ads
އައްޑޫ ސިޓީ-- ފޮޓޯ: ހައްވާ އަމާނީ އަބްދުﷲ
އައްޑޫއަށް ބިދޭސީން ގެންދެވޭނީ ރަޖިސްޓްރީ ކޮށްގެން
އައްޑޫ ސިޓީ އަށް ބިދޭސީން ގެންދާނަމަ ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން ނެރިފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 39 ވަނަ މާއްދާގެ (ޓ) އާއި (ޔ) އާއި އެ ގާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގެ 26 ވަނަ ނަންބަރުގެ މައްޗަށް ރިއާޔަތްކޮށް، ބިދޭސީންނާއި ގުޅޭގޮތުން ކަމާބެހޭ ދައުލަތުގެ އިދާރާތަކާއި މަޝްވަރާކޮށް އައްޑޫއަށް ބިދޭސީއަކު ގެނައުމުގެ ކުރިން އެބިދޭސީއަކު އައްޑޫ އަށް ގެންނަ ފަރާތަކުން އެ އަވަށެއްގެ އަވަށު އޮފީހުގައި ރަޖިސްޓަރީކުރަން ޖެހޭގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި އައްޑޫއިން ބިދޭސީއަކު ފޮނުވާލުމުގެ ކުރިން ނުވަތަ އެބިދޭސީއަކު ދިއުމުގެ ކުރިން އެ އަވަށެއްގެ އަވަށު އޮފީހަށް އެކަމެށް ކަނޑައަޅާފައިވާ ފޯމަކުން ހުށަހަޅަންވާނެ ކަމަށް ވެސް ކައުންސިލުން ބުނެއެވެ. 

ކައުންސިލުން ބުނީ މިހާރު އައްޑޫގައި އުޅޭ ބިދޭސީން ވެސް އެއަވަށެއްގެ އަވަށު އޮފީހުގައި ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ. 

އޭގެ އިތުރުން ލިޔެކިޔުން ފުރިހަމަނުވާ ބިދޭސީންގެ ތެރެއިން ސަރުކާރުން ހިންގަވާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިނުވާ ބިދޭސީން އައްޑޫގެ އެއްވެސް ގެއެއްގައި ބޭތިއްބުމަކީ މަނާކަމެއް ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި ސަރުކާރުން ހިންގާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިނުވެ އައްޑޫގައި ތިބި ލިޔެކިޔުން ފުރިހަމަނުވާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށްޓަކައި ކުރަންޖެހޭ ކަންކަން ދައުލަތުގެ އިދާރާތަކާއި ގުޅިގެން ކުރާނެ ކަމަށްވެސް ކައުންސިލުން ބުނެ އެވެ. 

ބިދޭސީން ދަފްތަރުގައި ޖެއްސުމަށް އަދި ދަފްތަރުން އުނިކުރުމަށް އެދޭ ފޯމު ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި  ފޯމު އެއަވަށެއްގެ އީމެއިލް އަށް މެއިލް ކުރެވޭނެ ކަމަށް އައްޑޫ ކައުންސިލުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް