ads
މޯލްޑިވްސް ގޭސްގެ މުވައްޒަފުން ޑެލިވަރީގެ ހިދުމަތުގައި--
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މޯލްޑިވް ގޭހުގެ މުވައްޒަފުން ދެއްކީ ހިތްވަރު!
ކޮވިޑް-19 ފެތުރެމުންދާ މި ނުރައްކާތެރި ހާލަތުގައި ފްރޮންޓްލައިނުގައި މަސައްކަތް ކުރަން ނިކުތުމަކީ ކޮންމެ ކޮންމެ މީހެއްގެ ކިބައިގައި ހުންނާނެ ކެރުންތެރިކަމެއް ނޫނެވެ. ބަލީގެ ނުރައްކަލަށް ހުށަހެޅުނަސް ގައުމީ ވާޖިބެއްގެ ގޮތުގައި އެކަމަށް ކުރިމަތިލި އެއް ބަޔަކީ މޯލްޑިވްސް ގޭހުގެ ޑެލިވަރީގެ ހިދުމަތުގައި އުޅޭ މީހުންނެވެ.

މާލެ ސަރަހައްދު ލޮކްޑައުންއަކަށް ދިއުމާއެކު އާންމު ހާލަތެކޭ އެއްގޮތަށް ގެތަކަށް ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށި އެވެ. ގޭހަށް ނުޖެހި ގޭގޭގައި ކެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް މޯލްޑިވް ގޭހުގެ މުވައްޒަފުން މި ބިރުވެރި ހާލަތުގައި ވެސް މަސައްކަތަށް ނިކުތްއިރު މިހާތަނަށް އެ މަސައްކަތުގައި އުޅެނިކޮށް އެތަނުގެ 14 މުވައްޒަފަކަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. އެއާއެކު ބައެއް މުވައްޒަފުން އައިސޮލޭޝަނުގައި ތިބި ނަމަވެސް، މަސައްކަތް ހުއްޓައެއް ނުލަ އެވެ. އާ ހިތްވަރަކާއެކު އެ ކުޑަކުޑަ ޓީމު މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންގެ ހައްގުގަ އެވެ. 

މޯލްޑިވް ގޭސްގެ މާކެޓް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު އައިމިނަތު މުހައްމަދު ސައީދު "ސީއެންއެމް" އަށް ވިދާޅުވި ގޮތުގައި ކުޑަ ޓީމެއް މިވަގުތު އޮތް ނަމަވެސް ކޮންމެ ދުވަހަކު ވެސް ޓީމު މަސައްކަތް ނިންމާލަނީ އެ ދުވަހެއްގައި ލިބޭ ހުރިހާ އޯޑަރެއް ޑެލިވާކުރުމަށް ފަހެވެ.

އައިމިނަތު ވިދާޅުވީ، މޯލްޑިވް ގޭހުގެ ޑެލިވަރީ ޓީމު މަސައްކަތް ކުރަމުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ވެސް އެކުގަ ކަމަށެވެ. އެގޮތުން ގޭސް ސިލިންޑަރުތައް މާލެއަށް ގެންނައިރާއި ތިލަފުއްޓަށް ގޭސް އެޅުމަށް ގެންދާއިރުގެ އިތުރުން ގޭސް އެޅުމަށް ފަހު ޕްލާންޓުން ނެރުމަށް ފަހު ހުރިހާ ފުޅިއެއް ވަކިވަކިން ޑިސްއިންފެކްޓް ކުރެ އެވެ. 

އޭގެ އިތުރުން މާލެ ގެނެސް ކޮންމެ އައުޓްލެޓަކަށް ގޭސް ފުޅި ވައްދާއިރާއި ގެތަކުން ނަގައި ހުސް ފުޅިވެސް އައުޓްލެޓަށް ވެއްދުމުގެ ކުރިން ޑިސްއިންފެކްޓް ކުރެ އެވެ. އަދި ގޭގެއަށް ގެންދާ ހުރިހާ ފުޅިތަކަކީ ވެސް ޑިސްއިންފެކްޓްކޮށްފައިވާ ފުޅިކަން އައިމިނަތު ފާހަގަކުރައްވަ އެވެ. 

your imageގޭސްފުޅިތައް ޑިސްއިންފެކްޓްކުރަނީ-- ފޮޓޯ: މޯލްޑިވް ގޭސް

އައިމިނަތު އިތުރަށް ވިދާޅުވީ، ގޭސް ޑެލިވަރީ ކުރުމުގައި އުޅޭ މުވައްޒަފުން ވެސް އުޅޭނީ އަންގިޔާއި މާސްކް އަޅައިގެން ކަމަށެވެ. އަދި މިވަގުތު ހިދުމަތްދެމުން އަންނަނީ އައިސޮލޭޝަނަށް ނުގެންދާ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ހުރިހާ މުވައްޒަފުން ގުޅިގެންކަން އޭނާ ފާހަގަކުރައްވަ އެވެ. 

"މިހާރު ތިބި މުވައްޒަފުން ވަރަށް ބުރަކޮށް ވަރަށް ހިތްވަރާއެކު އެ މަސައްކަތް ކުރަނީ ވަރަށް ގިނައިރުވަންދެން އެ މަސައްކަތް ކުރަމުންދަނީ. ދެން ބައެއް މުވައްޒަފުންނަކީ ގެއަށް ނުގޮސް، އޮފީހުން އެރޭންޖްކޮށްފައި ހުރި އެކޮމޮޑޭޝަން ފެސިލިޓީސްގަ ތިބެގެން 24 ގަޑިއިރު މި ހިދުމަތުގައި އުޅޭ މީހުން،" މިވަގުތު މަސައްކަތް ކުރެވެމުންދަނީ އެ މަސައްކަތްތެރިންގެ ހިތްވަރުންކަން ފާހަގަކުރައްވާ ވިދާޅުވި އެވެ. 

ގޭސް ޑެލިވަރީ ކުރުމުގައި އުޅޭ މުވައްޒަފުންގެ އިތުރުން ތިލަފުށީ ޕްރޮޑަކްޝަން ފްލާންޓުގެ މުވައްޒަފުނަކީ ވެސް ފްރޮންޓްލައިނުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. އެގޮތުން، އައިމިނަތު ވިދާޅުވި ގޮތުގައި ހުރިހާ މެޑިކަލް އޮކްސިޖަނެެއް އުފައްދަނީ އެތަނުންނެވެ. އަދި އަތޮޅުތަކަށް ޑެލިވަރީކުރާ ބޯޓު ފަހަރާއި ރިސޯޓުތަކަށް ގޭސް ގެންދާ ބޯޓު ފަހަރަށް ބަރުކުރަނީ ސީދާ ތިލަފުށިންނެވެ. 

"އޮކްސިޖަން އުފައްދާއިރު އެތަނުގެ މުވައްޒަފުން އެތިބެނީ ރެއާ ދުވާލު މަސައްކަތްކުރަން. އެއީ ހޮސްޕިޓަލްތަކަށާއި ކްލިނިކްތަކަށް ބޭނުންވާ އޮކްސިޖަންތައް ފޯރުކޮށްދިނުމަށްޓަކައި. އޮކްސިޖަން އުފެއްދުމުގެ އިތުރުން ތިލަފުށީގައި ކައްކާ ގޭސް ވެސް ފިލްކުރުން ކުރިއަށްދާނެ. އަދި އަތޮޅުތަކަށް ޑެލިވަރީކުރާ ބޯޓު ފަހަރާއި ދޯނިފަހަރު ވެސް ސީދާ ތިލަފުށިން ގޭސް ބަރުކުރާނީ،"

ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ހިދުމަތެއް މެދުނުކެނޑި، ފޯރުކޮށްދިނުމުގެ މަގުސަދުގައި ހާއްސަ އިންތިޒާމުތަކަކާއެކު މޯލްޑިވް ގޭހުން މަސައްކަތް ކުރަމުން އަންނައިރު މުވައްޒަފުންގެ ފަރާތުން ފެނިގެންދާ ކެތްތެރިކަމާއި ހިތްވަރަށް އެތަނުގެ ވެރިން ސާބަސްދެ އެވެ. އެތަނުން މަސައްކަތް ކުރަމުން އަންނަނީ މި ދަތި އުނދަގޫ ވަގުތުގައި ވެސް ކަސްޓަމަރުންނަށް ވީހާވެސް ލުއިތަކާއެކު ހިތްހަމަޖެހޭނެ ފަދަ ގޮތަށް ހިދުމަތް ދިނުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް