ads
މީރާ-- ފޮޓޯ: ސީއެންއެމް
މީރާގެ ކައުންޓަރުތައް އަންނަ މަހު ހުޅުވާލަނީ
ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއި ގުޅިގެން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކައުންޓަރުތަކުގެ ހިދުމަތްތައް އަންނަ މަހުން ދޭން ފަށްޓާނެ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

މީރާއިން ބުނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ލުއިކުރެވިފައިވާތީ، އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މީރާ ގެ ކައުންޓަރުތައް ހުޅުވާލުމަށް ނިންމާފައިވާ އެވެ.

އަންނަ މަހުން ފެށިގެން މީރާ ހުޅިވިކަމުގައިވީ ނަމަވެސް ޓެކްސް ދައްކާ ފަރާތްތަކުން ފުރިހަމަ ކުރަން ޖެހޭ ކަންތަައްތައް ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންނާއި އިޖުތިމާއީ ގައިދުރުކަމާއިއެކު ހިދުމަތް ދިނުމުގެ ގޮތުން މި ބަންދުގެ މުއްދަތާ ދިމާވި ސުންގަޑިތަކަށް ގެނެވިފައިވާ ބަދަލުތަކާއި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ވަކި އުސޫލަކުން ކަމަށް މީރާ އިން ވަނީ ބުނެފަ އެވެ.

އެގޮތުން މީރާ ހުޅުވާ ފުރަތަމަ ހަފްތާގައި ކައުންޓަރުތަކުން ހަމައެކަނި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މީރާއަށް ބަލައިގަންނަ ޓެކްސް ނޫން ފީއާއި ކުއްޔާއި އެހެނިހެން ފައިސާ އެވެ. އަދި މިފަދަ ފައިސާއެއް ދެއްކުމުގެ ސުންގަޑިއެއް މި ބަންދާ ދިމާވެފައިވާނަމަ ނުވަތަ މީރާ ހުޅުވާ ފުރަތަމަ ދެ ހަފުތާއާ ދިމާވާނަމަ، އެ ފައިސާއަކާ ގުޅޭ އިދާރާއަކުން އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ އެ ފައިސާ ދެއްކުމުގެ އައު ސުންގަޑިއަކަށް ވާނީ އަންނަމަހުގެ 16 ވަނަ ދުވަސްކަމަށް މީރާއިން ވަނީ ބުނެފަ އެވެ.

މީރާ އިން އިތުރަށް ބުނިގޮތުގައި، ހުޅުވާ ދެވަނަ ހަފްތާއިން ފެށިގެން ޓެކުހަށްނުވާ ފައިސާގެ އިތުރުން އޮންލައިންކޮށް ހުށަހެޅުން ލާޒިމުކޮށްފައިނުވާ ޓެކްސް ބަޔާނާއި އޮންލައިންކޮށް ދެއްކުން ލާޒިމުކޮށްފައި ނުވާ ޓެކުހުގެ ފައިސާ ބަލައިގަންނާނެއެވެ.

އޭގެ އިތުރުން، މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަސް ނުވަތަ އެ ތާރީހުގެ ފަހުން އައިސްފައިވާ ޓެކުހުގެ އާ ސުންގަޑިއަކީ އަންނަ މަހުގެ 23 ވަނަ ދުވަސްކަމަށް ވެސް މީރާ އިން ވަނީ ބުނެފަ އެވެ. އަދި، އޮންލައިންކޮށް ހުށަހެޅުމަށް ލާޒިމުކޮށްފައިވާ ޓެކްސް ބަޔާންތަކާއި އޮންލައިންކޮށް ދެއްކުމަށް ލާޒިމުކޮށްފައިވާ ޓެކްސް ފައިސާގެ ސުންގަޑިތަކުގެ ތެރެއިން މި ބަންދާ ނުވަތަ މީރާ ހުޅުވާ ފުރަތަމަ ތިން ހަފުތާއާ ދިމާވާ ސުންގަޑިތަކުގެ އާ ސުންގަޑިއަކީ އަންނަމަހުގެ 23 ވަނަ ދުވަސްކަމަށެވެ.

މީރާ އިން ބުނީ މިދިޔަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ އައު ސުންގަޑިއަކީ މިއަހަރުގެ އޮގަސްޓުމަހުގެ 16 ވަނަ ދުވަސް ކަމަށާއި މިއަހަރަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ހުށަހަޅަންޖެހޭ ފުރަތަމަ އިންޓެރިމް ބަޔާން ހުށަހެޅުމާއި އިންޓެރިމް ޕޭމަންޓް ދެއްކުމުގެ އައު ސުންގަޑިއަކީ އަންނަ އޮގަސްޓުމަހުގެ 31 ވަނަ ދުވަހެވެ.

ހާލަތަށް އަންނަ ބަދަލަކާ ގުޅިގެން އަލަށް ކަނޑައެޅި ސުންގަޑިތަކަށް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއ، ޓެކުހަށްނުވާ ފީއެއް ނުވަތަ ކުއްޔެއް ނުވަތަ އެހެންވެސް ފައިސާއެއްގެ ސުންގަޑިއަކާ ގުޅޭގޮތުން އެ ފައިސާއަކާ ގުޅޭ އިދާރާ ނުވަތަ އޮފީހުން ވަކި ގޮތެއް ކަނޑައަޅާފައިވާނަމަ ނުވަތަ ކަނޑައަޅައިފިނަމަ، އެ ގޮތަކަށް އެ ސުންގަޑިއެއް ބަދަލުކުރެވޭނެކަމަށްވެސް މީރާއިން ހާމަކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް