ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު--
އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް އިތުރު ދެ މުއާހަދާއެއްގައި ބައިވެރިވާން މަޖިލީހުގެ ލަފަޔަކަށް އެދެނީ
އިންސާނީ ހައްގުތަކާ ބެހޭ ދެ މުއާހަދާއެއް ރާއްޖެއިން ތަސްދީގުކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާދީފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް ހުށަހެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ ލަފަޔާއެކު ރާއްޖެއިން ތަސްދީގުކުރުމަށް ނިންމާފައިވާ ދެ މުއާހަދާއަކީ،  "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް އާއި "އިންޓަނޭޝަނަލް ކޮންވެންޝަން ފޮ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕާސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް" އެވެ. 

ރައީސް އޮފީހުން ބުނި ގޮތުގައި އެގޮތަށް ނިންމީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީން ހުށަހެޅި ދެ ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ. 

އޭގެ ތެރެއިން އެއް މުއާހަދާއަކީ އިގްތިސޯދީ އިޖްތިމާއީ އަދި ސަގާފީ ހައްގުތަކާ ގުޅޭގޮތުން އައިސީއީއެސްސީއާރު ގެ ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަކި ވަކި ފަރުދުންނަށާއި ޖަމާއަތްތަކަށް ލިބިގެންވެ އެވެ. އަދި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިންމު އެއް އަސާސްކަމަށްވާތީ އެންމެ ފުރިހަމަ މާނައިގައި އައިސީއީއެސްސީއާރު އަށް އަމަލުކުރުމަށްޓަކައި އެ މުއާހަދާ ތަސްދީގުކުރުމަކީ މުހިންމު ކަމެއް ކަމަށް މެމްބަރުން ފާހަގަކުރައްވާ ކަމަށް ވިދާޅުވި އެވެ. 

އަދި އިންޓަނޭޝަނަލް ކޮންވެންޝަން ފޮ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް (ސީ.އީ.ޑީ) އަކީ ރާއްޖެއިން އިންސާނީ ހައްގުތައް ރައްކަތެރިކުރުމަށް ދޭ އަހައްމިއްޔަތުކަން އިތުރަށް ހާމަވެ،ރާއްޖޭގެ އިހްތިސޯސްގައި ހިމެނޭ ފަރާތްތަކުގެ ކަމާބެހޭ ހައްގުތައް ރައްކާތެރިކުރުމަށް އިތުރު ބާރު ލިބިގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. 

އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް، ފާސްކޮށްފައިވަނީ، އ.ދ. ގެ އާންމު މަޖިލީހުން 10 ޑިސެމްބަރު 2008 ގަ އެވެ. އަދި އެ މުއާހަދާ ސޮއިކުރުމަށް ގައުމުތަކަށް ހުޅުވާލާފައިވަނީ، 24 ސެޕްޓެމްބަރު 2009 ގައެވެ. ރާއްޖެއިން ވަނީ 21 ސެޕްޓެމްބަރު 2011 ގައި އެ މުއާހަދާގައި ސޮއިކޮށްފައިނަމަވެސް ރާއްޖެއިން އަދި އެ މުއާހަދާ ތަސްދީގުކޮށްފައެއް ނުވެއެވެ. 

އިންޓަނޭޝަނަލް ކޮންވެންޝަން ފޮ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕާސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް، މުއާހަދާ އެޑޮޕްޓްކޮށްފައި ވަނީ 2006 ވަނަ އަހަރުގެ ޑިސެމްބަރުގައި އެމެރިކާގެ ނިއުޔޯކުގަ އެވެ. ރާއްޖެއިން އެ މުއާހަދާގައި ސޮއިކޮށްފައިވަނީ، 6 ފެބުރުވަރީ 2007 ގަ އެވެ. އެ މުއާހަދާގައި މިހާތަނަށް 98 ގައުމަކުން ސޮއިކޮށްފައިވާއިރު، މުއާހަދާ ތަސްދީގުކޮށްފައިވަނީ 62 ގައުމަކުންނެވެ.

ސީ.އީ.ޑީ މުއާހަދާ ރާއްޖެއިން ތަސްދީގުކޮށް އެ މުއާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ގައުމުގެ ގާނޫނީ އޮނިގަނޑުގައި ހިމެނުމާއެކު، ޝަރުއީ ނިޒާމުގެ ތެރެއިން ބޮޑެތި ކުށްކުރާ ފަރާތްތަކަށް ހައްގު އަދަބު ކަނޑައެޅިގެން ދިއުމުން، އިންސާފު ގާއިމުކުރުމަށް މަގުފަހިވެގެންދާނެކަމަށް ފޮރިން މިނިސްޓްރީގެ ކަރުދާހުގައި ފާހަގަކުރެ އެވެ. އަދި އެފަދަ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ މުއާހަދާތަކުގައި ބައިވެރިވުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ފުރިހަމަކަމާއެކު ތަންފީޒުކުރުމަށް ބާރުލިބޭނެ ކަމެއް ކަމަށް ރައީސް އޮފީހުން ފާހަގަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް