ads
ޔާމީން މިނިވަން ކުރުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަން ކުރުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ޑީއާރުޕީގެ ލީޑަރު، ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖެއަށް ފޯރައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓި އިގްތިސާދު ހީނަރުވެ ރައްޔިތުން ބިކަހާލުގައި ޖެހުމުގެ ފުރުސަތު ބޮޑުވެފައި އޮތް މިދަނޑިވަޅުގައި ރައީސް ޔާމީން ވަގުތުން ޖަލުން މިނިވަންކޮށް، އެމަނިކުފާނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައްދަލްކުރައްވާ ރައީސް ޔާމީންގެ ފަރާތުން މިވަގުތު ހޯއްދެވެން އޮތް އެހީތެރިކަމެއް ހޯއްދެވުމަށް ގޮވާލައްވާ ކަމަށެވެ. 

އެގޮތުން އެ މަޝްވަރާކުރުމަކީ މިވަގުތު ދިވެހި ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން ފާހަގަކޮށް ގަރާރުގައި ބުނެފައި ވަނީ ޗައިނާ އާއި ސައުދީ އަރަބިއްޔާގެ އެހީތެރިކަން މިހާރަށް ވުރެ ބޮޑަށް މިހާލަތުން ރާއްޖެ އަރައިގަތުމަށް އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. 

"މުޅި ދިވެހި ރައްޔިތުން އެއްގަލަކަށް އަރައި ސިޔާސީ ވާދަވެރިކަން ނެތިކޮއްލައި ގައުމީ ރޫހެއްގައި ރައްޔިތުންނާއި ގައުމު ސަލާމަތްކުރުމުގެ މާތް މަގްސަދުގައި ބުނެވިދިޔަ ކަންކަން ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން، މިގަރާރު ހުށަހެޅީމެވެ،"

މެމްބަރު ޖަބިރު އެފަދަ ގަރާރެއް މަޖިލީހަށް ހުށަހެޅުއްވިއިރު އިއްޔެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިންސާފު ނުލިބި ނުހައްގުން ރައީސް ޔާމީން ޖަލުގައި ހުންނެވުމަކީ ދިވެހި ގައުމަށް ލިބިގެންދިޔަ ބޮޑުހިތާމައެއް ކަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއް ރިޓްވީޓް ކުރައްވާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. 

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. 

އަދި ޖޫރިމަނާ ފައިސާ ކަމުގައިވާ ފަސް މިލިއަން ޑޮލަރު ނުވަތަ 77.1 މިލިއަން ރުފިޔާ، ހުކުމް ކުރި ދުވަހުން ފެށިގެން ހަމަސް ދުވަސް ތެރޭގައި ކޯޓަށް ދެއްކުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް