ads
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް – ފޮޓޯ: މަޖިލިސް
ނިޔާފުގެ ވާހަކައަށް އެއްބަސްވުމުން ރޮޒައިނާއަށް ފާޑު ކިޔުން އަމާޒު ވެއްޖެ
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ބިލު، ސިއްހީ މާހިރުންގެ ބަސް ހިމަނައިގެން އިސްލާހުކުރުމަށް ޑރ. އަލީ ނިޔާފުގެ ހިޔާލަށް މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ތާއީދުކުރެއްވުމުން، އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ އިސް ބައެއް މެންބަރުން ފާޑުވިދާޅުވެއްޖެ އެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ޑރ. ނިޔާފު ވިދާޅުވީ ބިލު މިހާރު އޮތް ގޮތުން ސިއްހީ މާހިރެއްގެ ބަހެއް އެކަމުގައި ނޯންނާނެ ފަދަ ބައެއް މާއްދާތައް ހިމަނާފައިވާ ކަމަށެވެ. އަދި އެ ބިލުގައި ސިއްހީ މާހިރެއްގެ ބަހެއް ނެތި ގޮތް ނިންމުމުގެ ބާރު އޮތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ޑރ. ނިޔާފުގެ އެ ވާހަކަތަކަށް ތާއީދުކުރައްވަމުން ރޮޒައިނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އާންމު ސިއްހަތުގެ ރައްކާތެރިކުރުމުގެ ގާނޫނު އިސްލާހުކުރާއިރު ކޮމެޓީން އެ ޝަކުވާތަކަށް ބަލައިގަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެހެންނަމަވެސް ރޮޒައިނާގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ، ރޮޒައިނާގެ ހިޔާލުތައް ޕާލިމެންޓްރީ ގްރޫޕުގެ ތެރޭގައި މަޝްވަރާކުރެވިދާނެ ކަމަށާއި އެއީ ސޯޝަލް މީޑިއާގައި ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. 

އަދި މިއީ މަގްބޫލުކަން ހޯދުމުގެ މުބާރާތެއް ނޫން ކަމަށާއި އަމިއްލައަށް ތާއީދު ހޯދުމުގެ އެޖެންޑާއެއް ހިންގުމުން ފައިދާ ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރޮޒައިނާއަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވެސް ފާޑުވިދާޅުވި އެވެ. އެގޮތުން، ދެއްކި ވާހަކަތައް ރޮޒައިނާއަށް އެނގިވަޑައިގެންނެވި ނަމަ ހުރިހާ ސުވާލެއްގެ ޖަވާބު ލިބިވަޑައިގަތީސް ކަމަށާއި އެހެންކަމުން، އޯޑިއޯ ބެއްލެވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.  

އެކަމަށް ރައްދު ދެއްވާ ރޭ ދަންވަރު ރޮޒައިނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ކޮންމެ ފަހަރަކު މަޖިލީހަށް މީހަކު ފާޑުކިޔުމުން ބަލައިނުގަނެ، އަޑުނޭހުން ދޫކޮށްލަން ޖެހޭ ކަމަށެވެ. 

އެއާއެކު މެމްބަރު އިމްތިޔާޒު ވަނީ ރޮޒައިނާ އާންމުކޮށް މަޖިލީހަށް އަންނަނީ 11:30 ގައި ކަމުން، އެހާ ދަންވަރު ނުނިދާ އުޅެވިދާނެ ކަމަށް ވިދާޅުވެ، ރައްދެއް ދެއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް