ads
އެންޓިކޮރަޕްޝަން ކޮމިޝަން: --
ކޮރަޕްޝަންގެ އެތައް މައްސަލައެއް ކޯޓުތަކުގައި ފުނި ޖެހިފައި!
ކޮރަޕްޝަންގެ އެތައް މައްސަލައެއް، ކޯޓުތަކުގައި އެތައް ދުވަހެއް ވަންދެން މަޑު ޖެހިފައި އެބަހުރި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޕީޖީ އޮފީހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2012 ވަނަ އަހަރު ހުށަހެޅުނު ކޮރަޕްޝަންގެ ބައެއް މައްސަލަތައްވެސް އަދިވެސް ނުނިމި އެބަހުއްޓެވެ. 

ކޮރަޕްޝަންގެ މައްސަލަތަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން ޖިނާއީ ބޮޑު ކުށެކެވެ. އެހެންކަމުން މިއީ އަވަހަށް ނިންމަންވެސް ޖެހޭ ބާވަތުގެ މައްސަލައެކެވެ. ޕީޖީ އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮރަޕްޝަންގެ 75 މައްސަލައެއް، 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ދެމެދު ދަށު މަރުހަލާގެ ކޯޓުތަކުގައި މިހާރުވެސް އެބައޮތެވެ. މީގެ ތެރެއިން ބައެއް މައްސަލަތައް ޝަރުއީ މަރުހަލާގައި މިހާރުވެސް އަށް އަހަރު ވެފައިވާއިރު، އަދި މި މައްސަލަތައް އެ ކޯޓުތަކުން ނިމި، އިސްތިއުނާފު މަރުހަލާއަށް ގޮސްފިނަމަ އިތުރު އަހަރުތަކެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ.

ޕީޖީ އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2016 ވަނަ އަހަރުގެ އެކަނިވެސް 33 ކޮރަޕްޝަންގެ މައްސަލަ ދަށު މަރުހަލާގެ ކޯޓުތަކުގައި އެބައޮއެވެ. މީގެ އިތުރުން 2017 ވަނަ އަހަރުގެ 17 މައްސަލައަކާއި، 2018 ވަނަ އަހަރުގެ 12 މައްސަލައެއް ކޯޓުތަކުގައި ނުނިމި އެބައޮތެވެ. އެންމެ ގިނަ ދުވަސްވީ ކޮރަޕްޝަންގެ މައްސަލަތަކަށް އޮތީ 2012 ވަނަ އަހަރުގެ 4 މައްސަލައެކެވެ.

ޖިނާއީ މައްސަލަތައް ފުރަތަމަ މަރުހަލާގައި ހުށަހަޅާނީ ކްރިމިނަލް ކޯޓުގެ އިތުރުން ރަށް ރަށުގައި ހުރި މެޖިސްޓްރޭޓް ކޯޓުތަކަކަށެވެ. 

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، 2012 ވަނަ އަހަރުގެ ފަހުން ހުށަހަޅާފައިވާ 75 މައްސަލައެއް ކޯޓުތަކުގައި އޮތް އިރު، ކްރިމިނަލް ކޯޓު ފިޔަވައި ދެން އެންމެ ގިނަ ކޮރަޕްޝަންގެ މައްސަލަތައް އޮތީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. އެ ކޯޓުގައި ކޮރަޕްޝަންގެ 10 މައްސަލައެއް އޮތް އިރު އެއީ 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ދެމެދު ހުށަހެޅިފައިވާ ކޮރަޕްޝަން މައްސަލަތަކުގެ 13.33 އިން ސައްތައެވެ. 

ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ފަހު ދެން އެންމެ ގިނަ މައްސަލަ އޮތީ ލ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮރަޕްޝަންގެ ގިނަ މައްސަލަތައް އޮތީ ރާއްޖޭގެ ދެކުނުގެ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް