ads
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު--
ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓް ޑރ. ވަހީދު ފޮރުވި ކަމަށް ބުނާ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް
އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރިން ހިންގާފައިވާ ތެލުގެ ވަގު ވިޔަފާރީގެ ތަހުގީގު ރިޕޯޓެއް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ފޮރުވާފައިވާ ކަމަށް ބުނެ މަޖިލީހަށް ފޮނުވި މައްސަލަ ބެލުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު މަޖިލީހަށް ހުށަހެޅި މައްސަލަ  މަޖިލީހަށް ބަލައިގަތުމަށް ފާސްވެފައިވަނީ 67 މެމްބަރުންގެ ވޯޓުންނެވެ. އަދި އެ މައްސަލަ ބެލުމަށް ފޮނުވާފައިވަނީ ޖުޑިޝަރީ ކޮމިޓީއަށެވެ.

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރަކީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ. އަދި ނައިބު މުގައްރިރަކީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. 

ފަލާހް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ތެލުގެ ވަގު ވިޔަފާރީގެ ކަންކަން ތަހުގީގުކުރުމަށް ބޭރުގެ ކުންފުންޏަކަށް ހަވާލު ކުރި ކަމަށެވެ. 

އެގޮތުން އެ މައްސަލަ ބެލުމަށް ބޭރުގެ އެކައުންޓިން ފާމަކަށް ހަވާލުކުރީ ތަހުގީގު ނިމޭ ފަހުން ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ލިބުމުން އެ ފައިސާގެ 10 އިންސައްތަ ދޭގޮތަށް ކަމަށް ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް އެއްވެސް ސަބަބަކާ ލައިގެން ތަހުގީގު ނިންމާލަން އަންގާނަމަ 10 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދައްކަންޖެހޭ ކަމަށް މައްސަލައިގައި ވެއެވެ. 

މައްސަލައިގައި ބުނެފައިވަނީ ހަތެއް ފެބްރުއަރީ 2012 ގައި ވެރިކަން ބަދަލުވެ ވެރިކަމާއި ހަވާލުވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދައުލަތުގެ ފައިސާއިން އެ ރިޕޯޓް ބައްލަވައިގެންފައިވާކަމަށެވެ. އަދި އެ ރިޕޯޓް ފޮރުވާފައިވާ ކަމަށާއި، އެ ރިޕޯޓް ހޯދުމަށް މައްސަލައިގައި ވެއެވެ. 

ފަލާހްގެ މައްސަލައިގައި ބުނެފައިވަނީ ބޭރުގެ އެކުންފުންޏަށް ފައިސާދީ އެ ރިޕޯޓް ބައްލަވައިގެންފައިވަނީ ރައީސް ވަހީދާއި އޭރުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު އިސްވެ ހުންނަވައިގެން ކަމަށެވެ. އަދި އެކަންކަން އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި އެމްއެމްއޭގެ އޭރުގެ ގަވަރުނަރު ފަޒީލް ނަޖީބަށް އިނގިވަޑައިގަންނަވާނެ ކަމަށް ވެސް ބުނެފައި ވެއެވެ. 

މިމައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި މެމްބަރުން ވަނީ މި މައްސަލަ ބަލައި ފިޔަވަޅު އަޅާ އެ ރިޕޯޓް ހޯދަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ކުރީގެ ރައީސް ޑރ. ވަހީދު މަޖިލީހަށް ހާޒިރުކުރުމަށް ވެސް ބައެއް މެމްބަރުން ގޮވާލާފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް