ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު--
ޖިންސީ ގޯނާއާ ދެކޮޅަށް ޒުވާނުން އަޑުއުފުލުމުން އެކަމާއި ދެކޮޅަށް މަސައްކަތް ކުރަން ހިތްވަރު ލިބޭ: ރައީސް
ޖިންސީ ގޯނާގެ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޒުވާނުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފް ކުރައްވާއި، އެގޮތަށް އެ މަސައްކަތް ކުރުމުން އެކަމާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ހިތްވަރު ލިބޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގެވެށި ގުޅުން ކެމްޕެއިން އިފްތިތާހުކުރުމުގެ ގޮތުން ރައީސް ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ ރާއްޖޭގެ އާބާދީގެ ދެބައިކުޅައެއްބަޔަކީ އަންހެނުން ކަމަށްވާއިރު، އަނިޔާ ލިބޭ އަންހެނުންގެ އަދަދު ގިނަވުމަކީ، މުޅި މުޖުތަމައަށްވެސް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ. 

ދިރާސާތަކުން އެނގޭ ގޮތުގައި، ދިވެހި ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކީ، އުމުރުގެ ކޮންމެވެސް ހިސާބެއްގައި، ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ، ނުވަތަ އެ ބިރުވެރިކަން ތަހައްމަލު ކުރަން ޖެހިފައިވާ މީހެއް ކަމަށާއި އެކަމަކީ މުޅި ދައުލަތް ޒަމާންތަކެއްވަންދެން ހައްލުކުރަން ނުކުދެވިފައިވާ މައްސަލައެއް ކަމަށް ރައީސް ވިދާޅުވި އެވެ. 

"މިއީ، އަޅުގަނޑުމެން އެންމެންވެސް މިކަމުގައި ޒިންމާ ނަގަންޖެހޭ ބޮޑު މައްސަލައެއް. އަދި، މިކަން ޙައްލުނުކޮށް، އަޅުގަނޑުމެންނަށް މުޖުތަމަޢެއްގެ ގޮތުގައި ކުރިއަށް ދެވޭކަށްނެތް. އަދި، ގައުމެއްގެ ގޮތުގައި ހަމަޖެހިގެން ތިބެވޭކަށްވެސް ނެތް."

އޭގެ އިތުރުން ރައީސް ވިދާޅުވީ، މުޖުތަމައަށް ކުރިމަތިވެފައިވާ މި ބޮޑު ނުރައްކަލުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކުގެ ދަށުން، ޖެންޑާ މިނިސްޓްރީން އިސްނަގައިގެން މިއަދު ފަށާ އެ މަސައްކަތަކީ، ކުރަން ޖެހިފައިވާ މުހިއްމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށާއި އެ ކެމްޕެއިންގެ މަގްސަދަކީ، މިފަދަ މައްސަލަތައް އިތުރުވުން ހުއްޓުވައި، މައްސަލަތަކުން އަރައިގަންނާނެ ގޮތްތަކާ ގުޅޭގޮތުން، އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން ކަމަށް ވެސް ކަމަށެވެ. އަދި އެ ކެމްޕެއިންގެ ސަބަބުން ރަނގަޅު އަސަރެއް މުޖުތަމައަށް ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. 

މަދަނީ ޖަމިއްޔާތަކުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެކި، ޖަމިއްޔާ ޖަމާއަތްތަކުން، ޖިންސީ ގޯނާގެ މައްސަލަތައް، ސަރުކާރާއި މުޖުތަމައުގެ ސަމާލުކަމަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް ތައުރީފް ކުރައްވާ ކަމަށެވެ. އަދި، މިފަދަ މަސައްކަތްތަކުގެ ފަހަތުގައި ތިބެ، އަޑު އުފުލަމުންދާ ޒުވާނުންގެ މަސައްކަތްތަކުގެ ސަބަބުން ހިތްވަރު ލިބޭ ކަމަށް ވެސް ވިދާޅުވި އެވެ. 

ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރަ ތަހައްމަލު ކުރަންޖެހޭ މީހުން، އެ މައްސަލަތައް ރިޕޯޓް ކުރުމަކީ، މިފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ލިބޭ ފުރުސަތެއް ކަމުން އުއްމީދުކުރައްވަނީ، މިފަދަ މައްސަލަތަކުގެ މައުލޫމާތު، ކަމާބެހޭ އިދާރާތަކާ ހިއްސާ ކުރުން އަދިވެސް އިތުރުކުރުން ކަމަށާއި ވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ އެންމެންނަށް، އެ މައްސަލަތައް ރިޕޯޓުކޮށް، އިންސާފު ހޯދުމަށް ހިތްވަރު ލިބޭގޮތަށް، މުޅި މުޖުތަމައާ މުޅި ދައުލަތް ބައްޓަންވެގެން ދިޔުން ކަމަށެވެ. 

އަދި ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހަކަށް، އެއްވެސް ހާލެއްގައި، އިތުރަށް އަނިޔާ ލިބޭނެ ގޮތަކަށް އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށާއި އަދި، އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގައި ސާބިތުކަމާއެކު ތިބިކަން، ސަރުކާރުގެ އަމަލާއި ބަހުން ދައްކަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް