ads
އާދަމް ޝަރީފް--
މަޝްވަރާއަށް ދާނީ ރައީސް ޔާމީން މިނިވަންކުރާ ވާހަކަ ދައްކާގޮތަށް: އާދަމް ޝަރީފް
ސިޔާސީ މަޝްވަރާއަށް ދާނަމަ ދާނީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުގެ ވާހަކަ ދައްކާގޮތަށް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ރައީސް ދެއްވި ޚިތާބުގައި ވަނީ ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ހުރިހާ ސިޔާސީ ލީޑަރުން އެކީގައި މަޝްވަރާކުރަށް ނިކުތުމަށް ގޮވާލައްވާފަ އެވެ.

މިކަމާއި ގުޅޭގޮތުން "ސީއެންއެމް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ މަޝްވަރާ ކުރުމަށް އެދި މިހާތަނަށް ރަސްމީކޮށް ސަރުކާރުން އެދިފައިނުވާކަމަށެވެ. އަދި ސިޔާސީ މަޝްވަރާއާއި ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކައާއި މެދު އިދިކޮޅުން އަދި މަޝްވަރާވެސް ނުކުރާކަމަށް ވިދާޅުވި އެވެ. 

އާދަމް ޝަރީފް ވިދާޅުވީ މަޝްވަރާއަށް ދާނަމަ ދާނީ ރައީސް ޔާމީން މިނިވަން ކުރުމަށް މަޝްވަރާ ކުރާ ގޮތަށް ކަމަށެވެ. 

"މަޝްވަރާއަށް ދާނީ އެންމެ ފުރަތަމަ ކަމަކަށް ރައީސް ޔާމީން މިނިވަން ކުރުމުގެ ކަންކަމަށް ވާހަކަ ދައްކަންޏާ. އެޖެންޑާގެ އެންމެ ކުރީގަ އޮންނާނީ އެކަން. މިއީ އަޅުގަނޑު މިކަމުގައި ދެކޭގޮތް."

އާދަމް ޝަރީފް ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަ ނިމުނު ގޮތުން ރައީސް ޔާމީން ޖަލުގައި ހުރީ ނުފޫޒު ފޯރުވައިގެންކަން ސާބިތުވާކަމަށެވެ. 

މަޝްވަރާއަށް ގޮވާލި ވާހަކައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ދެއްކެވި ވާހަކަ ތަކަކީ ވަރަށް އިހުލާސްތެރިކަމެއް ނެތް ހުސް ވާހަކަތަކެއް ކަމަށެވެ. އަދި އެއީ މަޝްވަރާ ކުރުމަށް ބޭނުންވެގެން ދެއްކި ވާހަކަތަކެއް ނޫންކަމަށް ގަބޫލުކުރާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. 

މީގެ އިތުރުންވެސް އާދަމް ޝަރީފް ވިދާޅުވީ ޤައުމީ ސަލާމަތަށް ނުރައްކާވެއްޖެ ކަމަށް ވިދާޅުވެ މަޖިލީހުގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ދެއްކެވި ވާހަކަ ބަލައިނުގަނެވޭކަމަށެވެ. އަދި ހިތު ހުރިގޮތަކަށް ޤައުމީ ސަލާމަތުގެ ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ. 

ރެޒިޑެންސް ވިސާގެ ކަންކަމުގައި އާދަމް ޝަރީފް ވިދާޅުވީ، ކޮމިޓީގައި އެ މައްސަލައަށް މަޝްވަރާ ކުރާއިރު، އެންމެފަހުން އެކަމާއި ސަރުކާރުންވެސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ހަވާލު ނުވި ކަމަށެވެ. އަދި އެހެން ގައުމުތަކަށް ވާނުވާ ނޭނގޭގޮތަށް ހާރިޖީ ސިޔާސަތު އޮތް އޮތުންވެސް ބަލައިނުގަންނާނެ ކަމަށް ވިދާޅުވި އެވެ. 

ސަރުކާރާއި އެކި ސިޔާސީ ކަންކަމުގައި މަޝްވަރާއަށް ދާނީ ރައީސް ޔާމީން މިނިވަން ކުރުމަށް މަޝްވަރާ ކުރާނެ މަތިންކަމަށް އާދަމް ޝަރީފް ވިދާޅުވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ކޮވިޑް19 ގެ ކަންކަމާއި ގުޅިގެންވެސް މަޖިލީހުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވަނީ ކޮވިޑްގެ ކަންކަމުގައި އެއްބާރުލުން ދިންކަމުގައި ވީނަމަވެސް، ސިޔާސީ ކަމެއްގައި މަޝްވަރާ ކުރާނީ ރައީސް ޔާމީން މިނިިވަންކުރާނެ ކަމަށް މަޝްވަރާ ކުރާމަތިން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް