ads
ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކުރަމުން އަންނަ ފްލެޓުތަކެއް-- ފޮޓޯ: ސީއެންއެމް
ބޯހިޔާވަހިކަން: މަރާމާތުކުރުމުގެ އަހަރެއް، އާ މަޝްރޫއުއެއް ނުފެށުނު!
ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. މި މައްސަލައަށް ހައްލެއް ހޯދައިދޭނެ ކަމަށް ކޮންމެ ސަރުކާރުން ވެސް އެތައް ވައުދެއް ވަމުން އައި ނަމަވެސް މިއީ މިއަދާ ހަމައަށް ވެސް ހައްލު ލިބުމުގެ ކޮޅުމަތި ވެސް ނުފެންނަ މައްސަލަ އެކެވެ. މިގޮތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުން ކުރިން ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންނަށް އުއްމީދީ ވާހަކަތަކެއް ހިއްސާ ކުރެެއްވި އެވެ. ނަމަވެސް ރައީސް ސޯލިހުގެ ވެރިކަމަށް އަހަރެއް ފާއިތުވެގެން ދިޔައިރު ތަންތަން މަރާމާތު ކުރުން ފިޔަވައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއުއެއް ފެށިފައެއް ނުވެ އެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. މި މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ކޮންމެ ސަރުކާރުން ވެސް އެތައް ވައުދެއް ވަމުން އައި ނަމަވެސް މިއީ މިއަދާ ހަމައަށް ވެސް ހައްލު ލިބުމުގެ ކޮޅުމަތި ވެސް ނުފެންނަ މައްސަލަ އެކެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންނަށް އުއްމީދީ ވާހަކަތަކެއް ހިއްސާ ކުރެެއްވި އެވެ. ނަމަވެސް ރައީސް ސޯލިހުގެ ވެރިކަމަށް އަހަރެއް ފާއިތުވެގެން ދިޔައިރު ތަންތަން މަރާމާތު ކުރުން ފިޔަވައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް ފެށިފައެއް ނުވެ އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ފެށިފައި ނުވި ނަމަވެސް ހަތަރު ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ހަވާލުކޮށްފަ އެވެ.

- މ. ކޮޅުފުށީގައި 100 ހައުސިން ޔުނިޓް - މިދިޔަ އަހަރުގެ އޮކްޓޫބަރު 15 ގައި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްރިސިޝަން އިންޖިނިއަރިން ސާވިސަސް އާއި ޕީއީއެސް މެރިން ސާވިސަސް ގުޅިގެން ހަދާފައިވާ ޖޮއިންޓް ވެންޗަ ކުންފުންޏަކަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ކޮޅުފުށީގައި ހައުސިން ޔުނިޓްތައް އިމާރާތްކުރާނީ 100 ގޯތީގައި ތިން ކޮޓަރިއާއި، ތިން ފާހާނާއާއި ސިޓިންގްރޫމާއި ބަދިގޭގެ އިތުރުން ސްޓޯރޫމެއް ހިމެނޭ ގޮތަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިއީ 350 ދުވަހުގެ ތެރޭގައި ނިންމުމަށް ޝަރުތުކޮށް 75.7 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

- ބ. ތުޅާދޫގެ 100 ހައުސިން ޔުނިޓް - މި މަޝްރޫއު ވެސް ހަވާލުކޮށްފައި ވަނީ ޕްރިސިޝަން އިންޖިނިއަރިން ސާވިސަސް އާއި ފްލަކްސް އިންކް ޕްރައިވެޓް ލިމިޓެޑުގެ ޖޮއިންޓް ވެންޗާ ކުންފުންޏަކާ އެވެ. އެއީ 1100 އަކަފޫޓުގެ ސަރަހައްދެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ސްޓޯ ރޫމު އަދި ލޯންޑްރީއަކާއެކު ހަދާ ހައުސިން ޔުނިޓުތަކެކެވެ.

މިއީ ޖުމްލަ 79.6 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. މިދިޔަ ޖުލައި މަހުގެ ދިހަ ވަނަ ދުވަހު އެ މަސައްކަތް ހަވާލު ކުރީ 363 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

- ނައިފަރުގައި 100 ހައުސިން ޔުނިޓް - ޑަބްލިއު އެންޑް އޭ އޯވަސީސް ކުންފުންޏާ އެވެ. އެ މަޝްރޫއުގައި ވެސް އަޅަނީ 1100 އަކަފޫޓުގެ ސަރަހައްދެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ސްޓޯ ރޫމު އަދި ލޯންޑްރީއަކާއެކު ހަދާ ހައުސިން ޔުނިޓުތަކެކެވެ.

މި މަޝްރޫއުއަކީ 71.4 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މިދިޔަ ޖުލައި މަހުގެ ދިހަ ވަނަ ދުވަހު ހަވާލުކުރި، އެ މަޝްރޫއު ނިންމަން ޖެހެނީ 311 ދުވަސް ތެރޭގަ އެވެ.

ތުޅާދޫ އާއި ނައިފަރުގައި އަޅާ ހައުސިން ޔުނިޓުތައް ވެސް އަޅަނީ ތިން ބުރި އާއި ހަތަރު ބުރީގެ އިމާރާތަތްކެއްގެ ގޮތުގަ އެވެ.

- ޅ. އޮޅުވެލިފުށީގައި އެއް ރޯ ހައުސް އެޅުން

މި ހަތަރު މަޝްރޫއުއަކީ ފާއިތުވި އަހަރުގެ ތެރޭގައި ހައުސިން މިނިސްޓްރީން ހަވާލުކޮށްފައިވާ މަޝްރޫއުތަކެވެ. މަޝްރޫއުތައް ފެށުމަށް ތައްޔާރުވަމުން އައި ނަމަވެސް މި މަޝްރޫއުތަކަކީ ވެސް މިހާތަނަށް ފެށިފައިވާ މަޝްރޫއުތަކެއް ނޫނެވެ.

އާ ސަރުކާރު، ތަންތަން މަރާމާތުކުރުމުން ސަލާމަތް ނުވެފައި!

ސީއެންއެމް އަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ޖުމްލަ 13 ރަށެއްގެ 1528 ހައުސިން ޔުނިޓެއްގެ މަސައްކަތް ސަރުކާރު ބަދަލުވިއިރު އޮތީ ހުއްޓިފަ އެވެ.

ހުއްޓިފައި އޮތީ ގދ. ހޯނޑެއްދޫގައި ތަރައްގީ ކުރާ 40 ރޯ ހައުސް އާއި، ގއ. ވިލިނގިލީގެ 52 ރޯ ހައުސް އާއި، ގދ. ގައްދޫގެ 50 ރޯ ހައުސް އާއި ސ. ހިތަދޫގައި އަޅާ 264 ފްލެޓުގެ އިތުރުން ސ. ހުޅުމީދޫގެ 48 ފްލެޓަކާއި ޏ. ފުވައްމުލަކުގައި އަޅާ 200 ފްލެޓެއްގެ މަސައްކަތާއި، ގދ. މަޑަވެލީގެ 22 ރޯ ހައުސް އެވެ. އެތަންތަނުގެ ފެނާއި ކަރަންޓު އަދި ނަރުދަމާގެ މަސައްކަތް ނުނިމެ އެވެ.

ހދ. ކުޅުދުއްފުށީގެ 40 ރޯ ހައުސް އަށް މަގުމަތީގެ ބައްތިތައް ހަރު ކުރުމުގެ މަސައްކަތް އޮތްއިރު، ހދ. ދިއްދޫގެ 250 ރޯ ހައުސް ގައި ވެސް އެ މަސައްކަތާއެކު 200 ހައުސިން ޔުނިޓެއްގެ ސީލިންގު މަރާމާތު ކުރަން ޖެހެ އެވެ.

ބ. ތުޅާދޫގެ 100 ރޯ ހައުސްގެ ތެރެއިން 50 ތަނުގެ 65 އިންސައްތަ މަސައްކަތް ވަނީ ނިމިފަ އެވެ. ލ. ފޮނަދޫގައި ވެސް ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމި އޮތްއިރު ހދ. ނޮޅިވަރަމްފަރުގެ 60 ރޯ ހައުސްގެ މަސައްކަތް ވެސް ސަރުކާރު ބަދަލުވިއިރު އޮތީ ހުއްޓިފަ އެވެ. އެތަނުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

އޭގެ އިތުރުން ވިލުފުށީގެ 100 ރޯ ހައުސްއަކާއި ހަނިމާދޫގެ 52 ރޯހައުސް އަދި ނޮޅިވަރަމްފަރުގެ 100 ރޯހައުސްގެ އިތުރުން ކުޅުދުއްފުށީގެ 100 ރޯ ހައުސްގެ މަސައްކަތް ހުއްޓިފައި އޮތްއިރު އެ މަސައްކަތް އަލުން ފަށަން އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.

ކުޅުދުއްފުށީގައި ތަރައްގީ ކުރަން ފެށި ރޯ ހައުސެއްގެ ފުރާޅު އެއްލާލާފައި--

ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ، މިދިޔަ ޖުލައި މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމުން، މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވިދާޅުވެފައި ވަނީ ސަރުކާރު ބަދަލުވިއިރު 1450 ހައުސިން ޔުނިޓެއްގެ މަސައްކަތް ނުނިމިވާ ކަމަށެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ އެފަދަ ހައުސިން ޔުނިޓްތަކުގެ ތެރެއިން މިދިޔަ އަހަރުގެ ބަޖެޓްގެ ތެރެއިން ނިންމެން ހުރި މަޝްރޫއުތަކުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

"މިފަދަ ތަންތަން މީހުންނަށް ދިރިއުޅެވެން ފަށައިގަނެވޭނެ ހާލަތަކަށް ގެނައުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން 127 މިލިއަން ރުފިޔާ މިނިސްޓްރީގެ ބަޖެޓަށް އިތުރުކޮށްދެއްވާފައިވޭ. ބާކީ ހުރި ތަންތަން ނިންމުމަށްޓަކައި ކުރިއަށް އޮތް 2020 ވަނަ އަހަރުގެ ބަޖެޓަށް މި މަސައްކަތްތައް ނިންމުމަށް ހިނގާނެ ހަރަދުތައް ހިމަނާފައިވޭ،" މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާތިފާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ފަށަން ބުނި މަޝްރޫއުއަށް ވީގޮތެއް ނޭނގޭ!

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއުއެއް ފަށާނެކަން އަހަރުގެ ކުރީކޮޅު އިއުލާން ކުރައްވާފަ އެވެ. އެގޮތުން ސެޕްޓެމްބަރު 19 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ 4200 ހައުސިން ޔުނިޓުގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހު ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މި މަޝްރޫއު ފެށިފައެއް ނުވެ އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާލެއް ލަސްވާތީ އާންމުންގެ ޝަކުވާތައް ވެސް އިވެމުން އަންނައިރު ރައީސް ސޯލިހު ވަނީ ހައުސިން ޔުނިޓުތަކުގެ އިތުރުން ރަށްރަށުގައި ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ނުހެދި ހުރި ގޯތިތަކަށް އިމާރާތް ކުރެވޭނެ ފައިސާ ވެސް ދޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. މިގޮތަށް ނިންމީ ރަށްރަށަށް ގެދޮރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާތީ އެވެ.

އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ހޯދައިދިނުން:

އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށްޓަކައި "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް މިދިޔަ މާޗު މަހުގެ 13 ވަނީ އުފައްދާފަ އެވެ.

އެގޮތުން ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއްފުރާޅެއްގެ ދަށުން ހިންގުމާއި ބޯހިޔާވަހިކަމާއި ގުޅޭ ގޮތުން ކުރިމަގުގައި ހިންގާނެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށާއި، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރުން މާލީ ހާލަތު ދަށް ފަރާތްތަކަށް ސަބްސިޑައިޒް ރޭޓެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކުރާނީ މި ކުންފުނީގެ ދަށުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުތައް:

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ދިނުމުގައި ބޭއިންސާފުން އަމަލުކޮށްފައިވާކަމަށް ބުނެ އާންމުންގެ ޝަކުވާތައް އިތުރުވުމުން، އެކަން ބެލުމަށް ރައީސް ސޯލިހު ވަނީ ކޮމިޓީއެއް އުފައްދަވާފަ އެވެ. އެހެންވެ ކޮމިޓީގެ މެންބަރުން ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ބެލުމަށް ނިންމާ، އެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބުނާ ގޮތުގައި ހިޔާ މަޝްރޫއުގެ ދަށުން ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން މިހާތަނަށް 25,244 ފޯމާއި، ފޯމުތަކާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތައް ތަރުތީބުކޮށް، ކެޓަގަރީތައް ވަކިކުރުމަށް ފަހު ކޮމިޓީން އެ ލިޔެކިޔުންތަކާ ވަނީ ހަވާލުވެފަ އެވެ. އެ ކޮމިޓީން ބުނާ ގޮތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ލިޔެކިޔުންތައް ބެލެހެއްޓުމުގައި ވެފައިވާ އިހުމާލުގެ ސަބަބުން ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތަށް ގިނަ ހުރަސްތަކެއް ކުރިމަތިވުމެވެ.

ހިޔާ މަޝްރޫއަށް ފޯމު ހުށަހެޅި ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމުގެ ލިޔުން ނިމިދިޔަ ސަރުކާރުން ހަވާލުކޮށްފައިވީ ނަމަވެސް "ދިރިއުޅުމުގެ ހާލަތު" މި ބަޔަށް ރިއާޔަތްކޮށްފައެއް ނުވެ އެވެ.

ހިޔާ މަޝްރޫއުގެ ގިނަ ކެޓަގަރީތަކުގައި "ދިރިއުޅުމުގެ ހާލަތު" މިބަޔަށް ޕޮއިންޓް ދިނުމަށް ނިންމާފައިވީ ނަމަވެސް މިބަޔަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮން ކަންތައްތަކަކަށް ކަމެއް ނުވަތަ ޕޮއިންޓް ދިނުމުގައި ގެންގުޅެފައިވަނީ ކޮން މިންގަނޑެއް ކަމެއް، މިހާތަނަށް ބެލި ބެލުމުން ކޮމިޓީއަށް އެނގިފައި ނުވާ ކަމަށް ވެސް ކޮމިޓީން ބުންޏެވެ.

ފްލެޓުތަކުގެ އަގު ހެޔޮކުރުން:

ހިޔާ މަޝްރޫއަށް ނަގާފައިވާ ލޯނުތައް ހަމައެކަނި ކުލީގެ ގޮތުގައި ލިބޭ ފައިސާއިން ދައްކާ ހަލާސްކުރާނަމަ، 20 އަހަރުގެ މައްޗަށް ބަހާލުމުން ފްލެޓަކަށް މަހަކު 11،000 ރުފިޔާ ދައްކަން ޖެހޭކަމަށް އެޗްޑީސީން ބުނެ އެވެ. އެކަމަކު ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތު ފުރިހަމަ ކުރުމަށްޓަކައި މަހަކަށް ފްލެޓަކަށް ޖެހޭ އަގު ކުޑަކުރުމުގެ މަސައްކަތް، ޕޮލިސީ ލެވެލްގައި ސަރުކާރާއެކު ކުރަމުންދާ ކަމަށް އެކުންފުނިން ވެސް ބުނެ އެވެ.

ރައީސް ވިދާޅުވީ ދެ ކޮޓަރީގެ ފްލެޓަކަށް މަހަކު 11،000 ރުފިޔާ ދެއްކުމަކީ ރައްޔިތުން ބޭނުންވެފައިތިބި ބޯހިޔާވަހިކަން އަތް ފޯރާ ފަށުގައި ފޯރުކޮށްދެވުނު ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންވެ އެ އަދަދު 6،000 ރުފިޔާއަށް ކުޑަކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް މިދިޔަ ޖުލައި މަހު ރައީސް ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެގެ ދެވަނަ ފިޔަވަހީގައި އަޅާ 25 ބުރީގެ 16 ޓަވަރު ގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރްކްޝަން އިންޖިނިއަރިން ކޯޕަރޭޝަނާ އެވެ.

ހައުސިން ލޯންގެ އިންޓަރެސްޓް ކުޑަކުރުން:

ރާއްޖޭގެ ބޭންކްތަކުން ދޫކުރާ ހައުސިން ލޯންގެ އިންޓްރެސްޓް ރޭޓް ކުޑަކުރަން ބޭންކްތަކާއެކު މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ހައުސިން މިނިސްޓްރީން މަޝްވަރާ ފަށާފައިވާކަން އާންމުކުރި އެވެ. ބޯހިޔާވަހިކަމުގެ ބިލް ޑްރާފްޓު ކުރާ ރައްޔިތުން މަޖިލީހުގެ ސަބް ކޮމިޓީގައި މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވީ، ހައުސިން ލޯންގެ އިންޓްރެސްޓް ރޭޓް 8-5 އިންސައްތަ ކުޑަކުރަން މިސަރުކާރުން ބޭނުންވާ ކަމަށެވެ. މިރޭޓްގައި ހައުސިން ލޯން ނުލިބޭނަމަ އެއީ ހައުސިން ލޯނެއްގެ ގޮތުގައި ސަރުކާރުން ނުބަލާ ކަމަށްވެސް ވިދާޅުވި އެވެ.

ހައުސިން ލޯންގެ ގޮތުގައި ބޭންކްތަކުން މިހާރު ލޯން ދޫކުރަނީ 11-12 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގަ އެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުން ބޭނުންވާ އިންޓްރެސްޓް ރޭޓުގައި ހައުސިން ލޯން ދޫކުރުމަށް ބޭންކްތަކަށް ދަތިތަކެއް ހުރިކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ސަރުކާރުން ބޭނުންވާ ރޭޓުގައި ލޯން ހޯދުމަށް މަޝްވަރާކޮށްގެން ހައްލުތަކެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރު އާތިފާ ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރައީސުލްޖުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ވައުދެއް ކަމަށް އެމަނިކުފާނު ތަކުރާކޮށް ވަނީ ވިދާޅުވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް