ads
މީގެ ކުރިން ބޭއްވި ހުކުރު ނަމާދެއްގެ ތެރެއިން---
މާދަމާ ހުކުރު ނަމާދު ނުކުރާ ގޮތަށް ނިންމައިފި
މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާ ހުކުރު ނަމާދު ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ސޮއި ކުރައްވާ ނެރުއްވި ސާކިއުލާއެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިއްމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން، މާދަމާ ހުކުރު ނަމާދުގެ ޖަމާއަތް މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ނުހެދުމަށް ނިންމާފައިވާ ކަމަށެވެ. 

އެ ނިންމުން ނިންމެވީ ހުކުރު ނަމާދުގެ ޖަމާއަތަކީ ވަރަށް ގިނަ އަދަދެއްގެ މީހުން އެއްތަންވެ ގިނަ ވަގުތު ހޭދަވާ ޖަމާއަތަކަށް ވުމުން، މި ދަނޑިވަޅަކީ މަރުހަލާތަކަކަށް ބަހާލައިގެން އާއްމު ހާލަތަށް ލުއިތައް ދީ، އެ ލުއިތަކުގެ ސަބަބުން ބަލިމަޑުކަން ފެތުރޭ ގޮތް ދިރާސާކޮށް ދެނެގަނެ، އޭގެ މައްޗަށް ބިނާކޮށް އިތުރު ނިންމުންތަކެއް ނިންމަންޖެހޭ ހާލަތަކަށްވާތީ އާއި، އަދިވެސް ބަލިމަޑުކަން ފެތުރުމުގެ ބިރުވެރިކަން އޮތްކަމަށް ޑޮކްޓަރުން ލަފާކުރުމުގެ އިތުރުން މިފަދަ ހާލަތެއްގައި އަމަލުކުރުމަށް އިސްލާމްދީނުގައި އައިސްފައިވާ ޝަރުއީ ގަވާއިދުތަކާއި ހަމަތަކަށް ރިއާޔަތްކުރުމަށް ފަހު ކަމަށް އެ ސާކިއުލާގައި ބުނެ އެވެ. 

އޭގެ އިތުރުން، އެ ސާކިއުލާގައި ވަނީ ހަމަތަކާއި އުސޫލުތަކުގެ މަތިން މާދަމާ ހުކުރު ނަމާދުގެ ޖަމާއަތް މާލޭ ސަރަޙައްދުގެ މިސްކިތްތަކުގައި ނުހެދުމަށް ނިންމި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ފަރުޟު ފަސްނަމާދުގެ ޖަމާއަތް ގާއިމުކުރެވޭނެ ކަމަށް ވެސް ބުނެފަ އެވެ. 

އިއްޔެ މަޣްރިބް ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ފަށާފައިވާއިރު އެ ސާކިއުލާގައި ބުނީ އެކަމަށްޓަކައި މާތްﷲ އަށް ޝުކުރުކޮށް، މިދަނޑިވަޅުގައި ވެސް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި، ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ހެޔޮއަމަލުތައް ގިނަކޮށް، ކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް