ads
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
މާލޭގެ މަގުތަކުން ނަޖިސް އެރުމުގެ މައްސަލަ ހައްލުކުރެއްވިއްޖެ: އާޒިމް
މާލޭގެ މަތިން ނަޖިސް އެރުމުގެ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފި އެވެ.
މާލޭގެ މަގުމަތިން ނަޖިސް އެރުމުގެ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފި އެވެ.

އެކުންފުނީގެ ކަސްޓަމާ ސާވިސް ބިލްޑިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، މާލޭގެ މަގުތަކުން ނަޖިސް އެރުމުގެ މައްސަލަ ޖުމްލަ ގޮތެއްގައި މިހާރު ހައްލު ކުރެވިފައިވާ ކަމަށާއި މިއީ ކުރު ރާސްތާ ޕްލޭނަކާއެކު ހާސިލު ކުރެވިފައިވާ ނަތީޖާއެއް ކަމަށެވެ.

އެހެންނަމަވެސް މާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާނަމަ ނަރުދަމާގެ މައްސަލައަށް ދިގު މުއްދަތެއްގެ ހައްލެއް ހޯދަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އެގޮތުން ވިދާޅުވީ، މާލޭގެ އާބާދީ ތިން ލައްކައަށް އަރައިގެން ދިޔަ ނަމަވެސް އެ އާބާދީއަށް ބޭނުންވާ ނަރުދަމާގެ ނެޓްވޯކް ފުޅާކުރެވިގެންދާނެ ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި، ބައެއް ނެޓްވޯކްތަކުގެ ޕަމްޕްލައިންތައް ބަދަލުކޮށް އިތުރު ޕަމްޕް ސްޓޭޝަންތައް ވެސް ހެދިގެންދާނެ އެވެ.

"އެމަސައްކަތް އަޅުގަނޑުމެން މި ބަލަނީ 2022 ގެ ކުރިއަށް ނިންމާލެވޭތޯ. އިރާދަކުރެއްވިޔާ އަޅުގަނޑުމެން ބަލާނަން އެކަންކަން އެއަށް ވުރެ ވެސް އަވަހަށް ނިންމާލަން،"

އާޒިމް އިތުރަށް ވިދާޅުވީ، ކުރިން ވިއްސާރަ ނުވެހޭ ދުވަސްތަކުގައި ވެސް މާލޭގެ މަގުތަކުން ނަޖިސް އަރާކަމުގެ ޝަކުވާތައް ލިބޭކަމަށާއި އެކަމަކު މިހާރު އެގޮތަށް ކުރާ ޝަކުވާތައް މަދުވެފައިވާ ކަމަށެވެ.

އެހެންނަމަވެސް އާޒިމް ވިދާޅުވީ ވިއްސާރަ ވެހޭއިރު އަދިވެސް ކޮންމެވެސް ވަރަކަށް ފެން އަރަމުންދާ މަންޒަރު ފެންނަ ކަމަށާއި އެގޮތަށް ދިމާވަނީ ގަވައިދާ ހިލާފަށް ގޭގޭގެ ދިޔަދޮވި ހޮޅިތައް އެމްޑަބްލިއުއެސްސީގެ ނެޓްވޯކާ ގުޅާފައިވާތީ ކަމަށެވެ.

"އަޅުގަނޑު މިއަދު އެދެން އެގޮތަށް ގަވައިދާ ހިލާފަށް ދިޔަދޮވި ހޮޅިއެއް ދިވެހި ރާއްޖޭގެ އަދި ހާއްސަކޮށް މާލޭގެ އާބާދީއަކީ ރާއްޖޭގެ ތިން ބައި ކުޅަ އެއް ބައި ދިރިއުޅޭ ތަނަކަށްވާތީ އެ އެންމެންގެ ހައްގުގައި ވެސް އެގޮތަށް ގުޅާފައިވާ ދިޔަދޮވި ހޮޅިތައް ނަގައި މަގުމައްޗަށް ދޫކޮށްލަން،"

އެގޮތުން އާޒިމް އިތުރަށް ވިދާޅުވީ، އެމްޑަބްލިއުއެސްސީން ދާދިފަހުން ސާވޭއަށް ހެދުމަށް ނިކުތުމުން އެ ސާވޭއަށް އެއްބާރުލުން ބައެއް ފަރާތްތަކުން ނުދޭ ކަމަށެވެ. އަދި ވިދާޅުވީ 7000 ގެއެއްގެ ސާވޭ ހެދުމަށް ފެށި އެ މަސައްކަތުގައި އެއްބާރުލުން ލިބުނީ 3000 ފަރާތަކުން ކަމަށެވެ. ދެ މަސް ދުވަހަށް ކުރިއަށް ގެންދިޔަ އެ ސާވޭއިން 3000 ގެއެއްގެ ތެރެއިން 203 ގެއެއްގެ ދިޔަދޮވި ހޮޅި ވަނީ ގަވައިދާ ހިލާފަށް އެކުންފުނީގެ ދިޔަދޮވި ހޮޅި ނަޖިހުގެ ތެރެއަށް ގުޅާފައިވާކަން ފާހަގަކުރެވުން ކަމަށް އާޒިމް ފާހަގަ ކުރެއްވި އެވެ.

"އެއީ އަޅުގަނޑުމެންގެ ސިސްޓަމްގެ އުނިކަމެއް ނޫން. އެއީ އަޅުގަނޑުމެންގެ ސިސްޓަމް ބޭނުންކުރުމުގައި ރައްޔިތުންގެ ތެރެއިން މަދު ބަޔަކު އިހުމާލުވެގެން ދިމާވާ މައްސަލައެއް. އެހެންވީމަ ހުރިހާ ރައްޔިތުންގެ ހައްގުގައި އެ 203 މީހުންނާއި އަޅުގަނޑުމެންނަށް އެ މައުލޫމާތު ނުދީ ތިބި ބޭފުޅުން ވެސް މިއަދުން މިއަދަށް ހޮޅިތައް ނަގައި މަގު މައްޗަށް ދޫކޮށްލުން،"

އޭގެ އިތުރުން އާޒިމް ވިދާޅުވި ގޮތުގައި އެ ސާވޭން ފާހަގަ ކުރެވުނު އަނެއް ކަމަކީ ކައްކާ ތަންތަން ހެދުމުގައި ވެސް ގަވައިދާ ހިލާފަށް އަމަލުކުރަމުން އަންނަ ކަމަށެވެ. އެގޮތުން އޮއިލް ޓެޕެއް ގާއިމުކޮށްގެން ނޫން ގޮތަކަށް ތެޔޮ ދޫކުރުމަކީ ސިސްޓަމް ތެރެ ބްލޮކްވާ ކަމެއް ނަމަވެސް އޮއިލް ޓެޕެއް ގާއިމުނުކޮށް ވެސް އެކަން ކުރަމުން އަންނަ ކަމަށެވެ.

"މިއީ ވެސް ވަރަށް މަދުބައެއްގެ ސަބަބުން، ގަރާޖު ހޮޓާ ރެސްޓޯރަންޓް ހިންގާ ފަރާތްތައް ތެޔޮގަނޑު އަޅުގަނޑުމެންގެ ސިސްޓަމްތަކުގެ ތެރެއަށް ދޫކޮށްލަނީ. ތެޔޮގަނޑު ސިސްޓަމްތަކުގެ ތެރެއަށް ދޫކޮށްލުމަކީ އާންމު ހިދުމަތުގެ ގަވައިދާ ވެސް ހިލާފު ކަމެއް،"

މިއީ އެވަގުތު ކަންފަސޭހަ ކޮށްލުމުގެ ގޮތުން މީހުން އަމަލުކުރަމުން އަންނަ ގޮތެއް ނަަމެވެސް ފަހުން ސިސްޓަމް ބްލޮކްވެ ނަޖިސް އެރުމުން އެކަމުގެ އުނދަގޫ އެންމެނަށް ވެސް ކުރިމަރިވާކަން އާޒިމް ފާހަގަ ކުރައްވަ އެވެ.

އާޒިމް އިތުރަށް ވިދާޅުވީ، ތިން ހަތަރު އަހަރުވަންދެން ސްވޯ ނެޓްވޯކް ސާފުނުކޮށް ބާއްވާފައިވާ ކަމަށައި އެކަމަކީ އެ ކުންފުނީގެ އިހުމާލުންވެފައި އޮތް ކަމެއް ކަމަށެވެ. އެހެންނަމަވެސް މިހާރު ވަކި ޑިވިޝަނެއް ހެދި އާވެހިކަލްތައް ހޯދައިގެން ވަކި ޑިވިޝަނެއް ވެސް ސްވޯ ނެޓްވޯކަށް ހަދައި އެކަން ވަކިން ބެލެހެއްޓޭނެ ނިޒާމެއްގެ ދަށުން ކުރަމުން އަންނަ ކަމަށެވެ.

އެކަމާއި ގުޅިގެން ވޭސްޓް ވޯޓާ އެންޑް ނެޓްވޯކް ޑިވިޝަނުގެ މެނޭޖަރު މުހައްމަދު ފައިސަލް ވިދާޅުވީ، މާލޭގެ ނެޓްވޯކަށް ދިމާވެގެން އުޅޭ މައްސަލަ ހައްލުކޮށް ހުރިހާ ޕަމްޕުތަކެއް ވެސް މިހާރު ބަރާބަރަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"މާލޭ ސާފުކުރުމަށް އިތުރު ވެހިކަލްތަކެއް ވެސް ގެނެވިފައި ވަނީ. އޭގެ ބޭނުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ ފެށިގެންދާނެ. އެއީ ހާއްސަކޮށް ހަނިި މަގުތަކަށް ފަސޭހައިން ވީހާވެސް އަވަހަކަށް ކަސްޓަމަރުންނަށް ހިދުމަތް ދެވިގެންދާނެ،" ފައިސަލް ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް