ads
ހިޔާ މަޝްރޫއުގެ ފްލެޓުތަކެއް-- ފޮޓޯ: ސީއެންއެމް
ހިޔާ ފްލެޓްތައް ރައްކާތެރި ނޫންކަމަށްބުނެ އޭއޭއެމްއިން ކަންބޮޑުވުން ފާޅުކޮށްފި
ކުރީގެ ރައީސް އިބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައި ހުރި ހިޔާ ފްލެޓްތައް ރައްކާތެރި ނޫންކަމަށް ބުނެ އާކިޓެކްޓްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އޭއޭއެމްއިން ހިޔާ ފެލެޓްތަކަށް ޒިޔާރާތް ކޮށްފައިވަނީ އާކިޓެކްޗަ ކިޔަވާ 18 ދަރިވަރުން ހިމެނޭގޮތަށެވެ.

އޭއޭއެމްއިން ހިޔާ ފެލެޓްތަކަށް ޒިޔާރާތް ކުރުމަށްފަހު ނެރުނު ރިޕޯޓްގައި ވަނީ ހިޔާ މަޝްރޫއުގެ ޓަވަރުތަކުގައި ހުރި މައްސަލަތައް ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެ ޓަވަރުތައް ހަދާފައި ހުރި ގޮތުން ތޮއްޖެހުން ބޮޑުވެ އެކި އިޖްތިމާއީ ބޮޑެތި މައްސަލަތަކެއް ނިކުމެދާނެކަން ފާހަގަކޮށްފައިވެ އެވެ. އަދި އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނެތުމުން އެކަމުގެ ކަންބޮޑުވުންވެސް ފާހަގަކޮށްފައިވެ އެވެ. 

މީގެ އިތުރުން ހިޔާ ފްލެޓްތަކުގެ ކޮރިޑޯތަކުގެ ރެއިލިން ހުޅުމާލެ ޕްލޭނިން ގަވާއިދަށް ނުފެތޭކަމަށާއި، އެތަންތަނަށް ކުޑަކުދިންނަށް އެރޭގޮތަށް ހުރުމުން ރައްކާތެރި ނޫންކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި ބޭސްމަންޓްގެ ޕާކިންގައި ހުރި ހޮޅިތައް ބެރިދަށުން އަޅާފައި ހުރުމުން އެކަމަކީވެސް ރައްކާތެރި ކަމެއްނޫންކަމަށް އޭއޭއެމްގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. 

އޭއޭއެމްއިން ނެރުނު ރިޕޯޓްގައި ވަނީ ފްލެޓްތަކުން އަރާފޭބުމުގައި ދަތިތައް ކުރިމަތިވާނެތީ އެކަމުގެ ކަންބޮޑުވުންވެސް ފާހަގަކޮށްފައެވެ. އެގޮތުން ޕީކް ވަގުތު ތަކުގައި ލިފްޓް ބޭނުންކުރުމަށް ދަތިވާނެކަން ފާހަގަކޮށްފައިވެ އެވެ. އަދި ލިފްޓުން ނުކުންނަ ލޮބީގައި ހުރި ސާވިސް ފޮށިތައް އަތުޖެހޭ ހިސާބުގައި ހުރިކަމަށާއި، މިކަމުގެ ސަބަބުން އެ ތަކެއްޗަށް ގެއްލުން ލިބުން އެކަށީގެންވާކަން ފާހަގަކޮށްފައިވެ އެވެ. 

ފްލެޓްތަކުގެ އެތެރޭގެ ޑިޒައިނާއި ގުޅޭގޮތުން ބުނެފައިވަނީ ފާހާނަ އާއި ބަދިގެ ފަދަ ތަންތަނުގެ ޖާގަ އެކަށީގެންވާ ވަރަށްވުރެއް ކުޑަކަމަށެވެ. އަދި އަލިފާނާއި ދުމުން ރައްކާތެރި ކުރެވޭނެ "ސެޕަރޭޝަން ޒޯން"ތަކެއް ނެތްކަންވެސް ފާހަގަކޮށްފައިވެ އެވެ. އަދި ހިޔާ ފްލެޓްގެ ޓަވަރެއްގެ ތިރީ ފްލޯތަކުގައި އެކީ އަލިފާން ރޯވެއްޖެ ނަމަ މަތީ ފްލޯތަކަށް އަރާނެ ގޮތެއް ނެތްކަންވެސް ފާހަގަކޮށްފައިވެ އެވެ. އަދި އެކަމުގެ ސަބަބުން މީޙުން ސަލާމަތްކުރުމުގައި އުނދަގޫތައް ކުރިމަތިވާނޭކަންވެސް ފާހަގަކޮށްފައިވެ އެވެ. 

ޕްލޭނިން ގަވާއިދާ އެއްގޮތަށް ޓަވަރުގެ އެއްވެސް ފްލޯއެއްގައި ކުނި އެއްކުރެވޭނެ ތަނެއް ނެތްކަން ފާހަގަ ކޮށްފައިވާއިރު ކުނި އުކާލުމުގެ ނިޒާމް ފުރިހަމަ ނޫންކަމަށްވެސް ރިޕޯޓްގައި ބުނެފައިވެ އެވެ. 

"މިފަދަ މަތީ ޑެންސިޓީއެއްގައި އަގުހެޔޮ ސޯޝަލްހައުސިން އުސް އިމާރާތްތަކުގައި ހެދުމަކީ ދުނިޔޭގެ އެކި ތަންތަނުގައި 1960ގެ އަހަރުތަކުން ފެށިގެންވެސް ކުރެވެމުން އައި އެހެން ނަމަވެސް ހިނަ ފަހަރު ފެއިލްވެފައިވާ ކަމެކެވެ. ވީމާ މި ޕްރޮޖެކްޓަކީވެސް އެ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ތަކުލީފުތަކެއް އުފުލަންޖެހޭ ޕްރޮޖެކްޓަކަށްވުން އެކަށީގެންވެއެވެ. އަދި މިއީ ރަނގަޅު ޕްރޮޖެކްޓެއް އެކުލަވައިވުމަށް ގެއްލުނު ފުރުސަތެކެވެ."

މީގެ އިތުރުން އެ ރިޕޯޓް ނިންމާލަމުން ވަނީ ހައުސިލް މިނިސްޓްރީ ހިއްސާވާ "ބިނާވެށި ތަރައްޤީގެ ޤާނޫނީ ޑްރާފްޓު"ގެ މަޤުސަދާއި ޤާނޫނީ އޮތޯރިޓީ ބަޔާންކުރެވިފައިވާ މާއްދާތަކުގައި ހިޔާ މަޝްރޫފަދަ ޕްރޮޖެކްޓުތަކަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމުގައި ސިޔާސީ ނުފޫޒުފޯރާނެ ޖާގަ އުފެދޭކަން ފާހަގަ ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް