ads
ރާއްޖެގައި މަސައްކަތް ކުރާ ބިދޭސީންތަކެއް: ބިދޭސީންގެ މައްސަލަ ބޮޑުވެފައި--
ދިވެހިރާއްޖެ ބިދޭސީންގެ ހާއްޔަކަށް!
ކުރީ ހަފުތާގެ ލިޔުމާ ގުޅޭ

ބިދޭސީންގެ އަދަދު އިތުރުވަނީ ކީއްވެ؟ 

ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީން އުޅޭ އެއް ސަބަބަކީ، ސިޔާސަތުތައް ދޯހަޅިވެ، ކޮންމެ ގޮތެއް ވަރިހަމަ ވެފައި އޮތުމެވެ. އަނެއް ސަބަބަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވައި މަސައްކަތް ކުރުވުމެވެ. ނުވަތަ އެ ފަރާތްތަކަށް މަސައްކަތް ކުރުމަށް ހަވާލު ކުރުމެވެ. މިކަން ކުރަނީ ހަމަ އެކަނި އާންމު ފަރުދުންނެއް ނޫނެވެ. މިކަމުގައި ނަމޫނާ ދައްކަންވި، ސަރުކާރުގެ އޮފީސްތަކުގައި ވެސް ކަންހުރީ މިފަދަ ގޮތަކަށެވެ. ސަރުކާރުގެ އޮފީސްތަކުގައި އާދައިގެ (އަންސްކިލްޑް) މަސައްކަތްތެރީންގެ ގޮތުގައި ބިދޭސީން ގެންގުޅުމަކީ، ދެއްކޭ ރީތި ނަމޫނާއަކަށް ހަމަ ގައިމުވެސް ނުވާނެއެވެ.

ނަމޫނާ ދައްކާންވީ ސަރުކާރުން

ކޮންމެ ސަރުކާރަކުން ވެސް، ވަޒީފާ ދިނުމުގައި ދިވެހީންނަށް އިސްކަން ދޭނެ ކަމަށް ވަޢުދުވެއެވެ. ބިދޭސީންގެ މައްސަލައަށް ހައްލު ހޯދައި ދޭނެކަމުގެ "ހުވަފެން" ދައްކައެވެ.  ނަމަވެސް އަދި މިހާތަނަކަށް އެ ކަން ހަގީގަތަކަށް ވެފައެއް ނެތެވެ. ފަންނީ ދާއިރާތަކުގެ މަސައްކަތްތަކަށް ބިދޭސީން ގެނައުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށް ވަނީ، އަންސްކިލްޑް (އާދައިގެ) ދާއިރާތަކަށް ބިދޭސީ މަސައްކަތްތެރީން ގެންނާތީއެވެ. ވަޒީފާތަކަށް ދިވެހިންނަށް އިސްކަން ދޭ ކަމުގެ ރިވެތި ނަމޫނާ ދައްކާން ވީ ފަރާތުން އެ ނަމޫނާ ނުދެއްކޭތީއެވެ.

ސަރުކާރު އޮފީސްތަކަށް ބިދޭސީން މަސައްކަތު މީހުން (އަންސްކިލްޑް) ގެނެސްގެން މުވައްޒަފުންގެ ގޮތުގައި އެބަ ގެންގުޅެއެވެ. ފަހަރުގައި އެއީ، ޚަރަދު ކުޑަ ކުރުމުގެ ވިސްނުމުގައި ކުރާ ކަމަކަށް ވެދާނެއެވެ. ގަބޫލުކުރާންޖެހޭނެ ހަގީގަތަކީ އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުން ޚަރަދު ކުޑަކުރާން މާ ބޮޑަށް ބޭނުންވާނެ ކަމެވެ. އެމީހުންގެ ޖީބަށް ލިބޭ ނަފާ އިތުރު ވުމަށް އަބަދުވެސް، އެދިއެދި ތިބޭނެ ކަމެވެ. އެއްގޮތުން ނޫނީ އަނެއް ގޮތުންނެވެ. އެހެންކަމުން ފުރަތަމަ ނަމޫނާ ދައްކާންވީ ސަރުކާރުގެ ތެރެއިންނެވެ. ސަރުކާރުގެ ތެރެއިން އެ ނަމޫނާ ނުފެނި ދިވެހީންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެދާނެ ކަމަށް ދުށުމަކީ، ބަޚުރުން މާމުއި ނަގަން އުޅުން ކަހަލަ ކަމެކެވެ.     

ވަޒީފާ ތަކަށް ދިވެހީން ނުލިބެނީ ކީއްވެ؟

އާދައިގެ ވަޒީފާތަކަށް ދިވެހީން ނުލިބޭ ކަމަށް ވާހަކަ ދައްކާ އަޑު އަބަދުވެސް އިވެއެވެ. އެކަމަކު މިހެންވަނީ ކީއްވެތޯ ޢިލްމީ ނަޒަރަކުން ބަލައި ދިރާސާއެއްކޮށް މި ކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރެވޭތީއެއް ނުފެނެއެވެ. އަޅުގަނޑަށް މިހާތަނަށް ފެނިފައި ހުރި ކަންކަމާއި ކުރެވިފައިވާ ދުނިޔަވީ ތަޖްރިބާގެ މައްޗަށް ބުރަވެ އެއްޗެއް ދަންނަވާނަމަ ދެންނެވޭނީ، ވަޒީފާތަކަށް ދިވެހީން ނުލިބެނީ ދިވެހީން ބޭނުން ނުވާތީ ކަމަށެވެ.

ދިވެހީން ފޫހިވާ ގޮތަށް ކަންކަން ރޭވިފައި ހުރުން

ވަޒީފާތަކަށް ދިވެހީން ނުލިބުމުގެ އެންމެބޮޑު އެއް ސަބަބަކީ، ދިވެހީން ފޫހިވާ ގޮތަށް ކަންކަން ރޭވިފައި ހުރުމެވެ. މީގެ ބައެއް މިސާލުތަކަށް ބަލައިލަމާތޯއެވެ.

މާލޭގެ ކޮންމެ ސްކޫލެއްގައި، ސަރުކާރު މުވައްޒަފެއްގެ ގޮތުގައި ބިދޭސީ މަސައްކަތު މީހުން އެބަ ގެންގުޅެއެވެ. ބައެއް ތަންތަނުގައި އެކަކަށްވުރެ ގިނައިން ވެސް، އެބަ ގެންގުޅެއެވެ. މި މީހުން ދިރިއުޅެނީ އެއަރ ކޯން ކޮށްފައި ހުރި ފިނި ކުރި ކޮޓަރީގައެވެ. އެމީހުންނަށް ކޮއްތުފައިސާ ދެއެވެ.  ކޮންމެ މަހަކު ދައުލަތަށް ދަންކާންޖެހޭ ވިސާ ފައިސާ ޚަރަދު ކުރެއެވެ. ނުވިތާކަށް އަންލިމިޓެޑް އޯވަރޓައިމްވެސް ދީފައި އެބަހުއްޓެވެ.

ސްކޫލުގައި މަސައްކަތް ކުރާ ޑިގްރީ ހަދައިގެން ހުންނަ ޓީޗަރަށް ވެސް މަހަކު ގެއަށް ގެންދެވެނީ 13 ނުވަތަ 14 ހާސް ރުފިޔާއެވެ. އެކަމަކު، ސްކޫލުގައި މަސައްކަތް ކުރާ "އަންސްކިލްޑް" ބިދޭސީ މުވައްޒަފުވެސް ކޮންމެ މަހަކު ދިހަވަރަކަށް ހާސް ރުފިޔާ އޭނާގެ "ފޮށްޓަށް" އެބަ ލައެވެ. މީގެ އިތުރުން ވިސާ ފައިސާއާ، ކޮއްތު ފައިސާއާއި، ހުރުމާއި، ކަރަންޓުބިލާއި، ފެންބިލަށް ހިނގާ ޚަރަދުތައް ސްކޫލުން ދެއްކުމުން ގާތްގަޑަކަށް 14 ވަރަކަށް ހާސް ރުފިޔާ ބިދޭސީ މުވައްޒަފަށް ސަރުކާރުން މަހަކު އެބަ ޚަރަދުވެއެވެ.  މި ހަގީގަތްތައް މިހެން ފެންނާން ހުރި އިރުވެސް، ހަމަ ހަރަދު ކުޑައީތޯއެވެ؟

ދެންއޮތީ ސްކޫލުގައި މަސައްކަތް ކުރާ މަސައްކަތު ދިވެހި މުވައްޒަފުންގެ ވާހަކައެވެ. ދިވެހީން ވީމާ އެ މީހުންނަކަށް ހުންނާނެ ތަނެއް ދޭކަށް ނުޖެހެޔޯލައެވެ. ތަވައެއްގެ މަތީގައި އޮވެ ފިހެވޭ ރޮށްޓެއްހެން، ދެފުށަށް ޖެހިޖެހި، ސަންދޯކެއްފަދަ ކުޑަ ކޮޓަރިގަނޑުގައި އުޅޭން ޖެހުމަކީ ވޭނެކަށް ނުވެޔޯލައެވެ. ކޮއްތު ފައިސާއާއި އަހަރު ނިމުމުން ލިބޭ އަހަރީ ޗުއްޓީގައި ރަށަށް ދިއުމަށް ދޭ ޓިކެޓު ދިވެއްސަކަށް ވީމާ ދޭކަށް ނުޖެހެ ޔޯލައެވެ. ދިވެހީން ވީމާ އެމީހުންނަށް، ބިދޭސީންނަށް ދޭހެން އިތުރު ގަޑީ ފައިސާ "ކަނޑަށް ފޫދުއްވާލާކަށް" ވެސް ނުޖެހެ ޔޯލައެވެ. މިއީ، އެއް ތަނެއްގައި ވަޒީފާ އަދާކުރާ އެއް ގިންތިއެއްގެ މުވައްޒަފުންނާމެދު ކުރެވޭ، ފެންނާން ހުރި ތަފާތުތަކެވެ. ދެން އޮތީ ސްކޫލުތަކުގައި މިގޮތަށް އުޅޭ ބިދޭސީންނާއި ގުޅިގެން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ސްކޫލުތެރޭގައި ކުރަމުން ދާ މަސައްކަތުގެ ވާހަކައެވެ. އެކަމަކު އެވާހަކަތައް މިލިޔުމުގައި ހިމަނާކަށް ގަސްތެއް ނުކުރަމެވެ. އަޅުގަނޑުގެ މި "ގޮވެލިފައްޗަށް" އިންސާފީ ނަޒަރަކުން ބައްލަވައި މުޖުތަމަޢުގައި ހުރި މިފަދަ ނުރަނގަޅު ކަންކަމަށް އިސްލާހު އަތުވެއްޖެނަމަ އެ ނިމުނީއެވެ.

ހަނޑޫ ބިންތަކާއި، ގެރިކޮށްޓާ، ވިއްކައިލައިގެން ބިދޭސީމީހާ ރާއްޖެ އަންނަ ފަދައިން ލޯބިވާ ރަށާއި ޢާއިލާ މީހުންނާ، ތިމާގެ މީހުންނާއި ރަށުގެ އެ ރީތި މޫދާއި، ދޮންވެލި ގޮނޑުދޮށާއި، ސާފުވަޔާއި އެ ހަމަހިމޭން ކަމުން މަޙްރޫމުވެ، މި ހަލަބޮލި ކަމުގެ ތެރެއަށް ފުންމާލަނީ، މިތަން ރީތިކަމުން ބަލާކަށް ނޫނެވެ. ދަރީންނަށްޓައި މަޖްބޫރުވެގެންނެވެ. ވީއިރު، އެއް ތަރާދަކުން ނުކިރޭންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟ ބިދޭސީ މަސައްކަތު މީހާއަށް ހަމްދަރުދީވެ، މި ހުރިހައި ބަހަނާ ދައްކާއިރު ދިވެހިގައުމަށް ނިސްބަތްވި ދިވެހީންނަށް ހަމްދަރުދީ ނުވެވޭނަމަ އެކަމުގައި ފޮރުވިފައިވާ ސިއްރުތަކެއް އޮންނާނޭކަމަށް މުސްކުޅި ހަރުމީހުން ބުނާތީ އަޑުއިވެއެވެ.

ސްކޫލްތަކުގެ އިތުރުން ސިޓީ ކައުންސިލާއި ބައެއް ރަށްރަށުގެ ކައުންސިލްތަކުގައި ވެސް، ބިދޭސީން މަސައްކަތް ކުރަމުން އެބަ ދެއެވެ. މިއީ، ހަރަދު ކުޑަކުރުމުގެ ގޮތުން ކުރެވޭ ކަމެއް ކަމަށް ވިޔަސް، އަދި އެ ނޫން ގޮތަކުން ކުރެވޭ ކަމެއް ކަމަށް ވިޔަސް، އެންމެ ފުރަތަމަ ނަމޫނާ ދައްކާންވީ ސަރުކާރުގެ ތެރެއިންނެވެ. ސަރުކާރުގެ ތެރެއިން މި ނަމޫނާ ނުދެއްކޭހާ ހިނދަކު ކިޔާ ލަވަޔާއި ޖަހާ ބެރާ ދިމާވާނެ ހަމަ އެއްވެސް ހަމައެއް ނުވިސްނެއެވެ. 

ސަރުކާރުގެ ގިނަ ޢިމާރާތްތަކުގެ ސެކިއުރިޓީ މިހާރު ބަލަހައްޓަނީ މިކަމަށް އުފައްދައިފައި ހުރި އަމިއްލަ ކުންފުނިތަކުންނެވެ. މި ފަދަ ކުންފުންޏަކުން އަޅުގަނޑު ވަޒީފާ އަދާކުރާ ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމާ ޙަވާލުވިއެވެ. ސަންރައިސް ކުންފުނީގެ ސެކިއުރިޓީއެއްގެ ގޮތުގައި އައި، ފ. އަތޮޅު ބިލެއްދޫ މުޙަމަދުގެ ޢުމުރު 40 ން މައްޗަކަށް ނުދެއެވެ. ސެކިއުރިޓީ ބެލެހެއްޓުމުގެ އިތުރުން އިމާރާތުގެ ގޯތިތެރޭގެ ގިނަ މަސައްކަތްތައް އޭނާ ކުރެއެވެ. ކުނިކެހުމުން ފެށިގެން ފޮޅާ ސާފު ކުރުމުގެ މަސައްކަތެވެ. އަޅުގަނޑު އޭނާ އާ ސުވާލު ކޮށްލީ، މި ތަނުގެ މަސައްކަތު މީހަކަށް އަތުވެދާނަން ތޯއެވެ؟ ޖުމްލަ ނުނިމެނީސް މުހަންމަދު ބުނީ ރުބެއިލު މެންނަށް ދީފައި އެ ހުންނަހެން ހަމައެކަނި ހުރެވޭނެ ގޮތް ހަމަޖައްސައި ދޭނަމަ ވެސް، ފަސް ނުޖެހި އަންނާން ބޭނުންވާ ކަމަށެވެ. މިފަދަ އެތައް މުޙައްމަދެއް މި މުޖްތަމަޢުގައި ވަޒީފާ އަށް އެދި އެބައުޅެއެވެ. އެ ހުރިހައި މުޙައްމަދެއްގެ ޚިދުމަތް ދިވެހި ގައުމަށް ނުލިބިގެން މިއުޅެނީ ކަންކަން ރޭވިފައި ހުރި ގޮތުންނެވެ. ދިވެހިގައުމުދެކެ ލޯބިވާނީ، ދިވެހިގައުމަށް ހެޔޮ އެދޭނީ، ދިވެހި ގައުމަށް ވަފާތެރިވާނީ ދިވެހީންނެވެ. އަވާމެންދުރެއްގެ ތެރެއިން އެ ފެންނަނީ ހަގީގަތެއް ނޫނެވެ.

(ނުނިމޭ – އަންނަ ހަފުތާ އަށް އިންތިޒާރު ކޮށްލާ!)

އެޑިޓަރުގެ ނޯޓް:

ޢާޠިފް ޢަބްދުލް ޙަކީމް - ދޮންފަން އަކީ ތަފާތު އިޖުތިމާއީ މައްސަލަތަކަށް ލިޔުއްވާ ބޭފުޅެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް