔާމިންގެ ސަޕޯޓަރުން އެދުނު ނަމަވެސް، ޖިނާއީ ކުށެއް ސާބިތުވުމުން އެންމެ ދެރަ ނިކަމެތި މީހާއާއި، ރައީސްކަން ކުރެއްވި މީހާވެސް އެ ކުށުގެ އަދަބު ލިބިގަންނަންޖެހެއެވެ. އެގޮތުން ރައީސް ޔާމިން ޖަލަށް ލާފައިވާ ކުށުގެ އަދަބު ފުރިހަމަ ނުވަނީސް މިނިވަންކޮށްފިނަމަ ޖަލުގައި ދެން ތިބި މީހުންނާއި ތަފާތު ކުރެވުނީއެވެ. އަދުލް އިންސާފަކީ ވަކި ފަންތިއެއްގެ ބަޔަކު ކުރިމަތިލާންޖެހޭ އެއްޗަކަށް އޭރުން ނުވާނެއެވެ. އަދަބުލިބޭނީ ނިކަމެތިންނަށް އެކަނިތޯއެވެ؟ 

ޖަލުގައި ތޮއްޖެހިގެން ދިރިއުޅޭ މީހުންނަށްވުރެ ރައީސް ޔާމިން މިހާރުވެސް އުޅުއްވާ ޖަލުގެ 'ގަނޑުވަރުކޮޅު' ތަނަވެސްވެފައި އެތައް ގުނައަކުން ހިތްގައިމެވެ. މިކަން މިހެން އޮއްވައި އަދިވެސް އެމަނިކުފާނު އެކަނި މިނިވަންކުރުމަށް ގޮވާލައި މިނިވަންކުރުމަކީ އިންސާފެއް ނޫނެވެ. 

ރައީސް ނަޝީދުގެ ރިޓުވީޓުގެ ހަގީގަތަކީ ކޮބައިބާ؟

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައީސް ޔާމީންގެ އުފަންދުވަހުގެ ތަހުނިޔާ ކިޔައި ކޮށްފައިވާ ޓްވީޓްތަކެއް ރައީސް ނަޝީދު ހުކުރުވިލޭރޭ ރި ޓުވީޓު ކުރެއްވުން ވެގެން ދިޔައީ އެތައް ބަޔަކު ހައިރާންކުރަނިވިކަމަކަށެވެ. އެއްބަޔަކު ހީކުރީ ރައީސް ނަޝީދުގެ ޓުވިޓާ ހެކްކޮށްލީކަމަށެވެ. ނަމަވެސް މިހާތަނަށްވެސް ޓުވިޓާ އެކައުންޓުން އެ ޓުވީޓުތައް ޑިލީޓެއްވެސް ނުކުރައްވައެވެ. އަދި ޓުވިޓާ ހެކްވިކަމަކަށްވެސް ރައީސް ނަޝީދު ވިދާޅެއް ނުވެއެވެ. އެހެންކަމުން އެއީ ގަސްތުގައި ކުރެއްވި ރި ޓްވީޓުތަކެއްކަން ޔަގީންވެއެވެ. 

މި ޓްވީޓުތައް ކުރެއްވި ކުރެއްވުމަކީ ސަރުކާރަށް ދިން އިންޒާރެއްކަމަށް ވުންވެސް ގާތެވެ. ސަބަބަކީ ކައުންސިލަރުންގެ ދައުރު ދިގު ކުރުމުގައި ގާނޫނު އަސާސީއަށް އިސްލާހު ގެންނައުމާމެދު ރައީސް ނަޝީދާއި، ސަރުކާރާއި ދެމެދު ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އެކަން ވަރަށްސާފެވެ. 

ގާނޫނު އަސާސީ އަށް ބަދަލު ގެނައުމުގެ މަސައްކަތް މިމަހުގެ 26 ،27 އަދި 28 ވަނަ ދުވަހު ކުރިއަށް ގެންދަން ނިންމާފައިވާއިރު، އެކަން އިއުލާނު ކުރެއްވުމަށް ފަހުވެސް ރައީސް ނަޝީދުވަނީ ގާނޫނު އަސާސީއަށް ބަދަލުގެނައުމަކީ މެންބަރުންގެ އަތް މަތީގައި އޮތްކަމެއްކަމަށެވެ. 

އިއްޒަތްތެރި މެމްބަރުން މިކަމުގައި ދެކެވެޑައިގަންނަވާ ގޮތް އެއީ އަޅުގަނޑާ ގުޅޭ ވާހަކައެއް ނޫން،" - ރައީސް ނަޝީދު -

ސަރުކާރުގެ ފަރާތުން، ކައުންސިލަރުންގެ ދައުރު ދިގު ކުރުމަށް ނިންމާފައިވާ ނިންމުން ގާނޫނުން އިސްލާހު ގެނެސްފައިވާއިރު ވެސް، ސަރުކާރުގެ ފަރާތުން އެދެނީ އެ ނިންމުމަކީ ގާނޫނު އަސާސީއަށް ބަދަލުގެނެސްގެން ނިންމަންޖެހޭ ނިންމުމަކަށް ހެދުންކަން ރައީސް ނަޝީދަށް ސާފުވާއިރު ވެސް އެކަން އެމްޑީޕީގެ ސުޕަ މެޖޯރިޓީ މެދުވެރިކޮށް ކުރައްވަން މާބޮޑު މަސައްކަތްތަކެއް އެމަނިކުފާނު ކުރައްވާތަނެއް ނުފެނެއެވެ.

މީގެ އިތުރުންވެސް ބައެއް އެހެންކަންކަމުގައި ވެސް ރައީސް ނަޝީދު ވަޑައިގަންނަވަނީ ސަރުކާރަށް ނުސީދާގޮތުން ބަސް ވިދާޅުވަމުންނެވެ. މިގޮތުން ދާދިފަހުން ރައީސް ނަޝީދު ވަނީ ކޮވިޑް ލޮކްޑައުންއާއި ގުޅިގެން މާލޭގައި ތާށިވެފައިވާ މީހުން އަނބުރާ ރަށަށް ގެންދާނެ އިންތިޒާމު ހަމަނުޖޭނަމަ، އިތުބާރު ނެތްކަމަށް ވެސް ނެގޭނެ ކަމަށް ވިދާޅުވެ ސަރުކާރަށް އިންޒާރެއް ދެެއްވާފައެވެ. 

އޭގެ ބަދަލުގައި ފެނުނީ އިދިކޮޅު ލީޑަރުގެ އުފަން ދުވަހުގެ އިދިކޮޅު ކޯލިޝަނުގެ އިސް ދެ ބޭފުޅުން ކުރެއްވި ޓްވީޓުތައް ރި ޓްވީޓު ކުރެއްވިތަނެވެ. އެ ޓްވީޓުތަކުގައި އެދިފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިވާވުމެއްނެތި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު މިނިވަންކުރުމަށެވެ. އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމަށެވެ.

ކޮވިޑް ކަންކަކަމުގައި ވެސް ރައީސް ނަޝީދު ގެންގުޅުއްވާ ފިލޯސަފީއާއި، ސަރުކާރުން ގެންގުޅޭ ފިލޯސަފީއާއި ފުށުއެރުންތަކެއް ހުރިކަން ރައީސް ނަޝީދުގެ ވާހަކަފުޅުން ހާމަވެއެެވެ.

ރައީސް ނަޝީދަކީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ވީހިނދު، ޖިނާއީ ދާއުވާއެއް ސާބިތުވެ، ޖަލުގައިހުންނެވި ބޭފުޅަކު ސިޔާސީ ބޭނުމެއްގައި ދޫކޮށްލުމަށް ގޮވާލާ ބައެއްގެ ޓްވީޓުތައް ރި ޓްވީޓް ކުރެއްވުމަކީ ރައްތިޔުންގެ މޫނުމަތީގައި ކޮޅުފައިން ޖެއްސެވުންފަދަ ކަމެއް ނޫންތޯއެވެ؟ 

ޖަލުގެ އާބާދީއަށްވުރެ ތިން ގުނަ އިތުރަށް މީހުން ޖަލަށްލައި ތޮއްޖައްސައިގެން ގެންގުޅޭއިރު، އަދި ހުކުމެއް ކުރުމެއްނެތި އެއްތައްބަޔަކު ރިމާންޑު ޖަލޭކިޔާ ތަނެއްގައި ބަންދުކޮށްގެން ގެންގުޅޭއިރު، އެ މަންޒަރު ރައީސް ނަޝީދަށް ނުފެންނަކީ އެ މީހުންގެ ފަހަތުގައި އެމަނިކުފާނު ބޭނުންފުޅުވާގޮތައް މަޖިލީހުގައި ވޯޓުދޭނެ މެންބަރުންކޮޅެެއް ނެތުމުންތޯއެވެ؟ ރައްޔިތުން ފެންނަނީ ވޯޓުކޮޅެއް ހޯދަންވީމާ އެކަނިތޯއެވެ؟ 

your imageއިދިކޮޅުކޯލިޝަނުގެ ލީޑަރުންގެ ޓްވީޓުތައް ރައީސް ޝަނީދު ރި ޓްވީޓު ކުރައްވާފަ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް