ads
ފޮޓޯ: ރައީސް އޮފީސް
އަތޮޅުތެރޭގައި އިގްތިސާދީ ހަރަކާތްތައް އިތުރުކުރުމަށް ރައީސް މަޝްވަރާކޮށްފި
އަތޮޅުތަކުގައި އިގްތިސާދީ ހަރަކާތްތައް އިތުރު ކުރާނެ ގޮތްތަކާއި މެދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިން އެންޑް އިކޮނޮމިކް ރިކަވަރީ" އާއި އެކު މަޝްވަރާ ކުރައްވައިފި އެވެ.

އެމަނިކުފާނު އެ މަޝްވަރާތައް ކުރައްވާފައި ވަނީ ބުދަ ދުވަހު ރެސިލިއަންސް ބިލްޑިން އެންޑް އިކޮނޮމިކް ރިކަވަރީ ޓާސްކްފޯސް އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރެއްވި ބައްދަލުވުމުގަ އެވެ. 

އެ ބައްދަލުވުމުގައި ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި ހާލަތުން އަރަގަނެ، އިގްތިސާދު ނެގެހެއްޓުމަށް މެދު ރާސްތާގައި ކުރުމަށް ރާވާފައިވާ ކަންކަމާއިމެދު މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

އެގޮތުން ޓާސްކްފޯސް ގައި ހިމެނޭ "ވޯކިން ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ" އިން ރައީސުލްޖުމްހޫރިއްޔާ އާއި ޓާސްކްފޯސްގެ މެންބަރުންގެ މަޝްވަރާއަށް ދެ ޕްރެޒެންޓޭޝަނެއް ހުށައެޅި ކަމަށާއި އޭގެތެރެއިން ފުރަތަމަ ޕްރެޒެންޓޭޝަންގައި، ކޮވިޑް-19 ގެ ސަބަބުން މާލީ ގޮތުންނާއި އިގްތިސާދީ ގޮތުން އަސަރުކޮށްފައިވާ މީހުންނާއި ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި، ކުރިއަށް ރާއްވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވާލަފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

ރައީސް އޮފީހުން އިތުރަށް ބުނީ ވިޔަފާރިއާއި ގުޅޭ އަދި ސަރުކާރުގެ ބައެއް ހިދުމަތްތައް ލާމަރުކަޒުކޮށް، އަތޮޅުތަކުގައި އިގްތިސާދީ ހަރަކާތްތައް އިތުރު ކުރާނެ ގޮތްތަކާއި، މީހުންގެ ދިރިއުޅުން އަތޮޅުތަކަށް ބަދަލުކުރުމުގައި އެހީތެރިވެދެވިދާނެ ބައެއް ގޮތްތައް އެ ޕްރެޒެންޓޭޝަންގައި ހިމަނާފައިވާ ކަމަށެވެ. 

މި ކަންކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ޓާސްކްފޯސްގެ މެމްބަރުން ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ހިންގުމަށް ރާވާފައިވާ މަޝްރޫއުތަކާއި، ގެންނަން ނިންމަވާފައިވާ ބަދަލުތައް ހަލުވިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

ރައީސް އޮފީހުން ބުނީ ވޯކިން ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އިން ދެވަނައަށް ހުށަހަޅާފައި ވަނީ ދަނޑުވެރިކަމުގެ ދައުރު އިތުރަށް ފުޅާކޮށް، ދަނޑުވެރިކަމަކީ އިގްތިސާދުގެ މުހިންމު ސިނާއަތެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ރާވާފައިވާ ކަންކަމާއި ގުޅޭ ޕްރެޒެންޓޭޝަނެއް ކަމަށެވެ. 

އެގޮތުން އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ޓާސްކްފޯސްގެ މެމްބަރުން ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ދަނޑުވެރިންގެ އުފެއްދުންތައް ގަނެ، އެ ތަކެތި މާކެޓްކޮށް ވިއްކުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އަދި ސަޕްލައި ޗެއިން ތަރައްގީ ކުރުމުގެ މަގްސަދުގައި އުފައްދަވާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާއި، އެ މަސައްކަތްތައް ހަލުވިކުރާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަ ދައްކަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ. 

މީގެ އިތުރުން، އެ ސިނާއަތް ތަރައްގީ ކުރުމުގައި ދަނޑުވެރިންނާއި، އެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރާނެ ގޮތްތަކާއިމެދު ވެސް ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް