ads
ޓީޗަރުންތަކެއް މަޑުކޮށްލައިގެން: ލޮކްޓައުުންގައި ޓީޗަރުން ދިޔައީ މަސައްކަތް ކުރަމުން-- ފޮޓޯ:ކޭއޯ
ލޮކްޑައުން އާއި ޓީޗަރުން!
ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 ގެ ސަބަބުން އެތައް ގައުމެއްގެ ހިންގުން މަޑުޖެހި އެގައުމުތަކުގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި އަދި އެހެނިހެންވެސް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ކުރީ ސަފުތަކަށް ނިކުތްމީހުންގެ މަސައްކަތްތަކަށް ތައުރީފު ކުރާ ހާލު މިގައުމުތަކުގައި ފަރުދާގެ ފުރަގަހުގައި މަސައްކަތްކުރަމުން އަންނަ މީހުންވެސް މަދު ނޫންކަން ފާހަގަ ކުރަންޖެހެއެވެ.

ފަރުދާގެ ފުރަގަހުގައި މަސައްކަތްކުރަމުން އައި އެއްބައެއްގެ ގޮތުގައި ފާހަގަކުރެވޭ ބަޔަކީ ޓީޗަރުންނެވެ. އެހެނިހެން ގައުމުތަކުގައިވެސް ކިޔަވާ ދޭ މަދަރުސާތަކާއި ޔުނިވަސިޓީ ފަދަ ތަންތަން ބަންދުކުރި ކަމުގައި ވިޔަސް، ޓީޗަރުންގެ މަސައްކަތްތަކަށް ހުއްޓުމެއް ނާންނަކަން ފާހަގަކުރަން ޖެހެއެވެ.

ރާއްޖޭގައިވެސް ކަންތައް ހުރީ ހަމަ ދުނިޔޭގެ އެހެނިހެން ގައުމުތަކެކޭ އެއްގޮތަށެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ކޮވިޑް19 ޖެހިފައިވާ މީހާ ފެނުމުން ސްކޫލްތައްވަނީ ބަންދުކޮށްފައެވެ. ނަމަވެސް ކިޔަވައިދިނުން ކުރިއަށް ގެންދިޔުމަށްޓަކައި އޮންލައިން ކްލާސްތަކުގެ ޒަރިއްޔާއިން ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދޭންފެށިއެވެ. މިގޮތުން ގިނަ ސްކޫލްތަކުގައި އެންމެ ގިނައިން ކްލާސް ނެގުމަށް ބޭނުން ކުރެވުނީ ވައިބާ އެވެ. އެހެނީ ވައިބާގައި އުޅޭ މީހުންގެ އަދަދު ގިނަވެފައި، ވައިބާ އަކީ ގިނަ މީހުން އެއަށް ފަރިތަ ވަސީލަތަކަށްވާތީއެވެ. ގިނަ ސްކޫލްތަކުގައި ގަޑިތައް ނަގއިދެމުން ދިޔައީ ތާވަލް ކޮށްގެން ދުވާލަކަށް 3 ނުވަތަ 4 ގަޑި އެވެ.

މީގެ އިތުރުން ޓެލެކިލާސްގެ ނަމުގައި ޕްރޮގްރާމެއް ހިންގުމަށް މިނިސްޓްރީއިން ނިންމިއެވެ. މިކްލާސްތަކުގެ މަސައްކަތްތަކުގައިވެސް އެންމެ ބުރަކޮށް މަސައްކަތްކުރި ބަޔަކީ ޓީޗަރުންނަށްނުވެ ނުދާނެއެވެ. ޓެލެކްލާހަށް ބޭނުންވާ ފިލާވަޅު ތައްޔާރު ކުރުމާ، އެފިލާވަޅުތައް ރިކޯޑު ކުރުމަށް ސްޓޫޑިއޯއަށް ދިޔުމާ، އަދިވެސް މާއްދާއާ ގުޅުން ހުރި ފޯރަމްތަކުގައި ޓީޗަރުން ބައިވެރިވަމުން ދިޔައެވެ. 

އަދި ހަމަ އެއާއެކު އޮންލައިންކޮށް ދަރިވަރުންނަށް މަސައްކަތްތައް ގޫގުލް ކްލާސްރޫމް ފަދަ ޕްލެޓްފޯމްތަކުގައި ހަވާލުކުރަމުން ގެންދިޔައެވެ. މީގެ އިތުރުންވެސް ބެލެނިވެރިންނަށް ފޯރުކޮށް ދޭ ޑޭޓާ ދިނުމަށް އެއްކުރެވުނު މަޢުލޫމާތު އެއްކުރުމާއި، ދަރިވަރުންނަށް ގުޅާ ހާލު ބެލުމާ މިފަދަ އެތައްކަމެއް ޓީޗަރުން އައީ ކުރަމުންނެވެ. ކޮންމެ ދަންވަރެއްގައިވެސް ސްކޫލުން އަންގާ އެންގުންތަކުގައިވާ މަސައްކަތްތައް ނިންމުމަށް އަވަދިނެތި ޓީޗަރުން އެމީހުންގެ ދުވަސްތައް ހޭދަކުރަމުން ދިޔައެވެ.

މާލެ ސަރަހައްދުގެ ފުރަބަންދުގެ ކަންކަން ހަރުކަށިކޮށްފައިވާ މިދުވަސްވަރު އަނެއްކާވެސް ޓީޗަރުންގެ މަސައްކަތްތައް މިވަނީ ކުރިއަށްވުރެ އުނދަގޫވެފައެވެ. މިފަހަރު ޓެލެކްލާސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި މިވަނީ ޓީޗަރުން ގޭގައި ތިބެގެން ރެކޯޑުކުރާ ރެކޯޑިންގްތައް ބޭނުންކޮށްގެންނެވެ. ގިނަ ގޭގެއަކީ މިފަދަ މަސައްކަތެއް ކުރުމަށް އެކަށީގެންވާ ވަސީލަތްތައް ހުންނަ ގޭގެއެއް ނޫނެވެ. ނަމަވެސް އެޓީޗަރަކަށް ވެވުނު އެންމެ ފުރިހަމައަކަށް އެމަސައްކަތްތައް ވެސް އެމީހުން އެދަނީ ކުރަމުންނެވެ. މިނިސްޓްރީން އަންގާފައިވާ މިންގަނޑުތަކާ އެއް ހަމައެއްގައި ފިލާވަޅުތައް ރިކޯޑުކުރުމަށް ނުހަނު ތަކުލީފުތަކާއެކުވެސް އެމީހުން އެދަނީ މަސައްކަތްކުރަމުންނެވެ.

ދަންނަވާލަން މިއުޅޭ ވާހަކައަކީ މިފަދަ ދަނޑިވަޅުތަކުގައި އަހަރުމެންގެ ގައުމަށް އެކި ގޮތްގޮތުން ހިދުމަތް ފޯރުކޮށްދެމުން އަންނަ ކޮންމެ ބައެއްގެ ވެސް އަގުވަޒަން ކުރުމަކީ ކުރަންވާނެ ކަމެއް ކަމެވެ. ކޮންމެ ބަޔަކު ވެސް އެތަކެއް އުނދަގޫތަކާއެކު ވެސް އެބަޔަކަށް ކަނޑައަޅާފައިވާ ޒިންމާ އަދާކުރަމުން އެދަނީ ނުހަނު އުނދަގުލުގައެވެ.

އެހެނިހެން މީހުންނެކޭ އެއްފަދައިން މިދުވަސްތަކުގައި ޓީޗަރުންވެސް ތިބީ ހާސްކަމުގެ ތެރޭގައެވެ. ނަމަވެސް އެމީހުންގެ މަސައްކަތްތަކަށް ހުއްޓުމެއް ނާދެއެވެ. އެންމެ އަވަހަށްވެސް ސްކޫލް ހުޅުވުމުން އަނެއްކާވެސް އެމީހުންގެ މަސައްކަތްތައް އިތުރުވާނެއެވެ. އެކި ސަބަބުތަކާ ހުރެ މިދުވަސްތަކުގައި ނަގައިދެވުނު ފިލާވަޅުތަކުގައި ބައިވެރިނުވެވުނު ދަރިވަރުންނަށް އެމަސައްކަތްތައް އުންގަންނައިދިނުމަށް އެމީހުން މަސައްކަތްކުރާނެއެވެ. އެމީހުންގެ މަސައްކަތަށްވެސް ޝުކުރު ހައްގެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް