ads
ޖަމާއަތުގައި ނަމާދުކުރަނީ--
މާލެ ސަރަހައްދު ފިޔަވައި ހޯމަ ދުވަހުން ފެށިގެން ހުރިހާ ރަށެއްގެ މިސްކިތްތައް ހުޅުވަނީ
އަންނަ ހޯމަ ދުވަހުން ފެށިގެން މާލެ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ޖަމާއަތުގައި ނަމާދުކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެންނެވެ. އެކަމަކު ފަހުން މުޅި ރާއްޖޭގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން އޭޕްރީލް 19 ވަނަ ދުވަހު ނިންމި އެވެ.  

ފަހުން އިސްލާމިކް މިނިސްޓްރީން ވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ހާލަތަށް ބަލައި އެ ބަލީގެ އެއްވެސް އަސަރެއް ނެތް ރަށްރަށުގެ މިސްކިތްތައް ހުޅުވާލަން ނިންމާފަ އެވެ.

އެގޮތުގެ މަތިން މިވަގުތު މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ދެ ރަށެއްގައި ފިޔަވައި ހުރިހާ ރަށެއްގެ މިސްކިތެއްގައި ވެސް ނަމާދުކުރަމުން އަންނައިރު އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް، އިސްމާއިލް އަފްރާހް ސީއެންއެމްއަށް ވިދާޅުވީ، އަންނަ ހަފުތާގެ ހޮނިހިރު ދުވަހު، ނ. މަނަދޫގައި އަދި ހޯމަ ދުވަހު ށ. ނަރުދޫގައި ޖަމާއަތުގައި ނަމާދުކުރަން ފަށާނެ ކަމަށެވެ.

އަފްރާހް، އިތުރަށް ވިދާޅުވީ މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރަން ހުއްދަދޭނެ ސީދާ ދުވަސް ބުނަން ނޭނގޭ ކަމަށެވެ. 

މާލެ ސަރަހައްދު ލޮކްޑައުން އަދިވެސް އުވާލާފައި ނުވިނަމަވެސް މިހާރު ވަނީ އެންމެ ފަހުން އިއުލާންކުރި ލޮކްޑައުންގެ މުއްދަތު އުވިފަ އެވެ. އަދި ގާނޫނީ ފަރާތްތަކުން ބުނަމުން އަންނަނީ އަލުން ލޮކްޑައުން އިއުލާނު ކޮށްގެން ނޫނީ މަގުމައްޗަށް މީހުން ނިކުތަސް ޖޫރިމަނާ ނުކުރެވޭނެ ކަމަށެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުނުކުރި ނަމަވެސް އަންނަނީ ބަންގި ގޮވަމުންނެވެ. އަދި ބަންގީގެ ފަހުގައި ހުރިހާ އެންމެން ވެސް ގޭގައި ނަމާދުކުރުމަށް ވެސް އަންނަނީ ގޮވަމުންނެވެ.

މި ދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި، މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ގުރްއާން ކިޔަވައި، ﷲ ގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް ގިނަގިނައިން ދުއާކޮށް، އިސްތިޣްފާރު ކުރުމަށް ވެސް އިސްލާމިކް މިނިސްޓަރު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް