ads
އަލަށް އަޅާ ފިނޭންސް މިނިސްޓްރީގެ މޮޑެލް
25 ބުރީގެ އޮފީސް އިމާރާތުގެ މައްސަލާގައި 22 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ޖެހިއްޖެ
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތް ކުރަން އުޅުނު 25 ބުރީގެ އިމާރާތް އެޅުމަށް ހަވާލުކުރި މެލޭޝިޔާގެ ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީއަށް 22.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 351.6 މިލިއަން ރުފިޔާ) ބަދަލުގެ ގޮތުގައި ދެއްކުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މައްޗަށް އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އޭއައިއޭސީ) އަމުރުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ހުރި ބިމުގައި ހުރި އިމާރާތްތައް ތަޅާލައި އެ ތަނުގައި އަޅަން އިމާރާތް ކުރަން އުޅުނު 25 ބުރީގެ އޮފީސް އިމާރާތް މައްސަލާގައި އެޗްޑީސީގެ މައްޗަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީން ހުށަހެޅި މައްސަލަ ނިންމީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.

އާބިޓްރޭޝަންގެ ނިންމުމުގައި ވަނީ 2018 ވަނަ އަހަރުގެ މެއި މަހު ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީން ކޮށްފައިވާ އިންވޮއިސް އަކަށް މިހާތަނަށް ވެސް ފައިސާ ލިބިފައި ނުވާ ކަމަށާއި މިހާރުގެ އެކްސްޗޭންޖް ރޭޓުން ބަލާ ނަމަ 22,823,432.68 ޑޮލަރު ދައްކަންޖެހޭ ކަމަށެވެ. އަދި މި ފައިސާ އެޗްޑީސީން ހަތް ދުވަސް ތެރޭގައި ދައްކަން ވަނީ އަންގައިފަ އެވެ. 

މި މަޝްރޫއު ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއާ ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އެއީ 123 މިލިއަން ޑޮލަރުގެ މަޝްރޫއުއެކެވެ. މަޝްރޫއުގެ މަސައްކަތް ފަށައި ޕައިލިންގެ 60 ޕަސެންޓް މަސައްކަތް އެ ކުންފުނިން ނިންމި އެވެ. މަޝްރޫއު ރޭވިފައި އޮތީ ބޮޑެތި އޮފީސް ޓަވަރުތަކާއެކު މިދިޔަ އަހަރުގެ ނިޔަލަށް މަޝްރޫއު ނިންމާ ގޮތަށެވެ.

ޔާމީންގެ ސަރުކާރުން އެ ޕްރޮޖެކްޓް ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީ އާއި ހަވާލުކުރީ މިދިޔަ އަހަރުގެ ނިޔަލަށް ނިންމާ ގޮތަށެވެ. އަދި އެ އިމާރާތަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ހުންނަ ބޮޑެތި އޮފީސް ޓަވަރުތަކުގައި ހިމެނޭ ފީޗާސްތައް ހިމެނޭ ގޮތަށް ހަދާ ތަނެއް ކަމަށް ކުރިން އެޗްޑީސީން ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް 2018 ވަނަ އަހަރު ސަރުކާރު ބަދަލުވެ މި ސަރުކާރު ވެރިކަމަށް އައިސް ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމާފަ އެވެ. އަދި ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއާ މަޝްވަރާކޮށް އާބިޓްރޭޝަނުން ބޭރުން ހައްލު ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ. 

އެކަމާއި ކަންބޮޑުވުން ފާޅުކޮށް އެ ކުންފުނީގެ ޗެއާމަން ޑަޓުކް ސަޒްމީ މިއަހް، މެލޭޝިއާގެ ނޫހެއް ކަމަށްވާ މެލޭ މެއިލް އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެކަމާ މަޝްވަރާ ކުރުމަށް ފިނޭންސް މިނިސްޓަރާއި ފޮރިން މިނިސްޓްރީއަށް ސިޓީ ފޮނުވައިގެން ވެސް ޖަވާބެއް މިހާތަނަށް ލިބިފައި ނުވާކަމަށެވެ. އަދި ސަރުކާރުގެ ޖަވާބެއް ހޯދުމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަރު ވިސާމް އަލީ އާއި ސަރުކާރުގެ އިސް ބޭފުޅުންނާ ވާހަކަ ދައްކައިފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

އެހެން ނަމަވެސް މި ސަރުކާރުން އެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމުމަށް ފަހު ބުނެފައިވަނީ އާބިޓްރޭޝަނުން ބޭރުގައި މައްސަލަ ހައްލުކުރެވޭތޯ ބަލަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް