ads
ކޮވިޑް ޖެހުނު މީހުންގެ އަދަދު 17 މިލިއަނަށްވުރެ މައްޗަށް އަރައިފި
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 17 މިލިއަނަށްވުރެ މައްޗަށް އަރައިފި އެވެ.

ކޮވިޑް ޖެހުނު މީހުންގެ އަދަދު 17 މިލިއަނަށް ވުރެ މައްޗަށް އަރާފައިވަނީ ދުނިޔޭގެ ސިއްހީ ޖަމިއްޔާއިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިތާ ހަ މަސްވާން ގާތްވެފައިވަނިކޮށެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުމްލަ 17،031،281 މީހަކަށް ބަލި ޖެހުނު ކަމަށް ކަށަވަރުވެފައިވާއިރު އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 667،000 އަށް ވުރެ މައްޗަށް އަރާފަ އެވެ. 

ކޮވިޑް ޖެހުނު މީހުންގެ އަދަދު، 16 މިލިއަން އިން 17 މިލިއަނަށް އަރާފައި މިވަނީ މިދިޔަ ހަތަރު ދުވަހުގެ ތެރޭގަ އެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެއް ދުވަހުން ކޮވިޑް ޖެހުނު އެންމެ ގިނަ މީހުންގެ އަދަދު ރިކޯޑުކުރެވިފައިވަނީ އިއްޔެ އެވެ. އަދި އެ އަދަދު ވަނީ 289،100 އަށް ވުރެ މައްޗަށް އަރާފަ އެވެ.

އަދި ބްރެޒިލް، އިންޑިއާ، ޖަޕާން، އޮސްޓްރޭލިއާ އަދި އުޒްބެކިސްތާނު ހިމެނޭ ގޮތަށް އެތައް ގައުމެއްގައި ދުވާލެއްގެ މަތިން ކޮވިޑް ޖެހުން މީހުންގެ އަދަދު އެންމެ ގިނައިން ފެނިފައިވަނީ އިއްޔެ އެވެ.

ދުނިޔޭގެ ކޮވިޑް ހާލަތަށް ބަލާލިނަމަވެސް މިމަހުގެ މެދު ތެރެއިން ފެށިގެން ބަލި ޖެހޭ މީހުންގެ ރޭޓު ވަނީ ދުވާލެއްގެ މަތިން 200،000 އަށް އަރާފަ އެވެ.

ކޮވިޑް ކޭސްތައް އެންމެ ގިނައިން ފެނިފައިވާ ގައުމުކަމަށްވާ އެމެރިކާގައި 4.4 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ އިރު އެ ބަލީގައި 150،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ކޮވިޑް-19 ދެވަނަ އަށް އެންމެ ގިނައިން ފެނިފައިވާ ގައުމު ކަމަށްވާ ބްރެޒިލްގައި 2.5 މިލިއަން މީހުންނަށް ވަނީ އެ ބަލި ޖެހިފައެވެ. އަދި އިންޑިއާގައި 1.5 މިލިއަން މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް