ads
ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް
އޭޓީއެމް ފެއާގައި އެމްއެމްޕީއާރްސީން ވާޗުއަލް ކޮށް ބައިވެރިވެއްޖެ
ޖޫން މަހުގެ އެއް ވަނަ ދުވަހުން ތިން ވަނަ ދުވަހަށް ކުރިއަށް ދާ ވާޗުއަލް އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއޭމް) ފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ބައިވެރިވެއްޖެ އެވެ.

އެމްއެމްޕީއާރްސީ އިން ބުނީ މި ފެއާ ކުރިއަށް ގެންދަނީ މި ދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ދަތިތަކާއި މިހާރު އެ ސިނާއަތަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް ކަމަށެވެ. 

މި ފެއާ ވާޗުއަލް ކޮށް ކުރިއަށް ގެންދިއުމަށް އޭޓީއެމް އިން ނިންމާފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން މިއަހަރުގެ ޖޫން 28 އިން ޖުލައި އެކަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތް ފެއާ ފަސްވުމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތައް ގުޅުވައިދިނުމަށް ކަމަށް އެމްްއެމްޕީއާރްސީ އިން ބުނެއެވެ. އެގޮތުން އެމްއެމްޕީއާރްސީ އާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ރާއްޖޭގެ އެކި ކުންފުނިތަކުން މި ވާޗުއަލް ފެއާ ގައި ބައިވެރިވެފައި ވާކަމަށް އެކުންފުނިން ބުނެއެވެ. 

މީގެ އިތުރުން މި ފެއާގައި ވެސް އާންމުގޮތެއްގައި ފެއާ ތަކުގައި ބައްދަލުވުންތައް ކުރިއަށް ގެންދާހެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެގްޒިބިޓަރުންނާއި ބަޔަރުން އަދި ޒިޔާރަތް ކުރާ ފަރާތްތަކާ އެކު ބައްދަލުވުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެން ދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.  ވާޗުއަލް ފެއާ ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިކަމުގެ ފަރާތްތަކާ ގުޅުވައިދޭނެ ރަނުގެ ފުރުސަތަކަށް ކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ. 

މި ފެއާގައި އެމްއެމްޕީއާރުސީ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބައިވެރިންނާއި ބައްދަލުކުރުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގެ މާހިރުން ހުށަހަޅާ ލައިވް ވެބިނާ ތަކުގައި ބައިވެރިވާނެ ކަމަށް އެކުންފުނިން ބުނެއެވެ. 

އެމްއެމްޕީއާރްސީ އިން ބުނީ އަންނަ މަހު ރާއްޖެ އަލުން ފަތުރުވެރިންނަށް ހުޅުވާލުމަށް ގަސްތުކޮށްފައިވާ އިރު، މި އިވެންޓުގެ ޒަރިއްޔާއިން ފަތުރުވެރިކަން ކުރިއަށް ގެންދާނެ ގޮތުގެ ވަރަށް މުހިންމު ތަފްސީލުތައް ލިބިގެންދާނެ ކަމަށެވެ. އެގޮތުން މި އިވެންޓުން ލިބޭ މައުލޫމާތު ފަތުރުވެރިކަމާއި ގުޅޭ އާ ގައިޑްލައިން ތައްޔާރުކުރުމަށާއި އަދި ރާއްޖެ އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި އިޝްތިހާރު ކުރުމުގައި ބޭނުންކުރާނެ ކަމަށް އެކުންފުނިން ބުނެއެވެ. 

ފާއިތުވިއަހަރު 60،003 ފަތުރުވެރިން ވަނީ މެދު އިރުމަތިން ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. އެއީ 2018 ވަނަ އަހަރާއި އަޅާ ބަލާއިރު 15.1 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު، ކޮވިޑް-19 އާ އެކު ވެސް މިއަހަރު ޖެނުއަރީ މަހުގައި އެ މާކެޓުން ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 73.7 އިންސައްތަ އިތުރުވެފަ އެވެ.

ދިވެހިރާއްޖެ އަލުން ފަތުރުވެރިންނަށް މަރުހަބާ ކިޔަން ތައްޔާރުވަމުން އަންނައިރު ކޮވިޑް-19 އާއިއެކު އެމްއެމްޕީއާރުސީ އިން އަންނަނީ ރާއްޖެ މާކެޓު ކުރާނެ އާ ގޮތްތައް ވިސްނާ ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި އިޝްތިހާރުކުރުން އިތުރުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް