ads
ރޮޒައިނާ އާދަމް
ރޭޕްގެ މައްސަލަތަކުގެ މުހިންމުކަމެއް ފުލުހުންނަކަށް ނުވިސްނޭ: ރޮޒައިނާ
ރޭޕްއާ ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓް ކުރަން ދިއުމުން އެ މައްސަލަތަކުގެ މުހިންމުކަން ފުލުުންގެ އިދާރާގައި ތިބޭ ބައެއް ފުލުހުންނަށް ނުވިސްނޭ ކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ޖިންސީ ކުށުގެ ގާނޫނަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން ރޮޒައިނާ ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓް ކުރުމަށް ދިއުމުން، ގިނަ ފަހަރަށް ފުލުހުންނަށް މިފަދަ މައްސަލަތަކާއި "ޑީލް" ކުރުމަށް ބޭނުންވާ ތަޖުރިބާއާއި ތަމްރީން ލިބިފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މައްސަލާއިގެ ސީރިއެސްކަން އެމީހުންނަށް ނުވިސްނޭ ކަމުގައިވެސް ރޮޒައިނާ ވިދާޅުވި އެވެ.

"އެ ވިކްޓިމްއަކަށްވާ މީހާ އެތަށް އިރެއް ވަންދެން އެބަ ބައިންދާ ފުލުސް އޮފީހުގަ، ބައިންދާފަ އެތައް ގަޑީރުތަކެއް ކޮށްފަ ބަޔާނެއް ނަގާފަ، ދެން އޭނަ ފޮނުވާލާފަ އޭނައަކަށް ހަބަރެއް ނުވޭ." ރޮޒޭނާ ވިދާޅުވި އެވެ.

ކޮންމެ ފަހަރަކު މިފަދައިން ކަން ހިނގާ ނުދިޔަ ނަމަވެސް ގިނަ ފަހަރަށް މިފަދަ މައްސަލަތައް ރިޕޯޓް ކުރުމުން ކަންހިނގާ ދަނީ މިފަދައިން ކަމަށް ރޮޒޭނާ ވިދާޅުވި އެވެ. އަދި ފުލުހުންނަށް މިކަމުގެ ނާޒުކުކަމާއި، މައްސަލާގެ ސީރިއެސްކަން އަންގާ ދިނުމަށް ޓްރެއިނިން ދެވެން ޖެހޭނެ ކަމަށްވެސް ރޮޒައިނާ ވިދާޅުވި އެވެ. 

ފުލުހުންގެ އަމަލުތައް މިހެން ހުރުމުން ބޮޑު އަނިޔާއެއް ލިބުނު ކަމުގައިވިޔަސް މައްސަލަ ރިޕޯޓް ކުރުމަށް ގިނަ ފަރާތްތަކުން ފަސްޖެހޭ ކަމަށާއި، ރިޕޯޓް ކުރާ ފަރާތްތަކުންވެސް އެއިދާރާގައި އެތައް ވަގުތެއް ހޭދަ ކުރަން ޖެހޭއިރު ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާއި މެދު ފުލުހުން އަޅާލަން ޖެހޭ ވަރަށް އަޅާނުލާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި މިކަމުގައި ފުލުހުންނަށް ތަޖުރިބާ ލިބިފައި ނުވުމުން ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ފަރާތާއި ކުރެވޭ ބައެއް ސުވާލުތަކުގެ ސަބަބުން އެފަރާތްތަކަށް އިތުރު ގެއްލުންތައް ލިބިގެންދާކަން މެމްބަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ހެކި ނަގަން ޖެހޭ ގޮތަށް ވަގުތުގައި އެކަން ނުކުރުމުގެ ސަބަބުން އަނިޔާ ކުރާ މީހުން ވަރަށް ގިނަފަހަރު ސަލާމަތް ވެގެން ދާކަންވެސް ރޮޒޭނާ ފާހަގަކުރެއްވިއެވެ.

" ބޮޑު އަނިޔާއެއް ލިބިގެން ގޮސް އެކަން ރިޕޯޓް ކުރަން ދިޔައިމާ، އެތާގަ އެތަށް އިރެއް ވަންދެން ބައިންދާގެން އޭނައާއި އަޅާ ނުލެވިފައި ހުރެ، ކުރެވޭ ސުވާލުތަކުން އޭނައަށް އޭނަ ކަމެއް ގޯސްވެގެން ފީލްވާ ގޮތައް ވާހަކަދެކެވި، އެވިޑެންސް ނަގަން ޖެހޭ ގޮތަށް ވަގުތުން ވަގުތައް އެ އެވިޑެންސް ނަގަން ޖެހޭ މަސައްކަތް ނުކުރެވި، މިހެން މި މިކަންކަން ދިޔައިމާ އަނިޔާ ކުރާ މީހުން އެބަ ސަލާމަތް ވެގެން އެބަ ދޭ" ރޮޒައިނާ ވިދާޅުވި އެވެ.

އަނބިމީހާ ފިރިމީހާއަށް ކުރާ ގޯނާތަކާއި ރައްޓިހިވެގެން އުޅޭ މީހާ އަންހެންކުއްޖާއަށް ކުރާ ގޯނާތައް ފަދަ ކަންކަމަށް ފުލުހުން ހޭލުންތެރިކޮށް ޓްރެއިނިންގް ދިނުމަށް މެމްބަރު ރޮޒައިނާ ގޮވާލާފައިވެ އެވެ.

ހިސާން ހުށަހެޅުވި އިސްލާހުގައި ބުނެފައިވަނީ ޖިންސީ ކުށުގެ ފޮރެންސިކް ތަހުލީލަކީ ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ރުހުމުގައި، އެކަމަށް ހާއްސަކޮށްފައިވާ ކިޓް ބޭނުންކޮށްގެން ކުރެވޭ ތަހުލީލެއް ކަމަށެވެ. އަދި އެ ކިޑް ބޭނުންކޮށްގެން މަދުވެގެން ހަތް ސާމްޕަލެއް ނަގަން އިސްލާހުން ލާޒިމް ކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް