ads
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--
ފެހި ގާނޫނުއަސާސީއަކީ ރިޔާސީ ނިޒާމަކަށް ފައްކާވެފައި އޮތް ގާނޫނުއަސާސީ އެއް ނޫން: ރައީސް ނަޝީދު
މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީއަކީ ރިޔާސީ ނިޒާމަކަށް ފައްކާވެފައި އޮތް ގާނޫނުއަސާސީއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ފެހި ގާނޫނު އަސާސީއަށް 12 އަހަރު ފުރިގެންދާއިރު ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރެވުނުގޮތާ ގުޅޭގޮތުން, ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ބާރުވެރިކަން އިންތިހާއަށް އެބަ އޮތް ކަމަށާއި އެގޮތުން އެ ގާނޫނު އަސާސީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ އިދިކޮޅަށް ލިޔެވުނު ލިޔުމެއް ކަމަށެވެ. 

"ރައީސް މައުމޫންގެ ހުދުމުހުތާރުވެރިކަން އަނިޔާވެރިކަމަށް އައި ރިއެކްޝަނެއް މިއީ. އެ ކުރިހާ އަނިޔާއަކަށް އައި ރިއެކްޝަނެއް. އެހެންވީމަ މި ގާނޫނު އަސާސީ ބިނާވެގެން އައީ ވަރަށް ބޮޑަށް ބަރުލަމާނީ ސިފައިގައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ވެރިކަމުގެ ނިޒާމު އޮންނާނެ ގޮތާއި ގުޅޭ ގޮތުން ވޯޓު ނެގުނީ އެންމެ ފަހު ވަގުތު އެވެ. އެގޮތުން އޭރު އެމްޑީޕީން އެ ވޯޓުގެ ނަތީޖާ ބަލައިނުގަންނަކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެ ގާނޫނު އަސާސީ ތަންފީޒުކުރަން ރިޔާސީ ނިޒާމެއްގައި އެމަނިކުފާނަށް ލިބިވަޑައިގަތް ކަމަށާއި އެކަމަކު އެއާއެކު ހުރިހާ ދައްޗެއް ވެސް ކުރިމަތިވީ ފެހި ގާނޫނު އަސާސީއަކީ ރިޔާސީ ނިޒާމަކަށް ފައްކާވެފައި އޮތް ގާނޫނު އަސާސީއަކަށް ނުވުމުން ކަމަށެވެ.

"އެއީ މި ގާނޫނު އަސާސީއަކީ ތޮބީއީ ގޮތުން ރިޔާސީ ނިޒާމަކަށް ފައްކާވެފައި އޮތް ގާނޫނު އަސާސީއެއް ނޫން،"

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ގާނޫނު އަސާސީއަށް އެހާ އަވަސް އަވަހަށް އިސްލާހު ގެނައުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ފެނިވަޑައިނުގަންނަވާ ކަމަށާއި އެގޮތުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބަދަލުގައި ހިންގުމުގެ ތެރެއިން ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. 

އޭގެ އިތުރުން ވިދާޅުވީ، މިހާރުން މިހާރަނަށް ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހެއް އޮތް ކަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އަބަދުވެސް ގަބޫލުކުރައްވަނީ ވެރިކަމުގެ ނިޒާމަކަށް އެންމެ ރަނގަޅުވާނީ ބަރުލަމާނީ ނިޒާމު ކަމަށް ވެސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް