ads
މަޖިލީހުގެ ޖަލްސާއެއް: ހާމަކަން ބޮޑުކުރުމަކީ ނަހަމަކަންކަން ހިނގުން މަދުކުރެވޭނެކަމެއް--
މާލީ ބަޔާން އާންމު ކުރުމަކީ ޒާތީ ކަމެއްތަ؟ ނުވަތަ ކޮރަޕްޝަނާ ދެކޮޅަށް އެޅޭ ވަރުގަދަ ފިޔަވަޅެއްތަ؟
ޕަބްލިކް އޮފިޝަލުންގެ ގޮތުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން (އެސެޓް ޑެކްލަރޭޝަން) އާންމު ކުރުމަކީ 1970ގެ އަހަރުތަކުން ފެށިގެން، ކޮރަޕްޝަނާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ކުރިއަރާފައިވާ ބައެއް ގައުމުތަކުން ކުރަމުން އަންނަ ކަމެކެވެ. އެ ސަގާފަތް އާންމުވެ، ގިނަ ގައުމުތަކުން އެކަން ކުރަން ފެށީ 2003 ވަނަ އަހަރު އދ.ގެ އާންމު ޖަލްސާގައި ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަން (ޔޫއެންސީއޭސީ) ބަލައިގަތުމާއި އެކުގަ އެވެ.

އދ.ގެ އާންމު ޖަލްސާއިން ޔޫއެންސީއޭސީ ބަލައިގަތުމާ އެކު، ޕަބްލިކް އޮފިޝަލުންގެ ގޮތުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން އާންމު ކުރަން، ބައިނަލްއަގުވާމީ ގޮތުން ގާނޫނީ ބާރުވެރިކަން ގައުމުތަކަށް ލިބިގެން ދިޔަ އެވެ. އެގޮތުން މި އަހަރުގެ މެއި މަހުގެ ނިޔަލަށް ޔޫއެންސީއޭސީގައި 140 ގައުމަކުން ބައިވެރިވެފައި ވެއެވެ. އޭގެ އިތުރުން އީޔޫ ފަދަ ޖަމިއްޔާތަކާއި، އދ.ގެ މެމްބަރުންގެ ގޮތުގައި ނުހިމެނޭ ބައެއް ގައުމުތަކާއި އެކު ޖުމްލަ 187 ފަރާތަކުން އެ މުއާހަދާގައި ބައިވެރިވެފައި ވެއެވެ.

ރާއްޖެ އިން ވެސް ވަނީ މާޗް 22، 2007 ގައި އެ މުއާހަދާގައި ސޮއި ކޮށްފަ އެވެ. ނަމަވެސް ޕަބްލިކް އޮފިޝަލުންގެ މާލީ ބަޔާން ހާމަ ކުރުން ފަދަ، ކޮރަޕްޝަނާ ދެކޮޅަށް އެޅޭ މުހިންމު ފިޔަވަޅުތަކުގައި ރާއްޖޭން ދާދި ފަހަކާ ޖެހެންދެން އޮތީ ފަހަތު ފަޔަށް ބުރަވެފަ އެވެ. އަދި މިހާތަނަށް ވެސް އެންމެ އެކަށީގެންވާ ގޮތަށް، އެކަން ކުރެވިފައެއް ނެތެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގެ ތެރޭގައި އެކަން ކުރުމަށް ވައުދުވި އެވެ. އަދި އެކަން ކޮންމެވެސް ސިފައެއްގައި ވަނީ ފެށިފަ އެވެ.

އަލަށް ރާއްޖޭގައި މިފަދަ މުހިންމު ކަމެއް ފެށިގެން ދިޔައިރު، އެކަން ރަނގަޅަށް ހަމައަކަށް ނޭޅި އުޅެނިކޮށް މަޖިލީސް މެމްބަރުންގެ ފިރިންނާއި އަނބިދަރިންގެ މާލީ ބަޔާން އާންމު ނުކުރާ ގޮތަށް ގަވާއިދު އިސްލާހުކޮށް، މަޖިލީހުގެ ތަޅުމުން މިވަނީ ފާސްކޮށްފަ އެވެ. އެކަމަކު އެއީ އެމްޑީޕީން މިހާތަނަށް ރައްޔިތުންނަށް ވިއްކި އެޖެންޑާ 19ގެ އުސޫލުތަކާއި ވެސް ހިލާފު އަދި ކެމްޕޭނުގައި އެ ޕާޓީގެ އިސް ވެރިން ދެއްކި ވާހަކަފުޅުތަކާ ވެސް ތައާރަޒުވާ ކަމެއް ކަމަށް ބައެއް ބޭފުޅުން ދެކެއެވެ. އޭގެ އިތުރުން ކޮރަޕްޝަނާ ދެކޮޅު، ވީހާވެސް ބޮޑަކަށް ދެފުއް ފެންނަ  ގޮތަށް ކަންކަން ކުރުމަށް އެމްޑީޕީން އެންމެ ކުރިން ފެށިގެން ވަކާލާތު ކުރަމުން އަންނަ އިރު، މަޖިލީހުގެ ސުޕަ މެޖޯރިޓީއާ އެކު އެ ގޮތްތަށް އެ ޕާޓީން ދޫކޮށްލީ ކަމަށް ބެލުމުގެ ފުރުސަތު، އެ ބަދަލާއި އެކު މިހާރު މިއޮތީ ރައްޔިތުންނަށް ލިބިފަ އެވެ.

ވޯލްޑް ބޭންކު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޔޫރަޕް އަދި ސެންޓްރަލް އޭޝިޔާގެ 70 ޕަސެންޓް ގައުމުތަކުގައި ޕަބްލިކް އޮފިޝަލުންގެ އެސެޓް ޑެކްލަރޭޝަން ހަދަން ޖެހެ އެވެ. އޭގެ އިތުރުން އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ)ގެ ހައި-އިންކަމް ގައުމުތަކުގެ 97 ޕަސެންޓް ގައުމުތަކުގައި އެކަން ކުރަން ޖެހެ އެވެ. އެ ގައުމުތަކުގެ ރައީސް، ނައިބު ރައީސް، ބޮޑުވަޒީރު، ކެބިނެޓު މެމްބަރުން، ގާނުނު ހަދާ މަޖިލީހުގެ މެމްބަރުން އަދި ފަނޑިޔާރުން ފަދަ ބޭފުޅުންގެ މާލީ ބަޔާން އާންމު ކުރުމަކީ މަޖުބޫރު ކަމެކެވެ. (ބައެއް އެހެން މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އެސެޓް ޑެކްލަރޭޝަން އާންމު ކުރަން ޖެހޭނެ)

އެ ގައުމުތަކުގައި، ޕަބްލިކް އޮފިޝަލުންގެ އަބިން/ފިރިން އަދި 18 އަހަރުން ދަށުގެ ދަރިންގެ މާލީ ބަޔާން ހުށަހަޅައި، އާންމު ކޮށް އެ މައުލޫމާތުތައް ހާމަ ކުރެ އެވެ. އަދި ބައިނަލްއަގުވާމީ އިދާރާތަކުން ރެކޮމަންޑް ކުރަނީ ވެސް އެ އުސޫލެވެ. އެކަމަކު އެކި ގައުމުތަކުން ގެންގުޅޭ އުސޫލުތައް ތަފާތެވެ. އެގޮތުން ބައެއް ގައުމުތަކުން ތްރެސްހޯލްޑެއް ކަނޑައަޅައި، އެއަށް ވުރެ މަތިވާ ނަމަ މާލީ ބަޔާން ހާމަ ކުރަން ޖެހޭ ގޮތަށް ހަމަޖައްސާފައި ވެއެވެ.

މިސާލަކަށް ޖޯޖިއާގައި އޮންނަ ގޮތުން ނަމަ މާލީ ބަޔާން އާންމު ކުރަން ޖެހޭނީ ޕަބްލިކް އޮފިޝަލް ނުވަތަ އެ އޮފިޝަލެއްގެ އަބިން/ފިރިން ނުވަތަ 18 އަހަރުން ދަށުގެ ދަރިއެއްގެ ނަމުގައި ހުރި އުފުލާ ގެންގުޅޭވޭ ހަރުމުދަލުގެ އަގު (ވެހިކަލް ހުނިމެނޭ ގޮތަށް) 4،320 ޑޮލަރަށް ވުރެ (66،614.4ރ.) މަތިވާނަމަ އެވެ. އަދި ބޭންކް އެކައުންޓަކަށް ނުލާ އަތުގައި 1،730 ޑޮލަރަށް ވުރެ (26،676.6ރ.) ގިނައިން ފައިސާ ހުރި ނަމަވެސް އެސެޓް ޑެކްލަރޭޝަން އާންމު ކުރެ އެވެ. ހަދިޔާއެއްގެ ގޮތުގައި 217 ޑޮލަރަށް ވުރެ (3،346.14ރ.) އަގު ބޮޑު އެއްޗެއް ލިބިއްޖެ ނަމަ ވެސް އެކަން ކުރަން ޖެހޭނެ އެވެ. އޭގެ އިތުރުން ހަރަދުތައް 650 ޑޮލަރަށް ވުރެ (10،023ރ.) ބޮޑު ނަމަވެސް އެސެޓް ޑެކްލަރޭޝަން އާންމު ކުރަން ޖެހޭނެ އެވެ.

ގައުމުތަކުން ގެންގުޅޭ ޑެކްލަރޭޝަން ސިސްޓަމްތައް (އުސޫލުތައް) ތަފާތު ނަމަވެސް، ގިނަ ގައުމުތަކުން ގެންގުޅޭ މައިގަނޑު އަސާސްތައް އެއްގޮތެވެ. އަދި ބައިނަލްއަގުވާމީ އިދާރާތަކުން ގެންގުޅޭ އުސޫލުތަކުގައި މުހިންމު، އެއްގޮތް ކަންތައްތަކެއް ހުރެ އެވެ. އޭގެ ތެރޭގައި އެންމެ މުހިންމު އެއް ކަމަކީ ޕަބްލިކް އޮފިޝަލުންގެ އިތުރުން އެ މީހުންގެ އަބިން/ފިރިން އަދި 18 އަހަރުން ދަށުގެ ދަރިންގެ މާލީ ބަޔާން އާންމު ކުރަން ޖެހޭ ގޮތަށް އޮތުމެވެ. (ކައިވެނީގެ ގޮތުން ވާރުތަ ކުރާ މުދާ ވެސް މާލީ ބަޔާނުގައި އާންމު ކުރަން ޖެހޭނެ އެވެ.) ތްރެސްހޯލްޑްތައް ގެންގުޅޭ ގައުމުތަކުގައި ވެސް، އަބިން/ފިރިން އަދި 18 އަހަރުން ދަށުގެ ދަރިން ވެސް އެ އުސޫލުތަކަށް އަމަލު ކުރަން ޖެހޭކަން ފާހަގަ ކުރުން މުހިންމެވެ.

މާލީ ބަޔާން އާންމުންނަށް ފެންނާނެ ގޮތަށް ބަޕްލިޝް ކުރުމުގައި ވެސް ތަފާތު އުސޫލުތައް ގެންގުޅެ އެވެ. އެގޮތުން ބައެއް ގައުމުތަކުގައި ޕަބްލިކް އޮފިޝަލުންނާއި އެ ބޭފުޅުންގެ އާއިލާތަކުގެ އެސެޓް ޑެކްލަރޭޝަންތައް ޕަބްލިޝް ކުރާއިރު، ހާމަ ކުރާނީ ވަކި މައުލޫމާތު ތަކެކެވެ. އޭގެ އިތުރުން ބައެއް ގައުމުތަކުގައި ހައި-ލެވަލް އޮފިޝަލުންނާއި އެ މީހުންގެ އާއިލާގެ އެސެޓް ޑެކްލަރޭޝަން އާންމުކުރާއިރު، ލޯ-ލެވަލް އޮފިޝަލުންގެ އެސެޓް ޑެކްލަރޭޝަން އާންމުންނަށް ލިބޭ ގޮތަށް ޕަބްލިޝް ނުކުރާކަން ފާހަގަ ވެއެވެ.  

ރާއްޖޭގައި އެކަށީގެންވާ ޑެކްލެރޭޝަން ސިސްޓަމެއް (އުސޫލުތަކެއް) މިހާތަނަށް އެކުލަވާލެވިފައެއް ނެތެވެ. އަދި އެ މަސައްކަތް ކުރުމަށް ހާއްސަ އިދާރާއެއް ވެސް ނެތެވެ. ބައެއް ގައުމުތަކުގައި އެކަން ކުރަނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާނުގެ ކަންކަން ބެލުމަށް ޚާއްސަ ކޮމިޓީއެއް ހަދައިގެންނެވެ. އަދި ފަނޑިޔާރުން ފަދަ ޖުޑިޝަރީގެ ބޭފުޅުންގެ މާލީ ބަޔާނުގެ ކަންކަން ކުރާނީ، ޖުޑިޝަރީ އޯވަސައިޓް (ރާއްޖޭގައި ނަމަ ޖޭއެސްސީ) އިންނެވެ. ނުވަތަ ހުރިހާ ދާއިރާއެއްގެ މާލީ ބަޔާންތަކާއި ގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިވަން މުވައްސަސާއެއް ހަދައިގެން ނެވެ.

މާލީ ބަޔާންތަކުގައި އެންމެ ބޮޑަށް ބަލާ ކަންކަމުގެ ތެރޭގައި އެކަށީގެންނުވާ މުސްހަނދިކަމެއް ލިބޭތޯ އާއި، އެ މީހެއްގެ ކޮންފްލިކްޓް އޮފް އިންޓަރެސްޓް އެކުލެވޭ ކަންކަމާއި ބައެއް އެހެނިހެން ކަންކަން ހިމެނެ އެވެ. އަދި މާލީ ބަޔާނުގެ މައުލޫމާތުތައް ވީހާވެސް ފުޅާ ދާއިރާއެއްގައި އާންމުންނަށް ބެލޭނެ ގޮތަކަށް (އޮންލައިން ކޮށް އެކްސެސް ކުރެވޭ ފަދަ ގޮތަަކަށް) އިންތިޒާމުތައް ހަމަޖެއްސުމަކީ، އިންތިހާ އަށް މުހިންމު ކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ. ރާއްޖޭގައި ވެސް މިފަދަ މެކޭނިޒަމެއް، ވީހާވެސް އަވަހަކަށް ގާއިމް ކުރުން މުހިންމެވެ.

އެސެޓް ޑެކްލަރޭޝަން އާ އެކު ޕަބްލިކް އޮފިޝަލުންނާއި އެ މީހުންގެ އާއިލާތަކުގެ ޒާތީ މައުލޫމާތުތައް އާންމުވާ ކަމަށް ބުނެ، ޕޮލެންޑްގެ ލޯކަލް ކައުންސިލް މެމްބަރު އަންޑްރޭ ވެޕިޖް 2005 ވަނަ އަހަރު ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އަށް މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލާގައި އޭނާ ބުނެފައިވަނީ، އޭނާގެ މާލީ މައުލޫމާތުތަކާއި ހަރު މުދަލުގެ މައުލޫމާތުތައް އާންމު ކުރަން ޖެހުމަކީ ޔޫރަޕިއަން ކޮންވެންޝަން އޮފް ހިއުމަން ރައިޓްސްގެ އަށް ވަނަ އާޓިކަލް އާ ހިލާފު ކަމެއް ކަމަށެވެ. 

ކޯޓުން އެ މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ، އެސެޓް ޑެކްލަރޭޝަން އާންމު ކުރުމަކީ ވެޕިޖް ކޯޓަށް ހުށަހެޅި މައްސަލާގައި ފާހަގަ ކުރާ ގޮތަށް އެ މީހެއްގެ "ރައިޓް ޓު ޕްރައިވަސީ" އަށް ތައާރަޒުވާ ކަމެއް ކަމަށެވެ. 

ނަމަވެސް ޕަބްލިކް އޮފިޝަލުންގެ އެސެޓް ޑެކްލަރޭޝަން އާންމު ކުރުމަކީ ނާޖާއިޒް ނުފޫޒު ބޭނުންކޮށްގެން ނުހައްގު މުއްސަނދިކަން ނުވަތަ މުދާ ހޯދުން ހުއްޓުވަން ކުރާ ކަމަކަށް ވުމުން، އެކަން ޖަސްޓިފައި ކުރެވޭ ކަމަށް ކޯޓުން ނިންމި އެވެ.

އެ މައްސަލަ ނިމުނު އިރު، ވެޕިޖްގެ މައްޗަށް ކޯޓުން އޮތީ އޭނާގެ މާލީ މައުލޫމާތުތަކުގެ އިތުރުން ހަރު މުދަލުގެ މައުލޫމާތު ތައް ވެސް އާންމު ކުރަން އަމުރު ކޮށްފަ އެވެ. އަދި އޭނާގެ އަންހެނުންގެ އެސެޓް ޑެކްލަރޭޝަން އާންމު ކުރުމަށާއި، ކައިވެނީގެ ގޮތުން  ވާރުތަވެފައިވާ މުދާ (މެރިޓަލް ޕްރޮޕަޓީ)ގެ މައުލޫމާތުތައް އާންމު ކުރުމަށް ވެސް ކޯޓު ހުކުމުގައި އަމުރު ކޮށްފައި ވެއެވެ. އެ ހުކުމުގައި ބުނެފައިވާ ގޮތުން، ވެޕިޖްގެ އަންހެނުންގެ އެސެޓް ޑެކްލަރޭޝަން އާންމު ކުރަން ޖެހެނީ، މަގާމުގައި ހުރެގެން، ގޯހެއް ހަދައިގެން އަންހެނުންގެ ނަމުގައި ނުހައްގު އެއްޗެއް ހޯދުމުގެ ފުރުސަތު އޮތުމުން، އެކަން ހުއްޓުވުމަށެވެ. 

އެ ހުކުމުގައި ވަނީ އެ މައުލޫމާތު ތައް އޮންލައިންކޮށް، އާންމުންނަށް ބެލޭނެ ގޮތަށް ޕަބްލިޝް ކުރުމުގެ ހުއްދަ ވެސް ދީފަ އެވެ. އެސެޓް ޑެކްލަރޭޝަންތައް އާންމު ކުރާއިރު، ޒާތީ މައުލޫމާތުގެ ގޮތުގައި ބަލައި، އާންމުންނަށް ނުފެންނާނެ ގޮތަށް އުނިކުރަނީ އައިޑީކާޑު ނަންބަރު އަދި އުފަން ތާރީހު ފަދަ މަދު މައުލޫމާތު ތަކެކެވެ.

އެޑިޓަރުގެ ނޯޓް:

އިބްރާހީމް އިނާން އަކީ ސީއެންއެމް ނޫހަށް ލިޔަމުންދާ ލިޔުންތެރިއެކެވެ. މައިގަނޑުގޮތެއްގައި ލިޔަމުންދަނީ އިޖުތިމާއީ އިގުތިސާދީ ދާއިރާގެ މައްސަލަތަކާ ބެހޭ ގޮތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް