ads
މާވެޔޮ މިސްކިތް--
ޖަމާއަތުގައި ނަމާދުކުރަން ފުރުސަތުދޭ ހިސާބުން މާވެޔޮ މިސްކިތް ހުޅުވޭނެ: މިނިސްޓަރު ޒާހިރު
މަސްޖިދުލް ބަހާއުއްދީން ނުވަތަ މާވެޔޮ މިސްކިތް ޒަމާނީ ފެންވަރަށް އިމާރާތްކޮށް ނިންމާލާފައިވާއިރު އެތަނުގައި ނަމާދުކުރަން ފަށާނީ މާލޭގައި ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލުމާއެކު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ކުރިން ދެ ބުރިއަށް ހުރި މާވެޔޮ މިސްކިތް 2016 ވަނަ އަހަރުގެ ތެރޭގައި ތަޅާލައި އެތަނުގައި ފަސް ބުރީގެ އިމާރާތެއް އަޅަން ނިންމި އެވެ. އެކަމަކު ފަހުން ވަނީ މިސްކިތް އިމާރާތް ކުރާނީ ހަތް ބުރިއަށް ކަމަށް ނިންމާފަ އެވެ. 

ދައުލަތުން 17 މިލިއަން ހަރަދުކޮށްގެން އެ މަސައްކަތް ކުރަން އޮތްނަމަވެސް އެތަނުގެ މަސައްކަތް ނިންމާފައި ވަނީ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަހާނުގެ އެޗްއާރުސީ ކުންފުނިންނެވެ. 

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މިދިޔަ ރޯދަ މަހުގެ ކުރިން އެތަނުގެ މަސައްކަތް ނިންމައި މިނިސްޓްރީއާ ހަވާލުކުރަން އެ ކުންފުނިން މަސައްކަތް ކުރި ނަމަވެސް ކޮވިޑް-19 ގެ ކަންކަމާއި ހުރެ މަސައްކަތް ނުނިމުނީ ކަމަށެވެ. 

އެކަމަކު ވަރަށް ބުރަކޮށް މަަސައްކަތްކޮށްގެން މިހާރު ވަނީ ހުރިހާ މަސައްކަތެއް ވަރަށް ފުރިހަމައަށް ކޮށް ނިންމާފައިކަން މިނިސްޓަރު ފާހަގަކުރައްވަ އެވެ. 

"އެ ބޭފުޅުން ބޭނުންފުޅުވޭ މިނިސްޓްރީއާ ވީހާވެސް އަވަހަކަށް ހަވާލުކުރުމަށް. އަޅުގަނޑަށް ކުރީ ދުވަހަކު އެބޭފުޅުން ވިދާޅުވި ބޭނުންފުޅުވެޔޭ މިމަހުގެ 20 ގައި މިނިސްޓްރީއާ މިސްކިތް ހަވާލުކުރަން،"

މިނިސްޓަރު ވިދާޅުވީ އެ ކުންފުނިން އެ މިސްކިތް ވީހާވެސް އަވަހަށް ހުޅުވަން ބޭނުންވާ ކަމަށައި އެކަމަކު މިހާލަތުގައި މިނިސްޓްރީން ބޭނުންވަނީ ވަކި ކަހަލަ ކަންތައްތަކެއް ތަރުތީބުވުމުން މިސްކިތް ހުޅުވުމަށް ކަމަށެވެ. 

އެގޮތުން މިސްކިތް ހުޅުވުން ނަމަވެސް ޖަމާއަތުގައި ނަމާދުކުރަން ކުރުމަކީ މިހާލަތުގައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި ހާލަތު ރަނގަޅުވެއްޖެނަމަ މިސްކިތް ހުޅުވައި އެތަނުގެ ބޭނުން އެންމެ ފުރިހަމައަށް ހިފިގެންދާނެ ކަމަށެވެ. 

"އެހެންވީމާ ޖަމާއަތް ނަމާދުކުރަން ފެށޭ ހިސާބުން މިސްކިތް ހުޅުވިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މިނިސްޓަރު ވިދާޅުވެ އެވެ.

ކުރިން މާވެޔޮ މިސްކިތަކީ 400 އެއްހާ މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެކަމަކު މިހާރު ހަތް ބުރިއަށް އިމާރާތްކުރުމާއެކު އެތަނުގައި ދެހާހެއްހާ މީހުންނަށް ނަމާދުކުރެވޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް