ads
އެމްއެމްއޭ: ދަރަނި އަދާކުރާނެ ރަނގަޅު ޕްލޭނެއް ބޭނުން--
މިހާރު ނަގާ ލޯނުތައް ދައްކާނީ ކިހިނެއް؟
ރާއްޖޭގެ އިތުރުވަމުންދާ ދަރަނީގެ ވާހަކައަކީ ބައިނަލް އަގްވާމީ މާލީ އިދާރާތަކުންނާއި، އަދި ރޭޓިން އެޖެންސީތަކުންވެސް ތަކުރާރުކޮށް ދައްކަމުން އަންނަ ވާހަކައެކެވެ. ވޭތުވެދިޔަ ސަރުކާރުން އެކިއެކި މަޝްރޫއުތަކަށް ނަގަމުން ދިޔަ ލޯނުތަކާއި، ދެމުން ގެންދިޔަ ގެރެންޓީ ތަކުގެ ވާހަކައަކީ އޭރު އިދިކޮޅު ފަރާތްތަކުން އެންމެ ގަދަޔަށް ދައްކަމުން ދިޔަ އެއް ވާހަކައެވެ. އަދި މިހާރު ސަރުކާރުގެ މާލީ ކަންތައްތަކާއި ހަވާލުވެތިބި ފަރާތްތަކުންވެސް އެންމެ ކަންބޮޑުވުން ފާޅުކުރަމުންދިޔަ ކަމަކީ ރާއްޖޭގެ ދަރަންޏެވެ. ޚާއްސަ ގޮތެއްގައި ޗައިނާއިން ނަގަމުން ދިޔަ ދަރަނިތަކަކީ މިގައުމަށް ދަންތުރައެއް ކަމަށް ވަނީ ސިފަކުރެވިފައެވެ.

ކޮންމެއަކަސް، ވޭތުވެދިޔަ ސަރުކާރު ނިމި، 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޖުލްމަ ދަރަނި ހުރީ 48.2 ބިލިއަން ރުފިޔާގައެވެ. މީގެ ތެރޭގައި ބޭރުގެ ދަރަނީގެ މިންވަރަކީ 20.5 ބިލިއަން ރުފިޔާއެވެ. އަދި އެތެރޭގެ ދަރަންޏަކީ 27.7 ބިލިއަން ރުފިޔާއެވެ. ޖެހިގެން އައި އަހަރު، 2019 ވަނަ އަހަރު ނިމުނު އިރު ޖުމްލަ ދަރަނި ވަނީ 13 އިންސައްތަ އިން އިތުރުވެ، 54.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. 2019 ވަނަ އަހަރަކީ ދެ ބިލިއަން ރުފިޔާގެ ހިލޭ އެހީ ލިބިފައިވާ އަހަރެއްކަންވެސް ފާހަގަކޮށްލެވެއެވެ. ޖުމްލަ ދަރަނީގެ މިންވަރު 2020 ވަނަ އަހަރު ނިމޭއިރު 57 ބިލިއަން ރުފިޔާއަށް އިތުރުވާނެކަމަށް މިއަހަރުގެ ބަޖެޓު ހުށަހެޅުނުއިރު ވަނީ ލަފާކުރެވިފައެވެ.

މިއަހަރުގެ ކުރީކޮޅު، މުޅި ދުނިޔެއާއިއެކު އަޅުގަޑުމެންނާވެސް ކުރިމަތިވެފައި މިވަނީ ކޮވިޑްގެ ނުރައްކާތެރި ހާލަތާއެވެ. މިއާއިއެކު، ރާއްޖޭގެ ރިސޯޓްތަކާއި އެހެނިހެން ގިނަ ވިޔަފާރިތައް ހުއްޓުމަކަށް އައިސް، ދައުލަތުގެ އާމްދަނީ މިވަނީ ގާތްގަޑަކަށް ހުއްޓުމަކަށް އައިސްފައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަކީ އެންމެ 383،000 އެވެ. އަދި މިއަހަރުގެ ބާކީ އޮތް ތަނުގައި ކަންތައްތައް ވާނޭ ގޮތަކާއި މެދު މާބޮޑު ޔަގީންކަމެއް ނެތް ހާލު، އެންމެ އުއްމީދީ އަންދާޒާތަކުންވެސް ދައްކަނީ މި އަހަރަށް ޖުމްލަ ޓޫރިސްޓުން އަދަދު 800،000 އަށްވުރެ އިތުރު ނުވާނޭކަމަށެވެ.

ދައުލަތުގެ އާމްދަނީ ހުއްޓުމަކަށް އައިކަމުގައިވިޔަސް، ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި، ސިއްހީ ދާއިރާއިން ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ދިޔައީ އިތުރުވަމުންނެވެ. އަދި ހަމައެއާއިއެކު، ދައުލަތުގެ މުވައްޒިފުންގެ މުސާރައާއި އެހެނިހެން ހަރަދުތައް މިވަނީ ހުއްޓުމެއްނެތި ކުރަން ޖެހިފައެވެ. މީގެ އިތުރުން ކޮވިޑްގެ ހާލަތުގެ ސަބަބުން އާމްދަނީ ގެއްލިފައިވާ ވިޔަފާރިތަކަށާއި، ވަކިވަކި ފަރުދުންނަށްވެސް ސަރުކާރުން މިވަނީ އެހީތެރިކަން ފޯރުކޮށްދޭންޖެހިފައެވެ. އަދި ކަރަންޓާއި ފެން ބިލުން މިވަނީ ސަބްސިޑީ ފޯރުކޮށްދޭންޖެހިފައެވެ. މިހުރިހާ ކަމަކުންވެސް، ދައުލަތުގެ ޚަރަދުތައް މިދަނީ ހިގަމުންނެވެ.

އާމްދަނީ ނުލިބި، ޚަރަދު ކުރަންޖެހުމުން ދައުލަތް ހިންގުމަށްޓަކައި ދަރަންޏަށް ފައިސާ ނެގުން ނޫން ގޮތެއް ނެތެވެ. ވޭތުވެދިޔަ ތަނުގައި ފަހަށް ރައްކާ ކުރެވިފައި ފައިސާ ނެތް ހާލު، އަދި ހިލޭ އެހީއިން އެކަނި ފަރުޖެއްސެން ނެތް އިރު، ލޯނު ނެގުން ނޫން އޮތީ ކޮން ގޮތެއްތޯއެވެ؟ އެމްއެމްއޭ އިން ރުފިޔާ ޗާޕްކޮށްގެންވެސް ދީފިއެވެ. އެހެންނަމަވެސް، މިއީވެސް އަނބުރާ އެމްއެމްއޭ އަށް އަދާކުރަންޖެހޭނޭ ދަރަންޏެކެވެ. އެހެންނޫންނަމަ، އިގްތިސާދުގައި ރުފިޔާ ގިނަވެ، އެކްސްޗޭންޖް ރޭޓަށް އަސަރުކުރާނެއެވެ. ރުފިޔާގެ އަގު ވެއްޓިގެން ދާނެއެވެ.

ސުވާލަކީ މިހާރުގެ މި ހާލަތުގައި ނަގަން މަޖުބޫރުވެފައިވާ "އިތުރު" ދަރަނި އަދާކުރުމުގެ ޕްލޭނަކީ ކޮބައިތޯއެވެ؟ މިހާރު އިތުރުވާ ދަރަންޏާއިއެކު، ކުރިން ޕްލޭންކުރެވިފައި ހުރި ބޮޑެތި މެގަ ޕްރޮޖެކްޓްތައްވެސް އަދި ކުރިއަށް ދާނެތޯއެވެ. އެހެންކަމުގައިވަނީނަމަ، ޖުމްލަ ދަރަނި އިތުރުވެގެންދާނީ ކިހާ ވަރަކަށް ތޯއެވެ؟ އަދި ހަމައެއާއިއެކު، އިތުރުވާ ދަރަނި އަދާކުރުމުގެ ޤާބިލްކަން ގައުމުގައި އެބަހުރިތޯއެވެ؟

މިއީ ވަރަށް ގިނަ މީހުން ކުރާ ސުވާލަކެއެވެ. ލޯނު ދޭ ފަރާތްތަކުންވެސް ކުރާނޭ ސުވާލުތަކެވެ. އަދި މި ސުވާލުތަކަކީ ޖަވާބުދޭން ފަސޭހަ ސުވާލުތަކެއްވެސް ނޫނެވެ. އެހެންނަމަވެސް، ކޮންމެ ދިވެހި ރައްޔިތަކުވެސް، އަދި ކޮންމެ ވިޔަފާރިވެރިއަކުވެސް އެންމެ ފުރަތަމަ އެނގެން ބޭނުންވާނީ، ޓެކްސްގެ ގޮތުގައި ދައުލަތުން ނަގާ މިންވަރު އިތުރުވާނެ ތޯ ނުވަތަ ނޫން ތޯއެވެ. ދަރަނި އަދާކުރުމަށްޓަކައި ޔަގީނުންވެސް ދައުލަތުގެ އާމްދަނީ އިތުރުވާންޖެހޭނެ އެވެ. އަދި އާމްދަނީ އިތުރުކުރުމަށްޓަކައި ޓެކްސް އަދި އެހެނިހެން ފީތައް އިތުރުކުރަންޖެހޭނެއެވެ.

އާމްދަނީ އިތުރުކުރުމަށްޓަކައި ސަރުކާރަށް ހިޔާރުކުރެވެން ހުރި ކަންތައްތަކަކީ އާ ޓެކްސްއެއް ނެގުމުގެ ބަދަލުގައި މިހާރު ހުރި ޓެކްސް ރޭޓްތައް މައްޗަށް ޖެއްސުމެވެ. މިގޮތުން ޖީ އެސްޓީ ރޭޓާއި، އިންކަން ޓެކްސް ރޭޓް އަދި ބީޕީޓީ ރޭޓް މައްޗަށް ޖެއްސުމެވެ. ފަތުރުވެރިކަމުން ނަގާ ޖީއެސްޓީ ރޭޓް މިހާރު ހުރީ 12 އިންސައްތަ ގައެވެ. މިރޭޓް އިތުރަށް މައްޗަށް ޖެއްސިދާނެތޯ އިންޑަސްޓްރީގެ ފަރާތްތަކާއިއެކު މަޝްވަރާކުރެވިދާނެއެވެ. މިކަމުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މުސްތަގުބަލުގައި މަދުވެދާނެތޯ ނުވަތަ، ރާއްޖޭގެ ޓޫރިޒަމަށް އޮތް ޑިމާންޑް ދަށްވެދާނެތޯ ދިރާސާ ކުރެވިދާނެއެވެ.

ދެން އޮތީ އާންމު މުދަލާއި ޚިދުމަތުން ނަގާ ޖީއެސްޓީ ރޭޓް ހަ އިންސައްތަ އަށް ވުރެ މައްޗަށް ޖެއްސިދާނެތޯ ކުރެވޭ ސުވާލެވެ. މިރޭޓް އިތުރަށް މައްޗަށް ޖެއްސުމުގެ މާނައަކީ މުދާލާއި ޚިދުމަތްތަކުގެ އަގުތައް މިހާރަށްވުރެ މައްޗަށް ދިއުމެވެ. މިއާއިއެކު ކުރިމަތިވެދާނެ އެހެނިހެން މައްސަލަތައް ވެސް ބަލަންޖެހޭނެ އެވެ. ވަކިވަކި ފަރުދުންގެ ހަރަދުތައް އިތުރުވެ، މުސާރަތައް ބޮޑު ކުރުމުގެ ޕްރެޝަރުވެސް އިތުރުވެގެން ދިއުން އެކަށީގެންވެއެވެ.

ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީޕީޓީ) ރޭޓަކީވެސް މައްޗަށް ޖެއްސިދާނެ އެއްޗެކެވެ. މިހާރުގެ 15 އިންސައްތަ ގެ ބަދަލުގައި މިއަށްވުރެ މަތީ ރޭޓަކަށް ޖައްސައިފިނަމަ ވިޔަފާރިތަކަށް އޭގެ ސަބަބުން ކުރާނޭ އަސަރުތައް ދެނެގަނެ، އަދި ދައުލަތުގެ އާމްދަނީ އިތުރުވެގެންދާނޭ މިންވަރުވެސް އަންދާޒާކުރެވިގެން، މިއީވެސް ސަރުކާރަށް އޮތް އެއް މަގެވެ.

ކޮންމެއަކަސް، ޔަގީންވާކަމަކީ، ކުރިއަށްވުރެ ދައުލަތުގެ ދަރަނި އިތުރުވެގެންދާނޭކަމެވެ. އަދި މިއާއިއެކު، ދަރަނި އަދާކުރުމުގެ ޚަރަދުވެސް އިތުރުވެ، ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތުގެ އާމްދަނީވެސް އިތުރު ކުރަންޖެހޭނޭކަ މެވެ. މިހެންކަމުން، ޓެކްސް ނިޒާމުގެ ތެރެއިން މިއަންނަ އަހަރު އައު ފިޔަވަޅުތަކެއް އަޅަންޖެހޭނޭ ކަމެވެ. އެހެން ނަމަވެސް، މިކަމާގުޅޭގޮތުން ސަރުކާރުން ކޮންމެ ގޮތަކަށް ނިންމި ކަމުގައިވިޔަސް، ސިޔާސަތު އެކުލަވާލަން ޖެހޭނީ ވަރަށް ފަރުވާތެރިކަމާއިއެކު ދިރާސާތައް ކުރެވިގެންނެވެ. އަދި ވިޔަފާރިވެރިންނާއި، ރައްޔިތުންގެ ބައިވެރިވުމާއިއެކު މަޝްވަރާތައްވެސް ކުރެވިގެންނެވެ

އެޑިޓަރުގެ ނޯޓް:

ޝަހުލް ހުސައިން އަކީ ސީއެންއެމް ނޫހަށް ޔަމުންދާ ލިޔުންތެރިއެކެވެ. މައިގަނޑުގޮތެއްގައި ލިޔަމުންދަނީ އިޖުތިމާއީ އިގުތިސާދީ ދާއިރާގެ މައްސަލަތަކާ ބެހޭ ގޮތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް