ads
2011 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑްކަޕްގެ ފައިނަލްގެ ކުރިން ސަންގަކާރަ އަދި ދޯނީ
ކްރިކެޓް ވޯލްޑްކަޕްގެ ފައިނަލް މެޗު ލަންކާއިން އިންޑިއާއަށް ވިއްކާލިކަމުގެ ތުހުމަތު!
2011 ވަނަ އަހަރު އިންޑިއާގައި އޮތް ކްރިކެޓް ވޯލްޑްކަޕްގެ ފައިނަލް މެޗު، ލަންކާއިން އިންޑިއާއަށް ވިއްކާފައިވާ ކަމަށް ލަންކާގެ ކުރީގެ ކުޅިވަރާއި ބެހޭ ވަޒީރު ތުހުމަތު ކުރައްވައިފިއެވެ. ލަންކާއާއި އިންޑިއާ، މުމްބާއީގައި ކުޅުނު މި ފައިނަލް މެޗު ހަ ވިކެޓުން ކާމިޔާބުކޮށްގެން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިންޑިއާއިންނެވެ. މެޗު ވިއްކާލާފައިވާ ކަމަށް ތުހުމުތު ކުރެއްވީ، އޭރު ލަންކާގެ ކުޅިވަރާއި ބެހޭ ވަޒީރުކަމުގެ މަގާމުގައި ހުންނެވި މަހިންދަނަންދަ އަލުތްގަމަގޭ އެވެ.

ލަންކާގެ ކުޅިވަރު ވަޒީރުކަމުގެ މަގާމުގައި 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ މަގާމުގައި ހުންނެވި، އަދި މިހާރު ލަންކާގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ރިނިއުބަލް އެނަރޖީ އެންޑް ޕަވަރގެ މަގާމުގައި ހުންނެވި، މަހިންދަނަންދަ ތުހުމަތު ކުރެއްވި ގޮތުގައި، 2011 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑްކަޕުގެ ފައިނަލް މެޗުގެ ކުރިން މެޗުވަނީ ފިކްސްކޮށްފައެވެ. އެހެންނަމަވެސް މިކަމުގެ ތަފްސީލުތައް ދެއްވަން އޭނާވަނީ ދެކޮޅު ހައްދަވާފައެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މެޗު ފިކްސް ނުކުރި ނަމަ މުބާރާތް ލަންކާއިން ކާމިޔާބުކުރީހެވެ.

ވަރަށް ސާބިތުކަމާއި އެކު މި ދަންނަވަނީ. އިންޑިއާއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުވަނީ ފިކްސްކޮށްފައި. އަހަރެން އޭރު ހުރީ ސްޕޯޓްސް މިނިސްޓަރުކަމުގެ މަގާމުގައި، އެހެންކަމުން އަހަރެންނަށް އެކަން ހިނގައިދިޔަ ގޮތް ވަރަށް ރަނގަޅަށް އެނގޭ. މި ވަގުތު މީގެ ތަފްސީލު އަހަރެން ކިޔައި ނުދިނަސް، މިކަމުގެ ސީރިއަސް ތަހުގީގަކަށް އެ މައުލޫމާތު އަހަރެން ދޭނަން.

2011 ވަނަ އަހަރުގެ އޭޕްރީލް މަހު މުމްބާއީގައި ކުޅެވުނު އިންޑިއާ- ލަންކާގެ ފައިނަލް މެޗު އިންޑިއާއިން ކާމިޔާބުކުރީ ހަ ވިކެޓުންނެވެ. ލަންކާގެ ކުރީގެ ކުޅިވަރު ވަޒީރުގެ މި ބޮޑު ތުހުމަތާއި އެކު އިންޑިއާ ކުޅުންތެރިންވަނީ މެޗު ފިކްސް ކުރުމުގެ އެއްވެސް ކަމެއް އެ ކުޅުންތެރިން ނުކުރާ ކަމަށް ބުނެފައެވެ.

އަނެއްކޮޅުން، އޭރު ލަންކާގެ ކެޕްޓަނަކަށް ހުރި، ކުމާރު ސަންގަކާރަވަނީ މިނިސްޓަރުގެ މި ތުހުމަތުތަކާއި އެކު ހައިރާންކަމެއް ލިބިފައިވާ ކަމަށް ބުނެފައެވެ. އޭނާ ބުނެފައިވަނީ ލަންކާ ކުޅުންތެރިން އެ ފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. 

މިއީ ވަރަށް ސީރިއަސް ތުހުމަތުތަކެއް. މިނިސްޓަރު އެ ވިދާޅުވާ ވާހަކައަކީ ހަގީގަތެއް ނަމަ، އެކަން އެބަޖެހޭ އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލްގެ އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައި އެކަން ތަހުގީގުކުރަން.

ލަންކާގެ ކުރީގެ ކުޅިވަރު ވަޒީރަކީ، އިންޑިއާ އާއި ލަންކާގެ ފައިނަލް މެޗު ފިކްސް ކުރިކަމުގެ ތުހުމަތު ކުރި ދެވަނަ ފަރާތެވެ. މީގެ ކުރިން ލަންކާއާއި އެކު ވޯލްޑްކަޕް ކާމިޔާބުކުރި ލަންކާގެ ކުރީގެ ކެޕްޓަން، އަރުޖުނާ ރަތުނުންގާވެސްވަނީ 2011 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑްކަޕުގެ ފައިނަލް މެޗު ފިކްސްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް