ads
ޖެންޑާ މިނިސްޓަރު - އައިޝަތު މުހައްމަދު ދީދީ
ޖިންސީ ގޯނާގެ މައްސަލަތަކާއި ގުޅިގެން ބޮޑު މަޝްވަރާ ބައްދަލުވުމެއް
"ސްޓޭކްހޯލްޑާ ކޮންސަލްޓޭޝަން" ގެ ނަމުގައި ދެ އަހަރުގެ ދުވަހުގެ މުއްދަތު ކެމްޕެއިނެއް ފެށުމަށްޓަކައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

ޖެންޑާ މިނިސްޓްރީން އަންހެނުންނާ ކުޑަކުދިންނަށްކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ކުރިއަށް ގެންދަން ނިންމާފައިވާ އެ ކެމްޕޭންނާއި ގުޅޭގޮތުން ކަމާ ގުޅޭ ފަރާތަކާއެކު މިއަދު ވަނީ ސްޓެލްކޯ ސެމިނާ ރޫމްގައި މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ މިއަދު ބެއްވި އެ މަޝްވަރާ ބައްދަލުވުމަކީ އެމިނިސްޓްރީން ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ނިންމާފައިވާ ކެމްޕޭނެއް ކަމަށާއި އެގޮތުން އެ ބައްދަލުވުމަކީ ކެމްޕޭން ފެށުމުގެ ކުރިން ކަމާ ގުޅޭ ފަރާތްތަކުގެ އަޑު އެހުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށެވެ.

އެ ބައްދަލުވުމުގައި ހަތަރު ކަމަކާ ގުޅިގެން މަޝްވަރާކުރެވުނު ކަމަށާއި އެއީ އިޖުތިމާއީ ކަންބޮޑުވުންތަކާއި، އެ ދާއިރާތަކުގައި ހިދުމަތް ލިބުމުގައި ހުރި ގޮންޖެހުންތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެފަދަ މައްސަލަތަކުގައި ސައިލަންސް ބްރޭކްވުމުން ރިޕޯޓްކުރެވެމުންދާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އިންސާފުލިބުމުގައި ހުރި ގޮންޖެހުންތަކާ މެދު ވެސް މިއަދު މަޝްވަރާ ކުރެވުނު ކަމަށެވެ. 

 އެކުރެވުނު މަޝްވަރާގެ އަލީގައި އަޅުގަނޑުމެން އަނެއްކާވެސް މީޓިންއެއް ބާއްވާނަން. މީޓިންއެއް ބާއްވައިގެން ދެކެވުނު ވާހަކަތައް އަޑުއަހާފަ އެވާހަކަތަކުން އަޅުގަނޑުމެން ތިލަކޮށްގެން ކުރާނެ މަސައްކަތަކާ ހަމައަށް ދާން. އެ މަސައްކަތްތައް އަޅުގަނޑުމެން ހަދާނީ އެކްޝަން ޕްލޭނަކަށް ހަދައިގެން ފަށާގަންނާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާއިރު މުޖުތަމައުގައި އުޅޭ ޒުވާނުންގެ އަޑާއި އެފަދަ ހާދިސާތައް ދިމާވެފައިވާ ކުދިންގެ އަޑުވެސް އަހަންޖެހޭ ކަމަށެވެ. އަދި ޖިންސީ އަނިޔާކުރުމާ މެދު ބަޔަކު ދެކޭގޮތް ބަދަލުކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ޖިންސީ އަނިޔާއާ މެދު މީހުން އެގޮތަށް ދެކޭ ސަބަބު ހޯދަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. 

"ޖިންސީ ގޯނާކުރުމަކީ ކްރިމިނަލް ބިހޭވިއާއެއްކަން އަޅުގަނޑުމެން މިކަން ގަބޫލުކުރަން އެބަޖެހޭ އަޅުގަނޑުމެން މުޖުތަމައު އޮތް ގޮތުގައި. އަޅުގަނޑުމެން ކުދިން ބޮޑުކުރާއިރު މިކަހަލަ ކަންކަން ކުރުމަކީ ގޯސްކަމެއްކަން، ކުށެއްކަން އަންގައިގެން ބޮޑުކުރަންވީ. އެކަކު އަނެކަކު އަމިއްލަ ހަށިގަނޑަށް ރައްކާތެރިވާންޖެހޭނެ ކަމާއި، އެކަކު އަނެކަކަށް މުއާމަލާތްކުރާއިރު އަދަބިއްޔާތުތަކެއް ގެންގުޅެންޖެހޭކަމާއި، އަދި އަޅުގަނޑުމެން އެއްވެސް މީހަކު އަނެކަކާ ނުރުހޭކަމެއް ގަދަކަމުން އެ މީހަކާއެކު ކުރުން ހަމަ އެއީ ކުށެއްކަން އަޅުގަނޑުމެން އެންމެންވެސް ގަބުލުކުރަންޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ޔުނިސެފާއި، މަޖިލީހުގެ ނައިބު ރައީސްއާއި އެޓާނީ ޖެނެރަލް އަދި ޕްރޮސެކިއުޓާ ޖެނެރަލުގެ އިތުރުން ފުލުހުންނާއި، ޖޭއެސްސީން، ސަރުކާރު ބައެއް މިނިސްޓްރީތަކާއި، އެޗްޕީއޭގެ އިތުރުން 13 އެންޖީއޯއިން ބައިވެރިވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް