ads
އީސީގެ މިހާރުގެ ނައިބް ރައީސް އަހްމަދު އަކްރަމް
ފައިސާ ދެއްކުމަށް ޑީއާރުޕީން އިިތުރު މުއްދަތަށް އެދިފައިވޭ: އަކްރަމް
ޕާޓީގެ ކޮންގްރެސް ބޭއްވުމަށާއި ޖޫރިމަނާ ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށް ދިނުމަށް އެދި ދިވެހި ރައްޔިތުންގެ ޕާޓީން އެދިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.

އީސީން މިދިޔަ ބުދަ ދުވަހު ބުނީ ތިން ޕާޓީއަކަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އާއި، ދިވެހި ރައްޔިތުންގެ ޕާޓީ އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އަށް ފިޔަވަޅު އަޅަން ނިންމިކަން އިއުލާންކުރީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

ޑީއާރުޕީ އިން ތަކުރާރުކޮށް ސިޔާސީ ޕާޓީގެ ގާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާ ކަމަށް އީސީން ބުނެއެވެ. އަދި 2016 އަދި 2019 ގައި ކޮށްފައިވާ ޖޫރިމަނާތަކުގެ ފައިސާ ދައްކާފައިނުވާއިރު ދެ ފަހަރެއްގެ މަތިން އެ ފައިސާ ކޮމިޝަނަށް ދެއްކުމަށް އެ ޕާޓީއަށް އެންމުން ވެސް ފައިސާ ދައްކާފައި ނުވާކަމަށް އީސީން ބުނެއެވެ. ސިޔާސީ ޕާޓީގެ ގާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ފާއިތުވި ދެ އަހަރު ޕާޓީގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓްވެސް ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށް މިދިޔަ ބުދަ ދުވަހު އީސީން ބުނެފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އީސީގެ ނައިބުރައީސް އަކްރަމް ވިދާޅުވީ ޑީއާރުޕީން މިހާތަނަށް ޖޫރިމަނާ ފައިސާ ދައްކާފައި ނުވާކަމަށާއި ނަމަވެސް ކޮންގްރެސް ބޭއްވުމަށާއި، ޖޫރިމަނާ ފައިސާ ދެއްކުމުގެ އިތުރުން އޮޑިޓް ރިޕޯޓް ހުށަހެޅުމަށް އެޕާޓީން އިތުރު މުއްދަތެއް ބޭނުންވާކަމަށް އެދި ސިޓީ ހުށަހަޅާފައިވާކަމަށެވެ. އެގޮތުން ލޮކްޑައުންއަށް ފަހު އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

" ޖޫރިމަނާތައް ދައްކާފަ އެއް ނުއެއް ނެތް އަދިއެއް. އެހެން ނަމަވެސް އެ މީހުން އެބަހުރި ސިޓީވެސް ފޮނުވާފަ އިތުރު ވަގުތު ހޯދަން. ދެން ކޮންގްރެސްގަ ވެސް އިތުރު ވަގުތު ހޯދުމަށްޓަކައި ސިޓީ ފޮނުވާފަ" އަކްރަމް ވިދާޅުވި އެވެ.

އޭގެ އިތުރުން އަކްރަމް ވިދާޅުވީ ލޮކްޑައުން ނިންމުމުން ކޮންގްރެސް ބޭއްވުމަށް އިތުރު މުއްދަތު ފިޔަވަޅު އެޅި ތިން ޕާޓީއަށް ދީފައިވާނެކަމަށެވެ.

އީސީން ބުނީ ގަވާއިދުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޑީއާރުޕީގެ ގައުމީ ޖަލްސާ ބާއްވާފައިނުވާކަމަށާއި ތަކުރާރުކޮށް ކަންކަން އިސްލާހު ކުރުމަށް އެ ޕާޓީއަށް ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް