ads
ފޮޓޯ: އެމްޑީޕީ
ރައްޔިތުންގެ ހާލަތު އިނގޭ، ވައުދުތައް "ރަނުން ރަނަށް" ފުއްދާނަން: ރައީސް ނަޝީދު
ރައްޔިތުންގެ ހާލަތު އިނގޭކަމަށާއި، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވައުދުތައް ރަނުން ރަނަށް ފުއްދާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީގެ 169 ވަނަ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަވަދިނެތި އުޅުއްވަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށެވެ. 

ދަރިވަރުންނަށް ދޭ ނާސްތާއާއި ކުދި އަދި ހިލޭ މަތީ ދޭ ތައުލީމު ދިނުމުގެ ވައުދުވެސް ފުއްދާފައިވާ ކަމަށާއި، ދެން ވެފައިހުރި ވައުދުތައް ވެސް ފުއްދާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ގުޅީފަޅާއި ހުޅުމާލެއިންވެސް މި ސަރުކާރުން ގޯތި ދޭނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

"އަޅުގަނޑު މާލޭ ރައްޔިތުންނަށާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަަށް ޔަގީންކޮށް އަރުވަން، އަޅުގަނޑުމެންނަށް އޮޅިގެން ނޫޅޭ ތިޔަ ބޭފުޅުންގެ ހާލެއް. އަޅުގަނޑުމެންނަށް އެނގޭ ތިޔަ ރައްޔިތުންނަށް ތިޔަ އެދޭ އެދުން އަދި ވަނީ ނުފުއްދިފައިކަން." ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ވެފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދާނެ ކަމަށާއި، ރައީސް ސޯލިހް އެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. 

ކޮވިޑް19 އާއި ގުޅިގެން ދައުލަތުގެ އާމްދަނީ އިންތިހާއަށް ދައްވެފައިވާކަން ފާހަގަކޮށް ރައީސް ނަޝީދު ވަނީ އުންމީދު ގެއްލުވާނުލުމަށް އެދިވަޑައިގެންފަ އެވެ. 

މީގެ އިތުރުން މަޖިލީހުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ފުލުހުންގެ ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމަކީ އެއްވެސް ހާލެއްގައި ފުލުހުންނާ މޫނު ކެނޑޭ ގޮތް ވުުމެއް ނޫން ކަމަށެވެ. އަދި ބުއްދިވެރިކަމާއި، ކެތްތެރިކަމާއި ވިސްނުންތެރިކަމާ އެކީގައި ފުލުހުންގެ މުއައްސަސާ އިސްލާހު ކޮށްދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް