ads
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ކޮވިޑްގެ މިހާލަތުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރަން ޖެހޭ
ކޮވިޑް19ގެ ބަލިމަޑުކަމުން އަރައިގަނެ ގައުމު އަލުން ބިނާ ކުރުމަށް އެންމެން ގުޅިގެން ބޮޑު މަސައްކަތެއް ކުރަން ޖެހިފައިވާ ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 55ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ވާރޗުއަލްކޮށް ބޭއްވި ޑިޕްލޮމެޓިކް ރިސެޕްޝަންގައި ވާހަކަ ދައްކަވަމުން ހާރިޖީ ވަޒީރު ޝާހިދު ވިދާޅުވީ ކޮވިޑް19ގެ ސަބަބުން ދިވެހިރާއްޖެއަށް އެކިގޮތްގޮތުން ލިބެމުންދާ ގެއްލުން ވަރަށް ބޮޑު ކަމަށެވެ. ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެގޮތުން އެންމެ ބޮޑު އަސަރެއް ކުރަނީ ރާއްޖޭގެ އިގްތިސޯދަންކަން ފާހަގަ ކުރައްވާ ޝާހިދު ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އަސަރުކޮށްފައިވާ ކަމަށެވެ. ޝާހިދު ވިދާޅުވީ 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެންވެސް ރާއްޖެއަށް ކުރިމަތިވީ މިފަދަ ހާލަތެއްކަމަށާ، މިފަދަ ކަންކަމަމުން އަރައިގަނެވޭނީ ދުނިޔޭގެ އެހެން ގައުމުތަކުގެ އެހީތެރިކަމާއި އެކުގައި ކަމަށެވެ.

ޝާހިދު ވިދާޅުވީ އދ.ގެ 193 ގައުމުގެ ތެރެއިން 172 ގައުމަކާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމްކޮށްފައިވާ ކަމަށާ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި އެއްވެސް ގައުމަކާ އޮންގަ ގުޅުން ހީނަރުވިޔަ ނުދިނުމަށް ގިނަ މަސައްކަތްތަކެއްވެސް ކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ސިޔާސަތަކީ ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، އާ ގައުމުތަކާއެކު ގުޅުން ބަދަހިކުރުން ކަމަށެވެ.  

ޝާހިދު އިތުރަށް ވިދާޅުވީ ކޮވިޑް19ގެ މިހާލަތުން އަރައިގަނެ ރާއްޖޭގެ އިގްތިސޯދު ނަގާ ކޮޅަށް ޖެހުމަށް ހުރިހާ ދިވެހިންވެސް އެއްއަޒުމެއްގައި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ދުނިޔޭގެ އެކި ގައުމުތަކުން ދިވެހިރާއްޖެއަށް ވަމުން އަންނަ އެހީތެރިކަން ފާހަގަ ކުރައްވާ އެހުރިހާ ގައުމަކަށްވެސް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ވާޗުއަލް ޑިޕްލޮމެޓިކް ރިސެޕްޝަންގައި ދުނިޔޭގެ އެކި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިތިއްބަވާ ސަފީރުންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް