ads
ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން--
ރޭޕްކުރުމާއި ދެކޮޅަށް ޖެންޑާ މިނިސްޓްރީ ދޮށަަށް އެއްވަނީ
ރާއްޖޭގައި މިފަހަކަށް އައިސް ރޭޕްގެ މައްސަލަތައް އިތުރުވެފައިނިކޮށް ރޭޕްކުރުމާއި ދެކޮޅަށް ޖެންޑާ މިނިސްޓްރީ ދޮށަށް އެއްވުމަށް ތައްޔާރުވެއްޖެ އެވެ.

ވޮއިސް އޮފް ޗިލްޑްރަންގެ ނަމުގައި ހިންގަމުން އަންނަ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އިކްލީލާ ހަމީދު މިއަދު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި މާދަމާ ހަވީރު 16:00 ގައި ޖެންޑާ މިނިސްޓްރީ ދޮށުގައި ރޭޕްކުރުމާއި ދެކޮޅަށް އަޑު އުފުލާނެ އެވެ. 

އެގޮތުން މިނިސްޓްރީ ދޮށަށް އެއްވާން ނިންމާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި މައްސަލައާ ގުޅިގެން ހައްުޔަރުކުރި މީހުން ދޫކޮށްލުމުން ކަމަށް ވެސް ވިދާޅުވި އެވެ. 

ވޮއިސް އޮފް ޗިލްޑްރަނުން އިސްނަގައިގެން މިއަހަރުގެ ކުރީކޮޅު އުމުރުން އެންމެ ދެ އަހަރުގެ ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން ވެސް ވަނީ ޖެންޑާ މިނިސްޓްރީ ދޮށަށް އެއްވެ އަޑު އުފުލާފަ އެވެ. ގިނަ ބަޔަކު ވަނީ އެ ދުވަހުގެ އެއްވުމުގަ ވެސް ބައިވެރިވެފަ އެވެ.

އެ ދުވަހު ޖެންޑާ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް ވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާފަ އެވެ. އަދި ރޭޕްގެ މައްސަލަތަކުގައި ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. 

މިއަދު އިކްލީލާ ވިދާޅުވީ، އެ ދުވަހަށް ފަހު ވެސް ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތަކާއި ރޭޕްގެ އެތައް މައްސަލަތަކެއް ހިނގާފައިވާ ކަމަށާއި އެކަމަކު އެކަން ކުރި މީހުންނަށް އަދަބު ދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން، މިއީ އެފަދަ ކަންކަމުގެ ޝިކާރައަކަށްވި ކުދިންގެ ހައްގުގައި ބާއްވާ އެއްވުމެއް ކަމަށް ވިދާޅުވި އެވެ.

އަދި އެ އެއްވުމުގެ ބައިވެރިން އިޖުތިމާއީ ގައިދުރުކަމަށް ވެސް ސަމާލުކަންދޭނެ ކަމަށާއި އެމީހުން ތިބޭނީ މާސްކް ވެސް އަޅައިގެންކަން އިކްލީލާ ފާހަގަކުރެއްވި އެވެ. 

ސަފާރީގައި އަންހެނަކު ރޭޕްކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުން ދޫކޮށްލުމާއި އެކު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އެ މައްސަލައިގައި ވެސް ފުލުހުންގެ މުވައްސަސާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް