ads
ބައްސާމް ރައީސް ކަމަށް ގެނައި ސިއްރު ބައްދަލުވުމެއްގައި
ސިއްރުން ބައްދަލުވުމެއްގައި ބައްސާމް އަނެއްކާވެސް އެފްއޭއެމްގެ ރައީސްކަމަށް
އިންތިހާބު ނުބާއްވަން ކުޅިވަރު މިނިސްޓްރީން އެދިފައިވަނިކޮށް، ސިއްރިއްޔާތުގައި ކޮންގްރެސް ބާއްވައި، ކުޅިވަރު ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ ޚިލާފަށް އެފްއޭއެމްގެ އަސާސީ ގަވައިދު ބަދަލުކޮށް، އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް އަދީލް ޖަލީލް އަނެއްކާވެސް ހޮވައިފިއެވެ. ބައްސާމް ރައީސް ކަމަށްހޮވީ، އެފްއޭއެމުން މިއަދު، މީޑިއާތަކަށްވެސް ނާންގައި އެ އިދާރާގެ ޓެރަހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. މީޑިއާއަށް ދައުވަތު ނުދިން ނަމަވެސް މި ބައްދަލުވުން އެފްއޭއެމް ފޭސްބުކް ޕޭޖުން ލައިވް ކުރިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރު އެފްއޭއެމްގެ ޓެރަހުގައި އޮތް ބައްދަލުވުމުގައިވަނީ، ކުޅިވަރު ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ ޚިލާފަށް އެފްއޭއެމްގެ އަސާސީ ގަވާއިދު ބަދަލުކޮށްފައެވެ. އަސާސީ ގަވައިދު ބަދަލުކުރީ، ބައްސާމާއި އޭނާ ހުށަހެޅި ޓީމު އެގްޒެކެޓިވް ކޮމިޓީގެ އިތުރުން އެހެން ކެންޑިޑޭޓެއް ކުރިމަތިލާފައި ނެތުމުން ވޯޓަކާ ނުލައި އެ ޓީމު ހޮވޭ ގޮތަށެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ބުނާ މުއްދަތާއި އެއް ގޮތަށް ނޯޓިސްވެސް ނުދީ ބޭއްވި މި ބައްދަލުވުމުގައި އަސާސީ ގަވާއިދަށް ބަދަލު ގެނައި އިރު، ކުޅިވަރު ޤާނޫނުގެ ފަސްވަނަ މާއްދާގެ ދަށުން ހަދާފައިވާ ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާއި ބެހޭ ގަވާއިދުގެ ސޯޅަވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އެ ގަވާއިދުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއްގެ ހިންގާ ގަވާއިދު ބަދަލު ކުރަން ބޭނުންވެއްޖެނަމަ، ގެންނަން ބޭނުންވާ ބަދަލުތައް އާއްމު ޖަލްސާއަކަށް ހުށަހަޅައި، އާއްމު ޖަލްސާއެއްގެ ގަރާރަކުން ފާސްކޮށް، އެ ބަދަލުތައް ހިންގާ ގަވައިދަށް ގެނައުމުގެ ހުއްދަ ހޯދުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ހުށަހަޅަން ވާނެ ކަމަށެއެވެ. އެހެންކަމުން މިއަދު އެފްއޭއެމްގެ ބައްދަލުވުމުގައި، އެ އިދާރާގެ ހިންގާ ގަވައިދަށް ގެނައި އިސްލާހަށް އަމަލުކުރެވޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ހުއްދަ ލިބުމަށް ފަހުއެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ހުއްދަ ނުލިބި، ހިންގާ ގަވާއިދަށް ގެންނަ އިސްލާހު ގާނޫނީ ގޮތުން ސައްޚައެއް ނުވާނެއެވެ. އެހެންކަމުން މިއަދު ސިއްރުން ބޭއްވި ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސްކަމަށް ބައްސާމް އަދީލް ޖަލީލް ހޮވި ހޮވުން، ކޮމިޝަނަރ އޮފް ސްޕޯޓްސްއިން ބަލައިގަންނާނެ ކަމާއި މެދުވަނީ ސުވާލު އުފެދިފައެވެ.

އިތުރު ކެންޑިޑޭޓަކު ވާދަކޮށްފައި ނުވާތީ، ވޯޓުލުމަކާއި ނުލައި ސިއްރިއްޔާތުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ކަމަށް ހޮވި ބައްސާމް އަދީލް ޖަލީލަކީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލަކަމުގައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތު ކުރެވޭ ފަރާތެކެވެ. އަވަސް އަރުވާލައިގެން، ސިއްރިއްޔާތުގައި ބައްސާމް މި އިންތިޚާބު ބޭއްވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ފުލުހުންނާއި ކަމާއި ބެހޭ އިދާރާތަކުން ކުރަމުން އަންނަނިކޮށެވެ.

ބައްސާމުގެ ޓީމުގައި ސީނިއާ ނައިބް ރައީސްގެ މަގާމަށް ހަމަ ޖައްސާފައިވަނީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރެވެ. ނައިބް ރައީސަކަށް ހަމަ ޖައްސާފައިވަނީ މާޒިޔާގެ ސީ.އީ.އޯ ހުސެއިން ޝާފިއު (ކޮއްކީ) އެވެ. އެގްޒެކެޓިވް ކޮމިޓީގެ އާއްމު މެމްބަރުންގެ މަގާމްތަކަށް ހޮވުނީ މިހާރުގެ ސީނިއާ ނައިބް ރައީސް އަހުމަދު ޝަކީބް (ޑޮކް) އާއި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އާއި އެންމެ އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި ގްރީންސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ ހުސެއިން ޖަވާޒުގެ އަންހެނުން އައިމިނަތު ޝާނީޒް (ޝާނީ) އާއި މުހައްމަދު ޝިފާއު އެވެ. މީގެ ތެރެއިން ޝާނީޒްއަކީ، ހުސްވި އަހަރު ރާއްޖޭގެ އެއްވެސް ކްލަބަކަށް އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނު މައްސަލައިގާ އިހުމާލުވާ ފަރާތް ކަމަށް ބައެއް ކްލަބުތަކުން ތުހުމަތު ކުރާ ފަރާތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް