ads
ސުޕްރީމް ކޯޓު--
ގާނޫނާ ހިލާފަށް ހެކި ހޯދުމުން މަސްތުވާތަކެތީގެ މައްސަލައެއް ސާބިތެއް ނުވި
އޮފީހެއްގެ ތެރެއިން ދެ ކިލޯއެއްހާ މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ހެކި ހޯދާފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ، އެ ދައުވާ ސާބިތުނުވާ ކަމަށް ސްޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

2011 ވަނަ އަހަރު، ރ. މަޑުއްވަރީ މުޝްތަރީގެ ހުސެއިން ސޮބާހުގެ އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނިކޮށް އޭނާ މިނިވަންވެފައި ވަނީ، އޭނާގެ މައްޗަށް ހެކި ހޯދުމުގެ ގޮތުން ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ކަނޑައަޅާ 2014 ވަނަ އަހަރު އެވެ. އެ ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުން މިއަދު ސްޕްރީމް ކޯޓުން ވެސް މިވަނީ އެ ހުކުމަށް ތާއީދުކޮށްފަ އެވެ.

ސްޕްރީމް ކޯޓުގެ ހުކުމުގައި ބުނީ ސޮބާހާއި ގދ. ނަޑެއްލާ، ޗަމަން، މުހައްމަދު އަސްވަދު، މަސްތުވާތަކެތި ގެންގުޅޭކަމުގެ މައުލޫމާތު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ލިބިގެން ހިންގި އޮޕަރޭޝަނެއްގައި 2011 ވަނަ އަހަރުގެ ޖޫން 22 ވަނަ ދުވަހު ވަނީ ސައިކަލުގައި މާވެޔޮމަގުން ދުއްވާފައިދަނިކޮށް އެމީހުންގެ ހުއްޓުވާއި ހަށިގަނޑު ބަލާފާސްކޮށްފައި ކަމަށެވެ. އަދި އަސްވަދު ލައިގެން ހުރި ސޯޓުގެ ކަނާތްފަރާތު ޖީބުން ތަޅުދަނޑިއެއް ފެނުން ކަމަށާއި އެ ތަޅުދަނޑި ނަގައި އެ ދެމީހުންނާއި އިތުރު މީހަކު ބައިވެރިވެގެން ހިންގާ އޮފީހަށް ގޮސް އެ ދެމީހުންގެ ހާޒިރުގައި އެ ކުންފުނި ބަލައި ފާސްކުރިއިރު، އެ އޮފިސް ތެރޭގައި ހުރި ފޮށިގަނޑެއްގެ ތެރެއިން އެއް ބޮޑު ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. 

އެގޮތުން އެރަބަރު ޕެކެޓުގައިވާ ތަކެތި ތަހުލީލުކުރިއިރު އޭގައި ވަނީ ޑްރަގުގެ އެކި ބާވަތްތައްކަން ތަހުލީލު ރިޕޯޓުން ޔަގީންކުރެވޭ ކަމަށް ހުކުމްގައި ބުނެ އެވެ. އަދި އެ ޕެކެޓުގައިވާ އިނގިލީގެ ނިޝާނާއި ސޮބާހުގެ އިނގިލީގެ ނިޝާން ދިމާވާ ކަމަށް ވެސް ބުނެ އެވެ. 

އެގޮތުން ދައުލަތުގެ ފަރާތުން ވަނީ ސޮބާހާއި އަސްވަދުގެ މައްޗަށް މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) ގެ ދަށުން އާއި (ނ) އާ ހަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާއާއި، އެ ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ސޮބާހާއިއަސްވަދުގެ މައްޗަށް ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ކުރުމަށް ހުށަހަޅާފަ އެވެ. 

އެ ކުށްތައް ސޮބާހުގެ މައްޗަށް ސާބިތުވި ނަމަވެސް ކޯޓުން ވަނީ އަސްވަދުގެ މައްޗަށް އެކަން ސާބިތުނުވާ ކަމަށް ވެސް ހުކުމްކޮށްފަ އެވެ. 

އެކަމާއި ގުޅިގެން ހައި ކޯޓުގެ ހުކުމުގައި އޭރު ވަނީ ކޯޓު އަމުރެއްނެތި އެތަނަށް ވަނުން ހުއްދަ ކުރާ ފަދަ ހަލަތެއް މެދުވެރިވެފައިވާކަން ދައުލަތަން ދެއްކިފައިނުވާކަމަށެވެ. އަދި އެ މައްސަލައިގައި ހައިކޯޓުން ނިންމާފައިވަނީ އޮފީސްތެރެއަށް ވަދެ ފުލުހުން ހޯދާފައިވާ ހެކި ގަރީނާތަކަކީ ގާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކި ގަރީނާކަމަށް ބެލެވެންނެތް ކަމަށެވެ. އެހެންކަމުން، ބާތިލު ކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާތިލުކަމެއްކަމުގައި ވާނެތީ، އެފަދަ ހެކި ގަރީނާގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ އެ ދައުވާއަކީ ބާތިލް ދަޢުވާއެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް