ads
މީހަކު ވިޔަފާރި ކުރަނީ: ހަމަހަމަކަން ހޯދައިދޭން ޖެހޭ--
މުއްސަނދިން ވަނީ ހަމަ މުއްސަނދި؟
މެއި މަހުގެ 25 ވަނަ ދުވަހަކީ އެމެރިކާގައި މެމޯރިއަލް ޑޭ ފާހަގަ ކުރެވިގެން ދިޔަ ދުވަހެ އެވެ. އެއީ އެކި ފަހަރުމަތިން އެމެރިކާ ސިފައިންގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމައިގަ މަރުވެގެން ގޮސްފައިވާ މީހުންގެ ހަނދާނުގައި ފާހަގަކުރެވޭ ދުވަހެކެވެ. މިއަހަރުގެ މެމޯރިއަލް ޑޭގައި، އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ މިނިއެޕޮލިސް ސިޓީގައި، ހަތަރު ޕޮލިސް އޮފިސަރުންގެ އަމަލުން ޖޯޖް ފްލޮއިޑް ނަމަކަށް ކިޔާ ކަޅު ނަސްލުގެ މީހަކު ވަނީ މަރުވެފައެވެ.

ސައްހަ ނޫން އެންމެ ވިހި ޑޮލަރު ގެންގުޅު ކަމުގެ ތުހުމަތުގައި، ވަރަށް އިހާނެތިކޮށް ޖޯޖް ފްލޮއިޑް މަރާލެވުނު މަންޒަރު އާންމުންގެ ބަޔަކު ވަނީ ވީޑިއޯ ކޮށް މުޅި އެމެރިކާ އަދި މުޅި ދުނިޔެއަށް ބޭޒާރުކޮށްލާފައެވެ. މިއާ އެކު، އެމެރިކާގެ އެކި ސިޓީތަކުގައި ވަނީ މުޒާހަރާ ކުރާ މީހުން މަގުތައް ފުރާލާފައެވެ. މިއާ އެކު، އެމެރިކާގައި ކަޅު ނަސްލުގެ މީހުންނާއި ދޭތެރޭ ގެންގުޅޭ ނަސްލީ ތަފާތުކުރުމުގެ ވާހަކަތަކުގެ އަޑުތައް މިވަނީ ގަދަވެފައެވެ. މިއާ އެކު، އިގިރޭސި ވިލާތާއި، ޔޫރަޕުގެ އެހެނިގެން ގައުމުތަކާއި، އޮސްޓްރޭލިޔާ ފަދަ ގައުމުތަކުގައިވެސް މިވަނީ މިފަދަ މުޒާހަރާތައް ފެށިފައެވެ.

ފުލުހުންގެ އަނިޔާވެރިކަމާއި، ނަސްލީ ތަފާތުކުރުމުގެ ވާހަކަތަކާއި، މުޒާހަރާތަކުގެ ތެރެއިން، އެމެރިކާއިން މުޅި ދުނިޔެއަށް ފެނިގެންދާ އެހެން މަންޒަރަކީ، އެމެރިކާގައި ކަޅު މީހުންނާއި ދޮން މީހުންގެ މުއްސަނދިކަމުގެ ބޮޑު ތަފާތެވެ. ލިބޭ އާމްދަނީގެ ތަފާތެވެ. ބިންވެރިކަމާއި، މިލްކިއްޔާތުގެ ތަފާތެވެ. ލިބިފައިވާ ތައުލީމާއި ހުނަރުގެ ތަފާތުތަކެވެ. ދިރިއުޅޭ ތަނުގެ (ނުވަތަ ގެދޮރު) ގެ ތަފާތެވެ. މިފަދަ ބޮޑެތި ތަފާތުތަކުގެ ސަބަބުން، ކަޅު މީހުންގެ ކޮމިއުނިޓީތަކުގައި ވަނީ ވަޒީފާ ނެތުމުގެ ސަބަބުންނާއި، ރަނގަޅު ތައުލީމުން މަހުރޫމްވުމުގެ ސަބަބުން، ވައްކަމާއި މާރާމާރީ ފަދަ ކުށްތައް އިތުރުވެފައެވެ.

އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު ކަމުގައި ވިޔަސް، އަދި ނިސްބަތުން މުއްސަނދިކަން ކިތެންމެ ބޮޑުކަމުގައި ވިޔަސް، އެމެރިކާގެ މުއްސަނދިކަމުގެ 40 އިންސައްތަ ކޮންޓްރޯލް ކުރަނީ އެންމެ 1 އިންސައްތަ މީހުންނެވެ. ގައުމުގެ އިގްތިސާދު، އަދި ސަރުކާރުވެސް ކޮންޓްރޯލް ކުރަނީ މިދެންނެވި 1 އިންސައްތައިގެ ތެރޭގައި ހިމެނޭ މުއްސަދިންނެވެ. އިގްތިސާދީ ކުރިއެރުން ލިބޭއިރު އެންމެ އާމްދަނީ އެންމެ ބޮޑު ތަނުން އިތުރުވަނީ މި މީހުންގެއެވެ. އަދި މިލްކިއްޔާތާއި، ޖުމްލަ މުއްސަދިކަންވެސް އެންމެ ބޮޑު ތަނުން އިތުރުވެގެންދަނީ ހަމަ އެންމެ މުއްސަދި މީހުންގެއެވެ.

ރާއްޖޭގެ އާބާދީއަށް ބަލާއިރުވެސް އެމެރިކާއާއި އަދި އެހެނިހެން ވަރަށް ގިނަ އެހެން ގައުމުތަކާއި އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ. ފަގީރުންނާއި މުއްސަނދިންގެ ފަރަގު ވަރަށް ބޮޑެވެ. އަދި އިގްތިސާދީ ފުރުސަތުތަކާއި، ސިއްހީ، ތައުލީމީ، އަދި ގެދޮރު ފަދަ އަސާސީ ހައްގުތަކުގައި ހަމަހަމަ ކަން ނެތި، އިޖްތިމާއީ އަދާލަތު މިވަނީ ހޯދަން ޖެހިފައެވެ.

ފަގީރުކަމާއި މުއްސަދިކަމަކީ، ނުވަތަ ރައްޔިތުންގެ މެދުގައިވާ ފަރަގުތައް މިނުމުގައި، ބަލަން ޖެހެނީ ހަމައެކަނި އާމްދަނީއަކަށް ނޫނެވެ. ސިއްހީ ދުޅަހެޔޮކަމާއި، ސިއްހީ ހިދުމަތް ލިބުމުގައި ހުރި ހަމަހަމަ ކަމަށްވެސް ބަލަންޖެހެއެވެ. ކުޑަކުދިންނަށް ތައުލީމް ލިބުމުގެ ފުރުސަތާއި، ލިބޭ ތައުލީމުގެ ފެންވަރަށްވެސް ބަލަން ޖެހެއެވެ. އަދި މިޒަމާނުގައި، އަގުހެޔޮކޮށް އިންޓަނެޓާއި މުވާސަލާތީ ހިދުމަތްތައް ލިބުމުގައި ހުރި ހަމަހަމަކަމަށްވެސް ބަލަން ޖެހެއެވެ. ދިރިއުޅޭ ތަނުގެ ފެންވަރަށް ބަލާއިރު، ފެނާއި ނަރުދަމާގެ ހިދުމަތާއި، އެކަށީގެންވާ ފެންވަރުގެ ބޯހިޔާވަހިކަމަށްވެސް ބަލަން ޖެހެއެވެ. އަދި އެއް ގެއެއްގައި، އެއް އަވަށެއްގައި، އަދި އެއް ރަށެއްގައި ދިރިއުޅޭ މީހުންގެ އަދަދު، ނުވަތަ ތޮއްޖެހިފައިވާ މިންވަރަށްވެސް އެބަ ބަލަންޖެހެއެވެ. 

އާދެ، ގައުމުގެ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ހުރި މިންވަރު، ނުވަތަ މުއްސަނދިންނާއި ފަގީރުންގެ ފަރަގު ހުރި މިންވަރު ދެނެގަނެވޭނީ މިދެންނެވި ހުރިހާ ކަމެއްވެސް މިނިގެންނެވެ. މި މިންގަނޑުތަކުން ބަލާއިރު ރާއްޖޭގައި ހަމަހަމަކަން އޮތީ ކިހާ މިންވަރަކަށްތޯއެވެ؟ އެމެރިކާ އެކޭ އެއްފަދައިން ރާއްޖޭގައިވެސް ގައުމުގެ މުއްސަނދިކަން ކޮންޓްރޯލް ކުރަނީ މަދު ބަޔަކު ބާވައެވެ؟

ރާއްޖޭގެ ތަފާސް ހިސާބާއި ބެހޭ އިދާރާއިން ދާދި ފަހުންވަނީ "މަލްޓި ޑައިމެންޝަނަލް ޕަވަޓީ އިންޑެކްސް" ގެ ނަމުގައި މިފަދަ ހިސާބެއް ޖަހާފައެވެ. އެފަރާތުން އާންމުކޮށްފައިވާ ރިޕޯޓް އެކުލަވާލުމަށް ބޭނުންކޮށްފައިވަނީ 2016 ވަނަ އަހަރުގައި ކުރެވުނު ސާވޭގެ ނަތީޖާތަކެކެވެ. އަދި މި ސާވޭގައި ބެލިފައިވަނީ މާލެ އާއި އަތޮޅުތަކުގައި ދިރިއުޅޭ މީހުންގެ ސިއްހީ ދުޅަހެޔޮކަމާއި، ސިއްހީ ހިދުމަތްތައް ލިބެން ހުރި މިންވަރުތަކާއި، ކުޑަކުދިން ސްކޫލްގައި ކިޔެވުން މަހުރޫމްވެފައިވާ މިންވަރާއި އިންޓަނެޓް ލިބުމުގައި ހުރި ދަތިތަކާއި، އަދި ފެނާއި ނަރުދަމާގެ ހިދުމަތާއި، ދިރިއުޅުމުގެ ފެންވަރު ވަޒަންކުރުމުގެ ގޮތުން އާބާދީ ތޮއްޖެހިފައިވާ މިންވަރެވެ. 

މިރިޕޯޓުން އެގޭ ގޮތުގައި 2016 ވަނަ އަހަރު ރާއްޖޭގެ އާބާދީގެ ތިން ބައިކުޅަ އެއްބައި މީހުންނަކީ މިދެންނެވި ތަފާތު މިންގަނޑުތަކުން ބަލާއިރު ފަގީރުންނެވެ. މިއީ ގާތްގަޑަކަށް 95،000 މީހުންނެވެ. އަދި މިފަދަ މީހުންގެ ތެރޭގައި ހިމެނެނީ މިނުމަށް ބޭނުންކުރެވުނު ހިދުމަތްތަކުގެ 51 އިންސައްތަ އިން މަހްރޫމްވެފައިވާ މީހުންނެވެ.

މި ދިރާސާއަށް ބަލާއިރު މާލެއަށް ވުރެ އަތޮޅުތަކުގައި ފަގީރުންގެ ނިސްބަތާއި، ފަގީރުކަމުގެ ހާލަތު ބޮޑެވެ. އަދި މިކަމުގައި އެންމެ ފާހަގަކުރެވޭ ކަންތައްތަކަކީ، ކުދިން ސްކޫލަށް ދާ އަހަރުގެ އަދަދާއި، ސާފު ބޯފެން ލިބުމުގައި ހުރި މައްސަލަތަކާއި، ފާހާނާއާއި ނަރުދަމާ ހިދުމަތުން މަހުރޫމްވެފައިވާ މިންވަރެވެ.

މީގެ ތެރެއިން ތައުލީމަށް ބަލައިލަމާތޯއެވެ. ގައުމުގެ ކުރިމަގާއި، އަދި އިގްތިސާދުގެ ކުރިމަގުވެސް ބިނާވެގެންވަނީ މިއަދު އަޅުގަނޑުމެން ތައުލީމަށް ކުރާ އިންވެސްޓްމަންޓަކުންނެވެ. ހަރުދަނާ ޖީލެއް ބިނާ ކުރެވެމުންނެވެ. ދުޅަހެޔޮ، ގާބިލް، އަދި ހުނަރުވެރި މަސައްކަތްތެރިންތަކެއް އުފެއްދިގެންނެވެ. މިހެން މިކަން އޮތް އިރު، ދިވެހި ކުއްޖަކު އުފަންވެ، ބޮޑުވާ ރަށެއްގެ ސަބަބުން، ލިބޭ ތައުލީމުގެ ފެންވަރު ދަށްވުން، ނުވަތަ ތައުލީމުން މަހުރޫމްވުން، މިއީ އަޅުގަޑުމެންނަށް ބަލައި ގަނެވޭނޭ، އަދި ގަބޫލްކުރެވޭނޭ ކަމެއް ނޫނެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި ސްކޫލްތައް އިމާރާތް ކުރުމަކުންވެސް މިކަން ފުރިހަމަ ވީކަމަށް ދެކިގެން ތިބެވޭކަށް ނެތެވެ. ކުދިން ސްކޫލަށް ދޭތޯވެސް ބަލަން ޖެހެއެވެ. ވަކި ހިސާބަކުން ސްކޫލަށް ދިއުން ހުއްޓި، ކިޔެވުން މެދުކެނޑިގެންދާ ކުދިންގެ ކަންތައްތައް ބަލާނެ ބަޔަކު ތިބެންޖެހެއެވެ. އެފަދަ ކުދިން އަބުރާ ސްކޫލަށް ގެނެވޭ ގޮތެއް، ތައުލީމު ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން ޖެހޭނެއެވެ. މީގެ އިތުރުން، ދެވޭ ތައުލީމުގެ ފެންވަރަކީވެސް ސަމާލުކަން ދެވިގެން، އެއް ހަމައެއްގައި ހިފަހައްޓަންޖެހޭ ކަމެކެވެ.

ރާއްޖޭގައި އިގްތިސާދީ ގޮތުން ހަމަހަމަކަން އުފެއްދޭނޭ ގޮތަކާއި މެދު ވިސްނާލާއިރު، އަދި މުއްސަދިކަން ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއިއެކު ބެހިގެންދާނޭ ގޮތަކަށް ފިކުރުކުރާއިރު، އެންމެ މުހިއްމު އެއްކަމަކީ ބިންވެރިކަމެވެ. ރާއްޖޭގެ ބައެއް ރަށްތަކުގައި ބިން މަދު ކަމުގައިވިޔަސް، ގައުމުގެ އާބާދީއަށް ބަލާއިރު، ރަށްތަކުގެ އަދަދު މަދެއް ނޫނެވެ. އަދި ބިމުގެ މިންވަރުވެސް މަދެއް ނޫނެވެ. ދިރިއުޅުމަށްޓަކައި ކޮންމެ ދެމަފިރިއަކަށްވެސް އެކަށީގެންވާ ގެއެއް މުހިއްމެވެ. އަދި ބިންވެރިވުމަކީ، ރައްޔިތުންގެ ކުރިއެރުމާއި، އިގްތިސާދީ ގޮތުން ފުދުންތެރިވުމާއިވެސް ގުޅިފައިވާ ކަމެއް ކަމުން، މިއީ ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށް ގެންދެވިދާނޭ ކަމެކެވެ.

އެންމެ ފަހު ކަމަކަށް ދަންނަވަން އޮތީ، ރައްޔިތުންގެ މެދުގައި އިގްތިސާދީ އަދި ދިރިއުޅުމުގެ ފެންވަރުގެ ގޮތުން ހަމަހަމަކަން ގާއިމް ކުރުމަށް، އަދި ފަގީރުންނާއި މުއްސަނދިންގެ ފަރަގު ކުޑަކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ، އެމެރިކާ ފަދައިން ރާއްޖޭގައިވެސް ހަމަ ސިޔާސީ ލީޑަރުންނާއި އެންމެ މުއްސަނދި ފަރާތްތަކުގެ ގާތް ގުޅުމެވެ.

 ސިޔާސީ ފަރާތްތަކުން ވެރިކަމަށް އައުމަށް މުއްސަނދިންގެ ފައިސާ އާއި އެހީތެރިކަން ހޯދާހާ ހިނދަކު، ވެރިކަމުގައި ތިބޭއިރު ކޮންމެ ބަޔަކުވެސް މަސައްކަތް ކުރާނީ މުއްސަނދިން ރުހޭ ގޮތަށެވެ. ގާނޫނު ހަދާ މަޖިލީހަށް ހޮވުމަށް ހަރަދު ކުރަނީ ވިޔަފާރިވެރިން ކަމުގައިވާނަމަ، ހެދޭ ގިނަ ގާނޫނުތަކުން އެންމެ ބޮޑު ފައިދާއެއް ލިބިގެން ދާނީ ހަމަ ވިޔަފާރިވެރިންނަށެވެ. އާހިރުގައި މުއްސަމދިން ވާނީ އިތުރަށް މުއްސަންޖެވެ. ފަގީރުން ދާނީ ހަމަ ފަގީރުވަމުންނެވެ.

އެޑިޓަރުގެ ނޯޓް:

ޝަހުލް ހުސައިން އަކީ ސީއެންއެމް ނޫހަށް ޔަމުންދާ ލިޔުންތެރިއެކެވެ. މައިގަނޑުގޮތެއްގައި ލިޔަމުންދަނީ އިޖުތިމާއީ އިގުތިސާދީ ދާއިރާގެ މައްސަލަތަކާ ބެހޭ ގޮތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް