ads
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ބަނޑަށް ދަރިފުޅު މަރުވެފައި އޮއްވާ ދިއްދޫއަށް ދިޔައީ އާއިލާއިން ބޭނުންވެގެން: ކުޅުދުއްފުށީ ހޮސްޕިޓަލް
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އިއްޔެ ދިޔަ ހއ. ބާރަށު މާބަނޑު އަންހެން މީހާގެ ބަނޑަށް ކުއްޖާ މަރުވެފައި އޮތްކަން އެނގިހުރެ، ދިއްދޫ ހޮސްޕިޓަލަށް ދިޔައީ އާއިލާއިން އެގޮތަށް ބޭނުންވެގެން ކަމަށާއި އެފަދަ ހާލަތްތަކުގައި ހޮސްޕިޓަލުން ދިއުމުގެ ފުރުސަތު ދޭނެ ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލު ހިންގެވުމާއި ހަވާލުވެ ހުންނެވި މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު ބާރަށުގެ ދެމަފިރިން، ދިއްދޫ ހޮސްޕިޓަލަށް ދިއުމުން އެތަނުގައި ރޭޑިއޮލޮޖީ ސްކޭން ހެދެން ނެތުމުން ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިއުމަށް އަންގާފަ އެވެ. އެ ދަތުރުކުރުމަށް އާސަންދަ ހަމަޖެހިފައި ނުވާތީ އެނބުރި ރަށަށް އައުމަށް ފަހު އިއްޔެ ލޯންޗެއް ހިފައިގެން އެމީހުން ކުޅުދުއްފުއްޓަށް ދިޔައިރު އެތަނުން ވަނީ ކުއްޖާ ބަނޑަށް މަރުވެފައިވާކަން އަންގާފަ އެވެ. 

އެކަމާއި ގުޅިގެން އާއިލާއިން ބައެއް ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި އެ ހޮސްޕިޓަލުގައި އެޑްމިޓްވެގެން ތިބެވޭނެ ވަރުގެ ތަނަވަސްކަން އާއިލާގެ ކިބައިގައި ނެތުމުން، ހޮސްޕިޓަލުން ވަނީ ރަށަށް ދިއުމަށް އަންގާފަ އެވެ. 

އެ ތުހުމަތުތަކާއި ގުޅިގެން ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖަރު ދާއޫދު މިއަދު ސީއެންއެމްއަށް ވިދާޅުވީ ރޭޑިއޮލޮޖީ ސްކޭން ހެދުމަށް ފަހު ބެލިއިރު އެއީ 15 ހަފުތާގެ ކުއްޖެއް ކަމަށާއި އަދި އެކުއްޖާގެ ފުރާނަވެސް ނެތް ކަމަށެވެ. 

"ވިންދެއް ނެތް އިނގޭތޯ އެހާލަތުގަ. ދެން މިކޮޅުން އަސްލު އީއާރުގަ އެޑްމިޓްކޮށްފަ ދެންނެވީ މިކޮޅުގަ ޖެހޭނީ ވިއްސާށޭ އެހާލަތުގައި. ދެން އެކޮޅުން ވަނީ އެބޭފުޅުންނަށް ރަނގަޅީ ދިއްދޫ ހޮސްޕިޓަލަށް ޓްރާންސްފާ ކުރީއާއޭ. އެއީ އެކޮޅުގަ އެބޭފުޅުންގެ ގާތް ތިމާގެ މީހުން ތިބީމަ ފުޑް އެންޑް އެކޮމޮޑޭޝަން ހަމަޖެއްސެން ހުރީމަ ކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ. ދެން ޕޭޝަންޓް ޕާޓީ ކޮންސެންޓް ނަގާފަ އަޅުގަނޑުމެން ޑިސްޗާޖުކުރީ،"

އެވަގުތު އެ އާއިލާއަށް އާސަންދަ ހަމަނުޖެހުނީ ކީއްވެތޯ ސުވާލުކުރުމުން ދާއޫދު ވިދާޅުވީ ރަނގަޅުކުރަން ޖެހޭ ކަންކަން އެބަ ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު އެކަންކަމެއް ހިއްސާއެއް ނުކުރައްވަ އެވެ. 

"ވަރަށް ގިނަ މީޑިއާތަކުގައި އެބަހުރި ކަންނޭނގެ އެއީ ސިކްސް މަންތޭ. އަސްލު އެއީ ތްރީ މަންތުގެ ބޭބީއެއް. އަދި އަނެއްހެން ފުރާނައެއް ނުއެއް އެޅޭނެ. ރާއްޖޭގަ ދެން ވަރަށް އާންމުކަމެއް ތެދަށް ބުނަންޏާއި މިސްކެރިއޭޖް ވެސް. ބައެއް ފަހަރު ޑޮކްޓާސް ދެއްވާނެ ޗޮއިސް އިނގޭތޯ. ބޭސް ކައިފަ އަލުން ބަނޑުގަ ރިއްސަން ފެށީމަ އަންނަން. ދެން މިހާލަތުގައި އެބޭފުޅުން ޗޫޒްކުރީ ދިއްދޫ ހޮސްޕިޓަލުގައި އެޑްމިޓްވާން،" އެ ވަގުތު ކުއްޖާ ނުނަގާ ދޫކޮށްލީ ކީއްވެތޯ ސުވާލުކުރުމުން ދާއޫދު ވިދާޅުވެ އެެވެ.

 

ދާއޫދު އިތުރަށް ވިދާޅުވީ އެފަދަ ހާލަތްތަކުގައި ޕޭޝަންޓް ދާން ބޭނުންވާނަމަ، އެ ފުރުސަތު ހޮސްޕިޓަލުން ދޭނެ ކަމަށެވެ. 

ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުގައި މިހާރު އެމީހާއަށް ފަރުވާދެމުން އަންނައިރު އެހޮސްޕިޓަލުގެ މެނޭޖަރު އުސްމާން އަޝްރަފު ވިދާޅުވި ގޮތުގައި އަންހެން މީހާގެ ހާލު މިހާރު ރަނގަޅެވެ. 

މިފަހަކަށް އައިސް މާބަނޑު މީހުންގެ ބަނޑަށް ދަރިފުޅުމުގެ ހާދިސާތައް ހިނގުން އިތުރެވެ. އެގޮތުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މިއީ މީޑިއާއަށް ތިލަވި ތިން ވަނަ ހާދިސާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް