ads
ސަން ޝިޔާމް--
ސިޔާމްގެ ކުންފުނިން މިވަގުތަށް ދައްކަން ޖެހޭ ލޯނުގެ ފައިސާ ދައްކައިފި
މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަންޓްރެވެލް ސިޔާމް) ގެ ކުންފުންޏަކަށް، ކުރީ ސަރުކާރުން ދިން ސޮވެރިން ގެރެންޓީއަކާ އެކު، ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި ލޯނަށް މިހާތަނަށް ޑިފޯލްޓްވެގެން ދައްކަން ޖެހޭ ފައިސާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. ސިޔާމް ނެގި ލޯނަށް މިވަގުތަށް ދައްކަން ޖެހޭ ފައިސާ ދައްކައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ގެ ފަހުކޮޅު އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ޕްރައިވެޓް ލިމިޑެޓަށް އެގްޒިމް ބޭންކުން 127 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ) ދިނީ ދިވެހި ދައުލަތުން ސޮވެރިން ގެރެންޓީ ދިނުމުންނެވެ. އެ ލޯނު ޑިފޯލްޓްވެ 10 މިލިއަން ޑޮލަރު ދައްކަން ސަރުކާރަށް ބޭންކުން އެންގި އެވެ.

އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުން ދިން ސޮވެރިން ގެރެންޓީއަކީ 14 ޑިސެމްބަރު 2017 ގައި އަހްމަދު ސިޔާމް ހޯލްޑިންގްސް (އޭއެސްއެޗް) އިން "ދައުލަތުގެ ނަމުގައި ގެރަންޓީ ދޫކުރުމުގެ އުސޫލުގެ ދަށުން ނ. ދިގުރަށުގައި އިރުފެން ރިސޯޓު ތަރައްގީ ކުރުމަށް އިމްޕޯޓް އެކްސްޕޯޓް ބޭންކް އޮފް ޗައިނާ ޗައިނީޒް އެގްޒިމް ބޭންކް އިން 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހުގައި އޭއެސްއެޗްއާއެކު 127,500,000 އެމެރިކާ ޑޮލަރުގެ ލޯނަށް ކުރީގެ ސަރުކާރުން ދީފައިވާ ސޮވްރިން ގެރެންޓީއެއް ކަމަށެވެ.

އަދި އެ ލޯނުގެ ދަށުން، ޗައިނީޒް އެގްޒިމް ބޭންކަށް ދަރަނި އަދާކުރުމުގައި، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ދައްކަންޖެހޭ ފައިސާ އޭއެސްއެޗްއިން ދައްކާފައިވާކަން ސޮވެރިން ގެރެންޓީގެ އުސޫލުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުގައި އަންގާފައިވާ ކަމަށެވެ. 

އެކަމަކު މިއަހަރުގެ ޖުލައި 21 ގެ ކުރިން، އޭއެސްއެޗް އިން އެގްޒިމް ބޭންކަށް ދައްކަންޖެހޭ ލޯނުގެ ޕްރިންސިޕަލް،
އިންޓަރެސްޓް އަދި އެހެނިހެން ފީ އަށް ވާ އަދަދު ދައްކާފައި ނުވާތީ، 22 ޖުލައި 2020 ގައި ޗައިނީޒް އެގްޒިމް ބޭންކް އިން ވަނީ އެ މިނިސްޓްރީ އަށް އެކަން އަންގައި ސޭވްރިން ގެރެންޓީ ދޫކުރި ފަރާތުގެ ހައިސިއްޔަތުން، ފައިސާ ދެއްކުމަށް އަންގާފައި ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. 

އޭގެ އިތުރުން މިނިސްޓްރީން ބުނީ އެ އެންގުމާއި އެއްގޮތަށް ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ ފައިސާގެ އިންތިޒާމު އޭއެސްއެޗްއިން ހަމަޖައްސައި، އެފައިސާ އެސްކްރޯ އެކައުންޓަށް އެފަރާތުން ޖަމާކުރުމުން، އެސްކްރޯ އޭޖެންޓް މެދުވެރިކޮށް އެފައިސާ މިއަދު ވަނީ ޗައިނީޒް އެގްޒިމް ބޭންކަށް ދައްކާފައި ކަމަށެވެ. 

މިނިސްޓްރީން ބުނި ގޮތުގައި އެ ގެރަންޓީ ކުރީގެ ސަރުކާރުން ދޫކޮށްފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން ސޮވްރިން ގެރަންޓީ ދިނުމަށްޓަކައި އުސޫލެއް ހެދުމަށްފަހު، އެ އުސޫލުގެ ދަށުން ކަމަށެވެ. 

އަދި އެގޮތަށް އަހްމަދު ސިޔާމް ހޯލްޑިންގްސް ފިޔަވައި އިތުރު އަމިއްލަ ފަރާތަކަށް ސޮވެރިން ގެރަންޓީއެއް ނުވާކަމަށާއި މި ސަރުކާރުން ސޮވެރިން ގެރަންޓީ ދޫކުރާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން،
ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކުން ނަގާ ލޯނުތަކުގެ ތެރެއިން ކޮންމެހެން ސޭވްރިން ގެރަންޓީ ބޭނުންވާ ލޯނުތަކަށް އެކަނި ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން ދަރަނި އަދާކުރުމުގައި، މިނިސްޓްރީން އަބަދުވެސް އިސްކަންދޭނީ ދިވެހި ދައުލަތް ސޮވްރިން ޑިފޯލްޓްއަކަށް ނުދާނެ ގޮތަށް ކަންކަން ތަރުތީބުކުރުމަށް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް