ads
މަޖިލިސް ރައީސް، ރައީސުލްޖުމްހުރިއްޔާ އަދި އުއްތަމަފަނޑިޔާރު--- ފޮޓޯ: ރައީސް އޮފީސް
ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން ލަފާދީފި
ލަފާ ދީފައިވަނީ އިންތިޤާލީ މާއްދާއެއް އިތުރު ކުރުމަށް
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ބޭތިއްބުމަށް ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް ސުޕްރީމް ކޯޓުން ލަފާ ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދިފައިވަނީ ދެކަމަކަށެވެ. 

މަޖިލީހުން އިސްތިޝާރީ ލަފައަށް އެދުނު ކަންކަން:

  1. ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމާއި ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ޤާނޫނީ ހަމައަކީ ކޮބައިތޯ؟
  2. ޤާނޫނުއަސާސީ ގައި ކައުންސިލްތަކަށް މެމްބަރުން އައްޔަނު ކުރަންޖެހެނީ ސިއްރު ވޯޓަކުންކަމަށް ބަޔާންކޮށްފައި އޮތްއިރު އެ މާއްދާ އިސްލާހު ކުރުމެއް ނެތި ޤާނޫނުއަސާސީއަށް ގެނެސްފައިވާ ފަސްވަނަ އިސްލާހަށް އިސްލާހެއް ގެނެސްގެން ކައުސިލަރުން އެމީހުންގެ މަގާމުގައި ދެމިތިބެނެކަމަށް ކަނޑައެޅުމުން ކުރިމަތިވެދާނެ ޤާނޫނީ މައްސަލަތަކަކީ ކޮބައިތޯ؟

ސުޕްރީމް ކޯޓުގެ ނިންމުން:

ސުޕްރީމް ކޯޓުން ނިންމާފައިވަނީ މިހާރު ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ބަދަލުގައި އެ ބިލު ނުވަތަ އެނޫންވެެސް ބިލަކުން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް، ނުވަތަ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް ބަދަލުގެނައުމުގެ ބަދަލުގައި އެ މަގުސަދު ހާސިލު ކުރުމަށް ޤާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތައް އިންތިގާލީ މާއްދާއެއް ހިމެނުމަށެވެ. 

އަދި އެގޮތަށް ގެނެވޭ އިސްލާހު ޤާނޫނުއަސާސީގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީހުން ފެށިގެން ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން މިހާރު މަގާމުގައި ތިބި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެކަމަށް ސަރީހަ އިބާރާތުން ބަޔާންކޮށްގެން މެނުވީ، މިކަމުގައި ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެކަމަށް ނުފެންނަކަމަށެވެ. 

ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފައިވާއިރު ސަރުކާރުގެ ފަރާތުން ވަނީ ޤާނޫނުއަސާސި އިސްލާހުކުރުމަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް މިއީ ޤާނޫނުއަސާސީ އިސްލާހު ކުރުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމަށް މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވުމުން މެމްބަރު ހަސަން ލަތީފް ވަނީ ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ވަކި ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް އެ ބިލުގެ ކޮމިޓީ މަރުހަލާގައި ބަންޑާރަނައިބާއި މަޖިލީހުގެ ކައުންސެލާ ޖެނެރަލް ވަނީ މިކަމަށް އޮތް ހައްލަކީ ޤާނޫނުއަސާސީ އިސްލާހު ކުރުން ކަމަށް ވިދާޅުވެފައެވެ. އެއާއި އެކު ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލު މަޖިލީހުގެ އެޖެންޑާގައި ތާވަލުކޮށް އޭގެ މަސައްކަތް ފެށިއެވެ. ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރި އިރު މެމްބަރުން ވަނީ އެކަމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ވެސް އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް