ads
އެޑިއުކޭޝަން މިނިސްްޓަރު ޑރ. އައިޝަތު އަލީ--
ޓެލެކިލާސްތައް އަދިވެސް ކުރިޔަށް ދާނެ
ދަރިވަރުންނަށް އިތުރު އެހީއެއްގެ ގޮތުން ޓީވީއިން ފޮނުވާ ޓެލެކިލާސްތައް މެދުކެނޑުމެއް ނެތި ކުރިޔަށް ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސްކޫލްތައް ފެށުނު ކަމުގައި ވީނަމަވެސް ހުރިހާ ދަރިވަރުންނަށް ތައުލީމުގެ ފުރުސަތު ދިނުމަށްޓަކައި ޓެލިކްލާސްތައް ކުރިއަށް ގެންދާނެ ނިންމާފައިވާ ކަމަށެވެ. އަދި މި ކޮވިޑް-19 ގެ މި ދަތި ދަޑިވަޅުގައިވެސް ދަރިވަރުންނަށް ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މުޖްތަމައުގެ އެންމެހާ އަފްރާދުން ކުރަމުން ގެންދާ މަަސައްކަތް ފާހަގަކޮށް އެކަމަށް މިނިސްޓަރު ޝުކުރު އަދާކޮށްފަ އެވެ.

"ގިނަ ކުދިންތަކެއް ސްކޫލަށް އެބުރި ދާން ފެށުމުން އުފާކުރަން. އަދި ހުރިހާ ކުދިންނަށް ތައުލީމުގެ ފުރުސަތު ލިބިގެން ދާނެކަން ޔަގީން ކުރުމަށް ރިމޯޓް މެދަޑްސްތައް އަދިވެސް ބޭނުން ކުރާނެ." މިނިސްޓަރު ކޮށްފައިވާ ޓްވީޓްގައި ވިދާޅުވިއެވެ.

މިނިސްޓްރީއިން މިއަދު ކޮށްފައިވާ އިތުރު ޓްވީޓެއްގައި ބުނެފައި ވަނީ ކޮވިޑް-19 ގެ މި ހައްސާސް ދަނޑިވަޅުގައިވެސް ރާއްޖޭގައި ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މިނިސްޓްރީން ކުރަމުން ގެންދާ ބުރަ މަސައްކަތް ފާހަގަކޮށް ވޯލްޑް ބޭންކްއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމެވެ. އަދި ތައުލީމު ކުދިންނަށް ފޯރުކޮށްދިނުމުގައި މަސައްކަތް ކުރި ޓީޗަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅިގެން ދިޔަ ފިޔަވަޅުތަކުގެ ތެރެއިން ފުރަބަންދުކުރުމާ ގުޅިގެން ގޫގުލް ކްލާސްރޫމް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ބައެއް ސްކޫލުތަކުގެ ޓީޗަރުން ފިލާވަޅުތައް ނަގާދެމުން ގެންދިޔައެވެ. އަދި ފިލާވަޅާއި މަސައްކަތްތައް ދަރިވަރުންނަށް ފޮނުވުމަށް ވައިބަ ވެސް ބޭނުންކޮށްފައިވެއެވެ.

މިވަސީލަތްތައް ދަރިވަރުންނަށް ލިބޭނޭކަން ޔަގީންކުރުމަށް ޓީވީ އާއި އިންޓަނެޓު ލިބޭތޯ މިނިސްޓްރީން މީގެ ކުރިން ބަލާފައިވެއެވެ. ޖުލައި އެއްވަނަ ދުވަހު ކިޔަވައިދޭން ފަށާފައިވަނީ މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގެ ސްކޫލުތަކުގަ އެވެ. މޮނީޓަރިންގެ ހާލަތުގައިވާ ރަށްރަށުގެ ސްކޫލްތަކުގައި ކިޔެވުން ފެށިފައި ވަނީ ހަމައެކަނި ގްރޭޑް 9 އަކުން ފެށިގެން 12 އަށެވެ. ސްކޫލްތަކުގައި ކިޔެވުން ފެށިގެން ދިޔައީ ނިއުނޯމަލްގެ އުސޫލާއި އެއްގޮތަށް ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އަޅައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް