ads
ފޮޓޯ: ރައީސް އޮފީސް
ކޮވިޑް-19 ގެ މިދަނޑިވަޅުގައި ދީނީ އިލްމުވެރިން ކުރެއްވީ ބުރަ މަސައްކަތެއް: ނައިބު ރައީސް
ރާއްޖޭގައި ދީނީ އެއްބައިވަންތަކަށް އާލާކުރުމަށް ކޮވިޑް-19 ގެ މި ދަނޑިވަޅުގައި ދީނީ އިލްމުވެރިން ކުރެއްވީ ބުރަ މަސައްކަތެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވެފައިވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތައް ބަންދުކުރުމާއި، ޖަމާއަތުގައި ނަމާދުކުރުން ފަދަ ކަންކަން ހުއްޓައިލުން ފަދަ އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނު ކަމަށެވެ. އެހެންނަމަވެސް އެ ދަތި ދަނޑިވަޅުގައިވެސް، ގައުމުގެ ދީނީ އެއްބައިވަންތަކަށް ދަމަހައްޓާ، އާލާ ކުރުމަށް ދީނީ އިލްމުވެރިން ބުރަ، އަދި މުހިއްމު މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވާ، އެ ކަމަށް ވަނީ ޝުކުރު އަދާކުރެއްވާފައިވެއެވެ.

މީގެ އިތުރުން ގައުމުގައި ހުރި އިޖްތިމާއީ މައްސަލަތައް ހައްލުކޮށް، ދީނީ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމާއި، ޤައުމު ބިނާކޮށް ތަރައްޤީ ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ދީނީ އިލްމުވެރިންނަށް ވަރަށް އިސް ދައުރެއް އަދާ ކުރެވޭނެ ކަމަށް ނައިބު ރައީސް ފައިސަލް ވިދާޅުވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ. އަދި ކޮވިޑް19 ގެ ކަންކަމުގައި ސަރުކާރާއެކު މަސައްކަތްކޮށް، ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ދީނީ އިލްމުވެރިންގެ ކިބައިން ނައިބު ރައީސް ފައިސަލް އެދިވަޑައިގެންފައިވެއެވެ. 

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރުވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް